ޓްރަމްޕް އުފެއްދި "ބޯޑް އޮފް ޕީސް" ގައި އެއްވެސް ފައިސާއެއް ނެތް

ޣައްޒާ އަލުން އާރާސްުތު ކުރަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އުފެއްދި "ބޯޑް އޮފް ޕީސް" ގައި އެއްވެސް ފައިސާއެއް ނެތްކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޣައްޒާ އަލުން އާރާސްތުކުރުމަށްޓަކައި ޓްރަމްޕްގެ "ބޯޑް އޮފް ޕީސް" އިން ބޮޑެތި އެހީތަކެއްގެ ވައުދުތައް ވެފައިވީ ނަމަވެސް، ހަތަރު މަސް ފަހުންވެސް ރަސްމީ ފަންޑުގައި އެއްވެސް ފައިސާއެއް ނެތެވެ.
މީގެއިތުރުން، ޣައްޒާ އާރާސްތުކުރުމުގެ އެއްވެސް މަޝްރޫޢެއް ވެސް އަދި ފެށިފައެއް ނުވެއެވެ.
ވޯލްޑް ބޭންކުން މެނޭޖްކުރާ ފަންޑަށް، އެހީދޭ ފަރާތްތަކުން ފައިސާ ނުދީ ދޫކޮށްލަމުންދާ ކަމަށް ބެލެވޭއިރު، ޤާނޫނީ، ސިޔާސީ އަދި ސަލާމަތީ ދެބަސްވުންތަކުގެ ސަބަބުން އެ ފަންޑުގެ މަސައްކަތް ވަނީ ކުރިއަށްނުގޮސް ތާށިވެފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.
ބޯޑް އޮފް ޕީސްއަކީ ޓްރަމްޕް އިސްނަންގަވައިގެން، ޣައްޒާ ހިމެނޭގޮތަށް ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ސުލްޙަޤާއިމްކުރުމަށާއި، ހަނގުރާމައަށްފަހު ޣައްޒާ އަލުން ބިނާކުރުމުގެ މަސައްކަތް ބެލެހެއްޓުމަށް އުފައްދާފައިވާ ބައިނަލްއަޤްވާމީ ފަންޑެކެވެ.
މި ބޯޑު އުފެއްދުމުގެ ޚިޔާލު 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ހުށަހެޅުނު ނަމަވެސް، ރަސްމީކޮށް އިފްތިތާޙްކުރީ 2026 ޖެނުއަރީ މަހު ސްވިޒަލޭންޑްގެ ދާވޯސްގައި ބޭއްވުނު ވޯލްޑް އިކޮނޮމިކް ފޯރަމްގެ ހަވާސާގައެވެ.
އދ. ގެ ސަލާމަތީ މަޖިލީހުގެ ޤާރާރު 2803 ގެ ދަށުން މި ބޯޑަށް ވަނީ ތާއީދުލިބިފައެވެ. އަދި ޣައްޒާގައި ސުލްޙަ ބެލެހެއްޓުމަށްޓަކައި "އިންޓަރނޭޝަނަލް ސްޓެބިލައިޒޭޝަން ފޯސް" (ބައިނަލްއަޤްވާމީ ސުލްޙަ ބަލަހައްޓާ ފައުޖެއް) ފޮނުވުމުގެ ހުއްދަވެސް މި ބޯޑަށް ދީފައިވެއެވެ.
މި ބޯޑުގެ މައިގަނޑު ބޭނުމަކީ އިސްރާއީލް-ޙަމާސް ހަނގުރާމައަށްފަހު، ޣައްޒާ ހިންގުމަށް އެކުލަވާލެވޭ ފަލަސްޠީނުގެ ޓެކްނޯކްރެޓުންގެ ކޮމިޓީގެ މަސައްކަތްތައް ސުޕަވައިޒްކުރުމާއި، ޣައްޒާ އަލުން އާރާސްތުކުރުމެވެ.
ބައެއް ޤައުމުތަކުން ތުހުމަތުކުރާ ގޮތުގައި މި ބޯޑަކީ އދ.ގެ ބާރު ކަނޑުވާލައި، އދ. ގެ ބަދަލުގައި ޓްރަމްޕްގެ އަމިއްލަ ނުފޫޒު ދެއްކުމަށް އުފައްދާފައިވާ މުއައްސަސާއެކެވެ. ޓްރަމްޕް އަމިއްލަފުޅަށްވެސް ވަނީ މިއީ އދ. އަށްވުރެ މާ ނުފޫޒުގަދަ ބޯޑަކަށް ވެދާނެ ކަމަށް ވިދާޅުވެފައެވެ.
އިތުރަށް

.jpg&w=3840&q=100)



.gif.gif&w=828&q=100)