logologologologo
STO
ޚަބަރު

ޚާއްސަ އެހީއަށް ބޭނުންވާ ފިރިހެނަކަށް ޖިންސީ ގޯނާކުރި ފިރިހެނަކު 18 އަހަރަށް ޖަލަށްލުމަށް ޙުކުމްކޮށްފި

ޚާއްސަ އެހީއަށް ބޭނުންވާ ފިރިހެނަކަށް ޖިންސީ ގޯނާކުރި ފިރިހެނަކު 18 އަހަރަށް ޖަލަށްލުމަށް ޙުކުމްކޮށްފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 އޭޕްރީލު 21

ޚާއްސަ އެހީއަށް ބޭނުންވާ ފިރިހެނަކަށް ޖިންސީ ގޯނާކުރި ފިރިހެނަކު 18 އަހަރަށް ޖަލަށްލުމަށް ޙުކުމްކޮށްފިއެވެ.

ފުލުހުން ބުނީ ދިވެހި ފުލުހުންގެ ޚިދުމަތުން ތަޙުޤީޤުކުރި، ޚާއްސަ އެހީއަށް ބޭނުންވާ ފިރިހެނަކާއެކު ޖިންސީ ޢަމަލު ހިންގާފައިވާ މައްސަލައެއްގައި ދަޢުވާ އުފުލި މީހެއްގެ މައްޗަށް ކުށް ސާބިތުވެ 18 އަހަރަށް ޖަލަށް ލުމަށް ކޯޓުން ޙުކުމް ކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގައި ދަޢުވާ އުފުލާފައިވަނީ ފުނާޑު.ނަވާ / ޏ. ފުވައްމުލައް، ޢަބްދުﷲ ވަޙީދު މޫސާ (58އ) ގެ މައްޗަށެވެ. އޭނާގެ މައްޗަށް ދަޢުވާކޮށްފައިވަނީ (ޤާނޫނު ނަންބަރު 12/2009) ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން ކަމަށް ފުލުހުން ބުންޏެވެ.

ދިވެހި ފުލުހުންގެ ޚިދުމަތަށް މި މައްސަލަ ހުށަހެޅުމާއެކު، ފުލުހުން ވަނީ މައްސަލައިގެ ތަޙުޤީޤު ފަށާފައެވެ. މި މައްސަލައިގެ ތަޙުޤީޤު ނިންމުމަށްފަހު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން، އެ އޮފީހުން ވަނީ ކޯޓަށް މައްސަލަ ހުށަހަޅައި ދަޢުވާ އުފުލާފައެވެ.

މި މައްސަލައިގައި ހުށަހެޅުނު ހެކިތަކަށާއި ޤާނޫނީ ބަހުސްތަކަށް ބެލުމަށްފަހު، 2026 އެޕްރީލް 19 ވަނަ ދުވަހު ޢަބްދުﷲ ވަޙީދު މޫސާގެ މައްޗަށް ކޯޓުން ވަނީ ޙުކުމްކޮށްފައެވެ. މި ކުށުގެ އުޤޫބާތެއްގެ ގޮތުން ޢަބްދުﷲ ވަޙީދު މޫސާ 18 އަހަރަށް ޖަލަށްލުމަށް ކަނޑައަޅައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 186 ވަނަ މާއްދާގެ ދަށުން ޢަބްދުﷲ ވަޙީދު މޫސާ، މި ދަޢުވާއާ ގުޅިގެން ބަންދުގައި ހުރި 1 އަހަރާއި 7 މަހާއި 9 ދުވަސް ޙުކުމުގެ މުއްދަތުން އުނިކޮށް، ޢަބްދުﷲ ވަޙީދު މޫސާ ތަންފީޒުކުރަންޖެހޭ މުއްދަތަކީ 16 އަހަރާއި 4 މަހާއި 21 ދުވަހުގެ ޖަލު އަދަބުކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

މި މައްސަލައަކީ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ހުއްޓުވައި އެފަދަ މައްސަލަތައް ތަޙުޤީޤުކޮށް، ކުށްވެރިން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވުނު ކާމިޔާބު މަސައްކަތެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މިފަދަ ކުށްތަކުން ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ރައްކާތެރިކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފަސްޖެހުމެއްނެތި ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުން ގެންދާނެ ކަމަށެވެ.

MALDIVE GASAllied Insurance
އިތުރަށް