logologologologo
STO
ޚަބަރު

ވ. އަތޮޅުގައި ހިންގި ޑައިވިން އޮޕަރޭޝަންގައި ބައިވެރިވި ސިފައިންނާއި ފުލުހުންގެ އަގުވަޒަންކޮށްފި

ވ. އަތޮޅުގައި ހިންގި ޑައިވިން އޮޕަރޭޝަންގައި ބައިވެރިވި ސިފައިންނާއި ފުލުހުންގެ އަގުވަޒަންކޮށްފި
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ޖޫން 18

ވ. އަލިމަތާ ކައިރީގައި އޮންނަ ކަނޑު ހޮހަޅައަށް ފޭބި އިޓަލީގެ ޑައިވަރުން މަރުވި ހިތާމަވެރި ހާދިސާއާ ގުޅިގެން ހިންގި ނުރައްކާތެރި އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންނާއި ސިފައިންގެ އަގު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަޒަންކުރައްވައިފިއެވެ.

މި އޮޕަރޭޝަންގެ ބައިވެރިންގެ ހިދުމަތުގެ އަގުވަޒަންކުރުމަށްޓަކައި ބަންޑާރަކޮށީގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތީ ހޯމް މިނިސްޓަރު އަލީ އިހުސާނާއި ޑިފެންސް މިނިސްޓަރު ހަސަން ރަޝީދެވެ.

މީގެ އިތުރުން ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީގެ އިތުރުން ފުލުހުންނާއި ސިފައިންގެ އިސް އޮފިސަރުން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ. މި ރަސްމިއްޔާތުގައި އޮޕަރޭޝަންގެ ބައިވެރިންނަށް ރައީސްގެ ފަރާތްޕުޅުން ވަނީ ހަނދާނީ ލިޔުން ހަވާލުކުރައްވާފައެވެ.

މި ހާދިސާއަކީ ފަހުގެ ތާރީޚެއްގައި ރާއްޖޭގައި ހިނގި، ޑައިވިންއާ ގުޅުންހުރި އެންމެ ހިތާމަވެރި އަދި އެންމެ ގިނަ ބަޔަކު މަރުވި ހާދިސާއެވެ. މި ހާދިސާގައި ދުނިޔެ ދޫކުރި އިޓަލީގެ ފަތުރުވެރިންނަކީ:

  • ފެޑެރިކޯ ގުއަލްޓިއޭރީ (ބޯގޯމަނޭރޯގެ ޑައިވަރެއް)
  • ޕްރޮފެސަރު މޮނިކާ މޮންޓެފަލްކޯން (ޔުނިވަސިޓީ އޮފް ޖެނޯއާގެ ޕްރޮފެސަރެއް)
  • ޖޯޖިއާ ސޮމާކަލް (ޕްރޮފެސަރު މޮނިކާގެ އަންހެން ދަރިފުޅު)
  • މިއުރިއަލް އޮޑެނީނޯ (އިޓަލީގެ ޓޫރިންގެ ރައްޔިތެއް)
  • ޖިއަންލޫކާ ބެނެޑެޓީ (އިޓަލީގެ ޕަޑުއާގެ ރައްޔިތެއް)

ގެއްލުނު މީހުން ހޯދުމުގެ ނުރައްކާތެރި މަސައްކަތުގައި އުޅެނިކޮށް، އެމްއެންޑީއެފް ކޯސްޓްގާޑުގެ އެންމެ ތަޖުރިބާކާރު އެއް ޑައިވަރު ކަމަށްވާ ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ ވަނީ ނިޔާވެފައެވެ.

މަހުދީ ނިޔާވުމާ ގުޅިގެން ދިވެހި ސިފައިންނާއި ފުލުހުންގެ އޮޕަރޭޝަން ވަގުތީގޮތުން މެދުކަނޑާލަން ޖެހުނެވެ. އެއަށްފަހު، ހޮހަޅައިގެ ފުން ސަރަހައްދުތަކުގައި ބާކީ ހުރި މަސައްކަތްތައް ކުރިއަށްގެންގޮސް ނިންމާލީ ފިންލޭންޑުގެ ޚާއްސަ ޑައިވަރުންގެ އެހީތެރިކަމާއެކުގައެވެ. މިއަދުގެ ރަސްމިއްޔާތަކީ މި ނުރައްކާތެރި މިޝަންގައި ފުރާނަ އަތްމައްޗަށް ލައިގެން މަސައްކަތްކުރި އަދި ގައުމަށްޓަކައި ގުރުބާންވި ފަރާތްތަކުގެ ހަނދާން އައުކޮށް، ޝަރަފުވެރިކުރި ރަސްމިއްޔާތެކެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް