ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި 2 ދިވެހީން ހައްޔަރުކޮށްފި

ކުރިއަރ ސަރވިސް މެދުވެރިކޮށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހ. ނިބޫގެ / މާލެ، ޝަމްޢޫން ނަޞީރު (34އ) އާއި ގ. މާވާގެ / މާލެ، ޢަބްދުﷲ ޔާމީން (32އ) އެވެ.
މި ދެމީހުން ހައްޔަރުކޮށްފައި ވަނީ ކުރިއަރ ސަރވިސް މެދުވެރިކޮށް ރާއްޖެ އެތެރެކުރި ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރުމުން ހިންގި އޮޕަރޭޝަންގައެވެ.
މި މައްސަލައާ ގުޅިގެން މި މާރިޗު މަހުގެ 29 ވަނަ ދުވަހު އެ ދެމީހުން ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެމީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ.
މަސްތުވާތަކެތި ރާއްޖެ އެތެރެކުރުން ހުއްޓުވަން ކުރަންޖެހޭ މަސައްކަތްތައް ވަރުގަދަކޮށް، ސަރުކާރުގެ ކަމާބެހޭ އިދާރާތައް ގުޅިގެން ގިނަ މަސައްކަތްތަކެއް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރަމުން އަންނަކަން ފާހަގަ ކުރެވެއެވެ.
އިތުރަށް





.gif.gif&w=828&q=100)