ހަނގުރާމާގައި ބައިވެރިނުވާ ގައުމުތަކުގެ އުޅަނދުތަކަށް ހޮރްމޫޒް ކަނޑޯޅިން ދެވޭނެކަން އީރާނުން އަންގައިފި

އީރާނާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލުން ދޭ ހަމަލާތަކުގައި ބައިވެރިނުވާ އަދި އެހީތެރިކަމެއް ވެސް ނުދޭ ގައުމުތަކުގެ އުޅަނދުތަކުން ކަމާބެހޭ އިދާރާތަކާ ގުޅިގެން ސަލާމަތީ މިންގަނޑުތަކަށް އަމަލުކުރާ ނަމަ ހޮރްމޫޒް ކަނޑޯޅިން ދަތުރުކުރުމުގެ ފުރުސަތު ދޭނެކަން އީރާނުން ރަސްމީކޮށް އަންގާފައިވާ ކަމަށް އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައި.އެމް.އޯ) އިން ބުނެފި އެވެ.
"ދުޝްމަނު ނޫން އުޅަނދުތަކުން — އީރާނާ ދެކޮޅަށް ހިންގާ އުދުވާނީ ހަމަލާތަކުގައި ބައިވެރިނުވާ އަދި އެފަދަ ކަންކަމަށް ވާގިވެރިނުވާ ނަމަ — އަދި ކަނޑައެޅިފައިވާ ސަލާމަތީ ގަވާއިދުތަކަށް ފުރިހަމައަށް ބޯލަނބާނަމަ — ކަމާބެހޭ އިދާރާތަކާ ގުޅިގެން ހޮރްމޫޒް ކަނޑުއޮޅިން ރައްކާތެރިކަމާ އެކު ދަތުރުކުރުމުގެ ފުރުސަތު ލިބޭނެ،" އެ ބަޔާނުގައިވެ އެވެ.
އައިއެމްއޯ އިން އަންގާރަ ދުވަހު ބުނީ، އާދިއްތަ ދުވަހުގެ ތާރީހުގައި އީރާނުގެ ފޮރިން މިނިސްޓްރީން ފޮނުވި މި ބަޔާން މެންބަރު ގައުމުތަކާއި ޖަމިއްޔާތަކާ ހިއްސާކޮށްދޭން އެދިފައިވާ ކަމަށާއި އެހެންވެ އެގޮތަށް އަމަލުކޮށްފައިވާ ކަމަށެވެ.
ނަމަވެސް، އެ ބަޔާނުގައި ވަނީ "އުދުވާނު ހިންގާ ފަރާތްތައް ކަމަށްވާ އެމެރިކާ އާއި އިޒްރޭލަށް ނިސްބަތްވާ އެއްވެސް އުޅަނދެއް ނުވަތަ މުދަލެއް، އަދި އެ އުދުވާނުގައި ބައިވެރިވާ އެހެން ފަރާތްތަކުގެ އުޅަނދުތަކަށް ވެސް" މި ކަނޑުއޮޅިން ދަތުރުކުރުމުގެ ހުއްދަ ނޯންނާނެކަން ފާހަގަކޮށްފަ އެވެ.
އީރާނުން ތުހުމަތުކުރާ ގޮތުގައި، މި މުހިންމު ކަނޑުގެ ސަރަހައްދުގެ ނުތަނަވަސްކަމާއި ސަލާމަތީ ނުރައްކާތަކުގެ ފުރިހަމަ ޒިންމާ އުފުލަންޖެހޭނީ އީރާނާ ދެކޮޅަށް "ޣައިރު ގާނޫނީ ހަނގުރާމައެއް" ފަށާފައިވާ އެމެރިކާ އާއި އިޒްރޭލުންނެވެ.
ގާތްގަނޑަކަށް މަހެއްހާ ދުވަހަށް ދެމިގެންގޮސްފައިވާ ހަނގުރާމަ ނިމުމަކަށް އަތުވެދާނެ ކަމުގެ އުންމީދު ބޮޑުވެއްޖެ ކަމަށް ވިދާޅުވަމުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް ސުލްހައިގެ ޕްލޭނެއް ވެސް ވަނީ ހާމަ ކޮށްފައެވެ.
ޓްރަމްޕުގެ ސުލްހައިގެ ޕްލޭން
މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ޕާކިސްތާނު މެދުވެރިކޮށް އެމެރިކާއިން ވަނީ 15 ނުކުތާގެ މައްޗަށް އެކުލެވޭ ސުލްހައިގެ ޕްލޭނެއް އީރާނަށް ފޮނުވައިފަ އެވެ. މި ޕްލޭންގައި ހިމެނޭ މުހިންމު ބައިތަކަކީ:
- އެއް މަސް ދުވަހަށް ހަމަލާތައް ހުއްޓާލުން: ދެ ފަރާތުން އެއް މަސް ދުވަހަށް ހަނގުރާމަ ހުއްޓާލައި މަޝްވަރާ ފެށުން.
- ނިއުކްލިއާ ހަތިޔާރު މަނާކުރުން: އީރާނުން ޔުރޭނިއަމް މުއްސަނދިކުރުން ހުއްޓާލައި، މިހާރު ހުރި ޔުރޭނިއަމްތައް ހަވާލުކުރުން.
- ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުން: ޝަރުތުތަކަށް އީރާނުން އެއްބަސްވެއްޖެ ނަމަ، އެ ގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ހުރިހާ ފިޔަވަޅުތަކެއް އުވާލުން.
- މަދަނީ ނިއުކްލިއާ އެހީ: ބޫޝެހްރުގައި ހުރި އީރާނުގެ މަދަނީ ނިއުކްލިއާ މަރުކަޒު ތަރައްގީކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުން.
- ކަނޑޯޅި ހުޅުވާލުން: ހޮރްމޫޒް ކަނޑޯޅިން ރައްކާތެރިކަމާ އެކު ދަތުރުކުރެވޭނެ މަގު އީރާނުން ދާއިމީކޮށް ކަށަވަރުކޮށްދިނުން.
އިތުރަށް



.jpg&w=3840&q=100)

.gif.gif&w=828&q=100)