މުދާ އެއްކޮށް އެއިން ޒަކާތް ނުދައްކާ މީހުނަށް އާޚިރަތުގައި ވޭންދެނިވި އަޒާބުހުރި: ޚުޠުބާ

މުދާ އެއްކޮށް އެއިން ޒަކާތް ނުދައްކާ މީހުނަށް އާޚިރަތުގައި ވޭންދެނިވި އަޒާބުހުރިކަމުގެ ޚަބަރު މާތް ﷲ ސ.ވ.ތ. ދެއްވާފައިވާ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
އިޖުތިމާޢީ ޢަދާލަތު ޤާއިމުކުރުމުގައި ޒަކާތުގެ ދައުރުގެ މައްޗަށް މިއަދު އިއްވި ޚުޠުބާގައި ވިދާޅުވީ މުދަލު ޒަކާތަކީ ހަމައެކަނި އަދާކޮށްލާ ދީނީ ވާޖިބެއް ނުވަތަ ދެވޭ ޞަދަޤާތެއް ނޫން ކަމަށާއި އެއީ ނިކަމެތީންނަށް ދެވޭ ހެޔޮފޯރުވުމެއް ވެސް ނޫން ކަމަށާއި އެއީ މާތްﷲ ފަރުޟު ކުރައްވާފައިވާ އިސްލާމްދީނުގެ ރުކުނެއް ކަމަށެވެ.
ޚުޠުބާގައި ވިދާޅުވީ މުދަލު ޒަކާތަކީ އިސްލާމްދީނުގެ ބިންގަލާ ގުޅިފައިވާ، ޢަދުލުވެރިކަމާ އިންޞާފުގެ މައްޗަށް ބިނާވެފައިވާ މަތިވެރި އިލާހީ ނިޒާމެއް ކަމަށެވެ.
"ޒަކާތުގެ މާނައަކީ ޠާހިރުވުމާއި އިތުރުވުމެވެ. ޒަކާތް ނެރޭ މީހާގެ ނަފުސު، ދަހިވެތިކަމާއި މުށްބާރުކަމާއި، ފަނާވެދަނިވި މި ދުނިޔޭގެ މުދަލަށް އޮންނަ ލޯބީން، ޠާހިރުކޮށްދެއެވެ. ހަމައެއާއިއެކު، ހިސާބުކިތާބުން އަންދާޒާ ވެސް ނުކުރެވޭފަދަ ގޮތެއްގައި މުދަލުގައި ބަރަކާތް ލައްވައެވެ." ޚުޠުބާގައި ވިދާޅުވިއެވެ.
ކީރިތި ޤުރުއާނުގައި 28 އަކަށް އާޔަތުގައި ނަމާދާއިއެކުގައި ޒަކާތުގެ ވާހަކަ މާތްﷲ ވަޙީ ކުރައްވާފައިވާ ކަމަށާއި މިދެ އަޅުކަން މިފަދައިން ގުޅިލާމެހިފައިވުމުން ދޭހަކޮށްދެނީ ވަރަށް ފުންމާނައެއްކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.
މާތްﷲ ގެ ވަޙީ ބަސްފުޅެއްގެ މާނައިގައި ވާކަމަށް ޚުޠުބާގައި ވިދާޅުވީ "އަދި ރަނާއި ރިހި ޚަޒާނާކޮށް ﷲގެ މަގުގައި އެތަކެތި ހޭދަނުކޮށް ތިބޭ މީހުން ދަންނާށެވެ. ފަހެ ވޭންދެނިވި ޢަޒާބު ހުރިކަމުގެ ޚަބަރު އެއުރެންނަށް ކަލޭގެފާނު ދެއްވާށެވެ. އެގޮތުގެމާތީން އޭނާ އެއްކޮށް ޚަޒާނާކުޅަ ރަންރިހި، އެދުވަހުން ނަރަކައިގެ އަލިފާނުން ދޮންކުރައްވައި އެތަކެތީން އެއުރެންގެ ނިތްކުރިތަކުގައްޔާއި އަރިކަށިތަކުގައްޔާއި ބުރަކަށިތަކުގައި ފާހަގަލަމުން ގެންދަވާނެތެވެ. އަދި އަންގަވާނެތެވެ. މިހިރީ، ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށްޓަކައި އެއްކޮށް ޚަޒާނާކުޅަ ތަކެއްޗެވެ. ފަހެ ތިޔަބައިމީހުން ޚަޒާނާކޮށް އުޅުނު ތަކެތީގެ ރަހަ ދެކިބަލާށެވެ." މިފަދައިންނެވެ.
ޚުޠުބާގައި ވިދާޅުވީ ޒަކާތް ނުދީ ހިފެހެއްޓުމަކީ މުދާ ރައްކާތެރިކޮށްދޭނޭ އެއްޗެއް ނޫންކަމަށާއި އެއީ މުދަލުން ބަރަކާތް ކެނޑޭނޭ ކަމެއް ކަމަށެވެ. އަދި ﷲ ދެއްވި މުދަލުން އިޚުލާޞްތެރިކަމާއިއެކު ހޭދަކުރި މީހާއަށް ޤިޔާމަތް ދުވަހުން ޢަރުޝީގެ ހިޔާ ލިބޭނެކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.
ޒަކާތް އޭގެ ޙައްޤުވެރިންނަށް ފޯރުކޮށްދީ މުޖުތަމަޢުގައި ޒަކާތުގެ ނިޒާމު ދިރުވުމަށް ޚުޠުބާގައި ވަނީ ގޮވާލައްވައިފައެވެ.
އިތުރަށް





.gif.gif&w=828&q=100)
