logologologologo
STO
ޚަބަރު

ސީލައިފްގެ ވެރިޔާގެ މައްޗަށް ކުރިމިނަލް ކޯޓުން ކުރި ޙުކުމް އިސްތިޢުނާފް ކުރަނީ

ސީލައިފްގެ ވެރިޔާގެ މައްޗަށް ކުރިމިނަލް ކޯޓުން ކުރި ޙުކުމް އިސްތިޢުނާފް ކުރަނީ
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 އޭޕްރީލު 09

ސީލައިފްގެ ވެރިޔާގެ މައްޗަށް ކުރިމިނަލް ކޯޓުން މިއަދު ކުރި ޙުކުމް އިސްތިޢުނާފް ކުރަން ދައުލަތުން ނިންމާފައިވާކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީސް، ޕީޖީ އޮފީހުން ބުނެފިއެވެ.

މި މައްސަލައަކީ ހައުސިންގ ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑްއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3000 (ތިންހާސް) ހައުސިން ޔުނިޓް އެޅުމަށް ހަވާލުކުރުމުން، އެ މަސައްކަތް ނުކޮށް ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލައެވެ.

އެ ކުންފުންޏަށް ހައުސިން ޔުނިޓުތައް އެޅުމަށް ދީފައިވާ މުއްދަތުގައި ހައުސިން ޔުނިޓްތައް އެޅުމުގެ ޢަމަލީ މަސައްކަތް ފުރިހަމަނުކޮށް މަކަރާއި ޙީލަތުން އެކި މީހުން އަތުން ބޮޑެތި ޢަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާކަމަށް އެ ކުންފުންޏަށް ވަނީ ތުޙުމަތުކޮށްފައެވެ.

ޕީޖީ އޮފީހުން ބުނީ މި މައްސަލާގައި، ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު މޫސާ މުޙައްމަދުގެ މައްޗަށް ޤާނޫނު ނަންބަރު: 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 215 ވަނަ މާއްދާގެ (ހ) އާއި، އެ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް، ޚިޔާނާތްތެރިވުމުގެ ކުށުގެ 42 (ސާޅީސް ދޭއް) ދަޢުވާ 30 މޭ 2021 ގައި ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާނެ ކަމަށެވެ. 

"މި މައްސަލައިގެ ޝަރީޢަތް ހިންގުމަށްފަހު، ދަޢުވާތައް ސާބިތުނުވާކަމަށް މިއަދު، 9 އެޕްރީލް 2026 ދުވަހު ކްރިމިނަލް ކޯޓުން ނިންމާފައިވެއެވެ. ދަޢުވާތައް ސާބިތުނުވާކަމަށް ނިންމާފައިވާ މައިގަނޑު ސަބަބަކީ، މި ދަޢުވާތަކަކީ މަދަނީ ޠަބީޢަތުގެ ދަޢުވާތަކެއްކަމަށާއި، އަޙްމަދު މޫސާ މުޙައްމަދުގެ މި ޢަމަލުތަކާ ގުޅިގެން ފިޔަވަޅު އަޅަންޖެހެނީ މަދަނީ ޢަދުލުގެ ނިޒާމުގެ ތެރެއިންކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރަށް ފެނިވަޑައިގަތުމެވެ." ޕީޖީ އޮފީހުން ބުންޏެވެ.  

ޕީޖީ އޮފީހުން ބުނީ މި މައްސަލާގައި އަޙްމަދު މޫސާ މުޙައްމަދުގެ މައްޗަށް ކޮށްފައިވާ ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާތަކަކީ، ޤާނޫނުލްޢުޤޫބާތުގެ 215 ވަނަ މާއްދާގައި ބަޔާންކުރާ ޚިޔާނާތްތެރިވުމުގެ ކުށުގެ ޢުންޞުރުތައް ފުރިހަމަވާ ދަޢުވާތަކެއްކަމަށް އެ އޮފީހުން ދެކޭ ކަމަށާއި މިއީ މަދަނީ ޠަބީޢަތުގެ މުޢާމަލާތްތަކެއްކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނީ މި ދަޢުވާތައް ސާބިތުކުރުމަށް ކޯޓަށް ހުށަހެޅި ހެކިތަކަށް އެކަށީގެންވާ މިންވަރަށް ރިޢާޔަތްކުރުމާ ނުލައި އަދި ޤާނޫނުގައި ޚިޔާނާތްތެރިވުމުގެ ކުށް ބަޔާންކޮށްފައިވާ ގޮތަށް ރަނގަޅުނޫން މާނަކުރުމެއް ދީގެންކަމަށް ދެކޭ ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.

ޕީޖީ އޮފީހުން ބުނީ މި ދަޢުވާތައް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ޤަޞްދުކުރާ ކަމަށެވެ.

 

MALDIVE GASAllied Insurance
އިތުރަށް