ޑޮލަރުގެ މައްސަލަ- ރާއްޖޭގައި ހުރި މީހެއްގެ ކާޑު ބޭރުގައި ބޭނުން ނުކުރެވޭ ގޮތް ހަދަނީ

ރާއްޖޭގައި ހުރި މީހެއްގެ ކާޑު ރާއްޖޭން ބޭރުގައި ބޭނުން ނުކުރެވޭގޮތް ހަދައި ކިޔަވާ ކުދިންނަށް ޚާއްސަ ކާޑެއް ތަޢާރަފުކުރުމަށް ނިންމާފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް އިން ބުނެފިއެވެ.
ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ ވިދާޅުވީ މި ފިޔަވަޅުތައް އަޅުއްވަން ނިންމަވާފައިވަނީ ބޭންކުން ޑޮލަރު ގަންނަން ލިބޭވަރަށްވުރެ ޑޮލަރު ވިއްކޭ އަދަދު އިތުރުވެފައިވާތީ ކަމަށެވެ.
ޝަރީފް ވިދާޅުވީ ހަމަހަމަކޮށް ހުރިހާ ރައްޔިތުންގެ އެންމެ ޒަރޫރީ ބޭނުންތަކަށް ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ކޮންމެހެން ފިޔަވަޅުތައް އަޅަން ޖެހިފައިވާ ކަމަށާއި އެގޮތުން، ރާއްޖޭގައި ހުންނަ މީހެއްގެ ކާޑު ބޭނުންކޮށްގެން ރާއްޖޭން ބޭރުގައި ވިޔަފާރި ކުރުމާއި ފައިސާ ނެގުން ފަދަ ކަންކަން ފާހަގަކުރެވިފައިވާ ކަމަށާއި އެކަން ހައްލުކުރުމަށް ރާއްޖޭގައި ހުންނަ މީހެއްގެ ކާޑު ރާއްޖޭން ބޭރުގައި ބޭނުން ނުކުރެވޭގޮތް ހެދުމަށް ނިންމަވާފައިވާ ކަމަށެވެ.
ޝަރީފް ވިދާޅުވީ މި އިންތިޒާމުތައް ހަމަޖެހިގެންދާނީ ބީއެމްއެލް އާއި މޯލްޑިވްސް އިމިގްރޭޝަނާދެމެދު ގާއިމުކުރެވުނު ޑިޖިޓަލް އިންޓަގްރޭޝަނާއެކުގައި ކަމަށެވެ.
ޝަރީފް ވިދާޅުވީ މިގޮތަށް ނިންމެވި ނަމަވެސް ބޭރުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން އަމިއްލަ ކާޑެއް ނެތް ދަރިވަރުންނަށް ބެލެނިވެރިޔާ ރާއްޖޭގައި ހުރި ނަމަވެސް ބެލެނިވެރިޔާގެ ކާޑު ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ. އަދި އެފަދަ ދަރިވަރުންނަށް ޚާއްސަކޮށްގެން ވަކި ލިމިޓެއް ކަނޑައެޅިފައިވާ ކާޑެއް ތަޢާރަފުކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ސްޓޫޑެންޓުންނަށް 1200 ޑޮލަރާ ހަމައަށް ޚާއްސަ ލިމިޓެއް ކަނޑައެޅިފައި އޮންނަ ކަމަށާ އެހެންވީމަ އެ ލިމިޓާއެއްކޮށް އެ ކާޑު ލިބޭނެގޮތް ހަމަޖައްސައި މިދެއްވާނެ ކަމަށެވެ. އެގޮތަށް ހަމަޖައްސާ ނިމެންދެން މިހާރު ދަތިކަމެއްނެތި އެ ގެންގުޅުއްވާ ކާޑެއް ގެންގުޅެވޭގޮތަށް ހަމަޖައްސައިދެއްވާނެ ކަމަށެވެ. އަދި ދަރިވަރުންނަށް ޚާއްސަ ކާޑު ތަޢާރަފުކުރެވުމުން އެ ދަރިވަރުންނަށް އިތުރު ލުއިތަކާއި ފައިދާތައް ލިބޭނެ ކަމަށްވެސް ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.
މީގެ އިތުރުން، އީކޮމާސްއަށް ކަނޑައެޅޭ ބަޖެޓް ވީހާވެސް ހަމަހަމަ ގޮތަކަށް ބޭނުންކުރެވޭ ގޮތް ހަމަޖެއްސުމަށް، ކޮންމެ ކަސްޓަމަރަކަށް މަހަކު އީކޮމާސްގައި ހެދޭ ޓްރާންސެކްޝަންގެ ޢަދަދު 30 އަށް ކަނޑައެޅުން ވެސް ހިމެނޭކަން ޝަރީފް ފާހަގަކުރެއްވިއެވެ.
އިތުރަށް





.gif.gif&w=828&q=100)
