logo
logo
އެންމެ ގިނައީ އޮންލައިން ވިޔަފާރީގެ ސްކޭމްތައް: ފުލުހުން

އެންމެ ގިނައީ އޮންލައިން ވިޔަފާރީގެ ސްކޭމްތައް: ފުލުހުން

2026 އޭޕްރީލު 07
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ފުލުހުންނަށް ހުށަހެޅޭ މައްސަލަތަކުގެތެރެއިން އެންމެ ގިނައީ އޮންލައިން ވިޔަފާރީގެ ސްކޭމްތައް ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންނަށް ހުށަހެޅޭ މައްސަލަތަކުގެ ތަފާސްހިސާބު އާންމުކުރަމުން ފުލުހުން ބުނީ މިދިޔަ ހަފުތާގެ ތެރޭގައި ސްކޭމްގެ މައްސަލަތަކުގައި އާންމުންގެ އަތުން ގެއްލުނު ފައިސާގެ ބޮޑު ބައެއް ހޯދިފައިވާކަމަށެވެ.

 ފުލުހުންބުނީ އެންޓި-ސެކޭމް ސެންޓަރުގެ، 2026މާރިޗު 29 އިން އޭޕްރިލް 04 އާ ދެމެދު ހުށަހެޅިފައިވާ މައްސަލަތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޖުމްލަ 42 ސްކޭމްގެ މައްސަލަ އެ ސެންޓަރަށް ރިޕޯޓްކޮށްފައިވެއެވެ.

ފުލުހުން ބުނީ މި މައްސަލަތަކުގައި ގެއްލުނު ފައިސާގެ ޖުމްލަ އަދަދަކީ 322,270.00 ރުފިޔާ ކަމަށާއި އެންޓި-ސްކޭމް ސެންޓަރުން ކުރި މަސައްކަތުންނާއި، ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެޅި ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން 227,828.00 ރުފިޔާ (ގެއްލުނު ފައިސާގެ ގާތްގަނޑަކަށް 70 އިންސައްތަ) ވަނީ އަނބުރާ ހޯދިފައެވެ.

މިއީ ސްކޭމްގެ މައްސަލަތަކުގައި ގެއްލޭ ފައިސާ ހޯދުމުގައި ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށާއި އަދި މިއީ މައްސަލަ ހުށަހެޅޭ ވަގުތުން ފެށިގެން ކަމާބެހޭ އިދާރާތަކާ ގުޅިގެން އެޅޭ އަވަސް ފިޔަވަޅުތައް ހަލުވިވެފައިވާ މިންވަރާއި، ތަޙުޤީޤުގެ މަރުހަލާތަކުގައި ކުރެވޭ މުހިންމު މަސައްކަތްތަކުގެ ނަތީޖާ ކަމަށް ފުލުހުން ބުންޏެވެ.

 އެންމެ ގިނައީ އޮންލައިން ވިޔަފާރީގެ ސްކޭމްތައް ކަމަށްވާއިރު، މިދިޔަ ހަފުތާގައި ރިޕޯޓްކޮށްފައިވާ މައްސަލަތަކުގެ ތެރެއިން މިފަދަ ޖުމުލަ 30 މައްސަލައެއް ވަނީ ހުށަހެޅިފައެވެ. މީގެ ތެރޭގައި އޮޅުވާލައިގެން މުދާ ވިއްކާ ކަމަށް ދައްކައިގެންނާއި، ސައްހަ ނޫން މައުލޫމާތު ހިއްސާކޮށްގެން ހިންގާފައިވާ މުއާމަލާތްތައް ހިމެނެއެވެ.

ފުލުހުން ބުނީ އޮންލައިންކޮށް ވިޔަފާރިކުރާއިރު، ހާއްސަކޮށް ނަން މަޝްހޫރު ނޫން ޕްލެޓްފޯމްތަކާއި މީސްމީޑިއާގެ މާކެޓްޕްލޭސްތައް މެދުވެރިކޮށް މުދާ ގަންނައިރު، ވިއްކާ ފަރާތުގެ ސައްހަކަން ކަށަވަރުކުރުމަކީ މިފަދަ ސްކޭމްތަކުގެ ޝިކާރައަކަށްވުމުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅެކެވެ.

މީގެ އިތުރުން ހިނގާފައިވާ ސްކޭމްތަކުގެތެރޭގައި ބޭރު ފައިސާ މާރުކުރުމުގެ ތެރެއިން ހިންގާ ސްކޭމްގެ 4 މައްސަލައާއި މީހުންގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުމުގެ 4 މައްސަލަ ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.

މީގެއިތުރުން ވެސް އެހެނިހެން ސްކޭމްގެ 4 މައްސަލަ ހިމެނޭއިރު، މީގެ ތެރޭގައި އަލަށް އުފެދެމުންދާ ތަފާތު އުކުޅުތައް ބޭނުންކޮށްގެން ހިންގާ މައްސަލަތައް ހިމެނެއެވެ.

އެންޓި ސެކޭމް ސެންޓަރުގެ ހެޑް އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދު ވިދާޅުވީ ސްކޭމްތަކުން ސަލާމަތްވުމަށް އޮތް އެންމެ ވަރުގަދަ ހަތިޔާރަކީ ހޭލުންތެރިވުން ކަމަށެވެ.

ފައިސާގެ މުއާމަލާތެއް ކުރުމުގެ ތެރެއިން ނުވަތަ މުއާމަލާތެއް ކުރުމަށްފަހު ނަމަވެސް، ޝައްކުކުރެވޭ އެއްވެސް ކަމެއް ފާހަގަކުރެވިއްޖެނަމަ، ލަސްނުކޮށް ފުލުހުންނަށް އެކަން ރިޕޯޓްކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ. އަދި މިގޮތަށް އަވަހަށް ރިޕޯޓްކުރުމަކީ އިތުރު ބަޔަކު މިފަދަ ސްކޭމްތަކުގެ ޝިކާރައަކަށްވުން ހުއްޓުވުމަށާއި، ގެއްލޭ ފައިސާ އަނބުރާ ހޯދުމުގެ ފުރުސަތު އިތުރުވެގެންދާނެ ކަމެއް ކަމަށް ފުލުހުން ބުންޏެވެ.

އެންޓި-ސްކޭމް ސެންޓަރަށް ރިޕޯޓްކުރެއްވުމަށް 125 އަށް ގުޅުއްވުމަށްފަހު އެކްސްޓެންޝަން 2020 ބޭނުންކުރައްވާށެވެ. ނުވަތަ 911 އަށް ގުޅުއްވައިގެން މައްސަލަ ހުށަހެޅުއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގައި ގާއިމުކޮށްފައިވާ އެންޓި-ސްކޭމް ސެންޓަރަށް އެއް އަހަރު ފުރުމުގެ މުނާސަބަތުގައި ދެއްވި މެސެޖެއްގައި، އެންޓި-ސްކޭމް ސެންޓަރުގެ ހެޑް، އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދު ވިދާޅުވީ ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ސްކޭމްގެ ޝިކާރައަކަށްވާ މީހުން، އެކަން ރިޕޯޓުކުރުން ލަސްވުންކަމަށެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް