logo
logo
ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ ޓިކެޓް ކުރީގެ މެމްބަރު ސިނާނުއަށް

ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ ޓިކެޓް ކުރީގެ މެމްބަރު ސިނާނުއަށް

2026 އޭޕްރީލު 25
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރުމަށް ޕީއެންސީން މިއަދު ބޭއްވި ޕްރައިމަރީ ކާމިޔާބު ކުރައްވާ އެ ދާއިރާގެ ޕީއެންސީ ޓިކެޓް، ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު ސިނާނު ހޯދައިފިއެވެ.

މިއަދު ބޭއްވުނު މި ޕްރައިމަރީގައި އެ ދާއިރާގެ ކުރީގެ މެމްބަރު ސިނާނުއާ ވާދަކުރެއްވީ ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލް މެމްބަރު އަޙުމަދު ސަޢީދުއެވެ.

މާލޭގައި އަދި އައްޑޫ ހިތަދޫގައި މިއަދު ވޯޓުލުން ކުރިއަށް ގެންގޮސްފައިވާއިރު ސިނާނުއަށް 226 ވޯޓު ލިބިވަޑައިގެންނެވިއިރު ސައީދަށް ލިބިވަޑައިގެންނެވީ 187 ވޯޓެވެ. 

މި ޕްރައިމަރީގައި 727 މީހަކަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވާއިރު، މާލޭގައި ބެހެއްޓި ވޯޓުފޮށިން ސިނާން 59 ވޯޓު ސައީދަށް 37 ވޯޓު އަދި ހިތަދޫގައި ބެހެއްޓި ވޯޓުފޮށިން ސިނާން 167 ވޯޓު ހޯއްދެވިއިރު ސައީދު 150 ވޯޓު ހޯއްދެވިއެވެ.

މި މަހުގެ 12 ވަނަ ދުވަހު ސުޕްރީމް ކޯޓުން ކުރި ޙުކުމަކާއި ގުޅިގެން ރައްޔިތުންގެ މަޖިލިހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވިއިރު ގޮނޑީގައި އިންނެވީ ސިނާނުއެވެ.

ސިނާނުގެ ގޮނޑި ގެއްލުނީ، ސިނާން އިތުރު މީހަކާ ބައިވެރިވެގެން އިސްލާމިކް ބޭންކުން ނެގި ލޯނަކަށް 2.5 މިލިއަން ރުފިޔާ ދައްކަން އޮކްޓޯބަރު 2024 ގައި ކުރި ޙުކުމަކާ އެއްގޮތަށް ފައިސާ ނުދެއްކެވި މައްސަލައިގައެވެ.

އަންނަ ޖޫން މަހުގެ 6 ގައި ބާއްވަން ހަމަޖެހިފައިވާ މި ބައި އިލެކްޝަންގައި ސިނާނުއާ ވާދަކުރާން މިހާތަނަށް ނިންމާފައި ވަނީ އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި، އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އެވެ.

 

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް