ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 114 ޑޮލަރަށް އަރައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ހެދި ތެލުގެ އަގު އުފުލެމުން ގޮސް، ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 114 ޑޮލަރަށް އަރައިފި އެވެ.
އެމެރިކާ އާއި އިސްރާއީލް ގުޅިގެން އީރާނަށް ދެމުން އަންނަ ހަމަލާތަކާ ގުޅިގެން މި މަހުގެ 3 ވަނަ ދުވަހު އީރާންގެ ރިވޮލިއުޝަނަރީ ގާޑް ފޯސްއިން ވަނީ ހޮރްމޫޒް ކަނޑުއޮޅި ބަންދު ކުރިކަން އިއުލާނުކޮށްފައެވެ. މިއާއި އެކު ތެލުގެ އަގު އިންތިހާއަށް ބޮޑުވެގެން ދާނެކަމަށް ކަމާބެހޭ މާހިރުން ވަނީ ބުނެފައެވެ.
ހަނގުރާމައިގެ ކުރިން ތެޔޮ ފީފާއެއްގެ އަގު ހުރީ އެވްރެޖުކޮށް 70 ޑޮލަރުގަ އެވެ. އެހެންވެ މިއީ ގާތްގަނޑަކަށް 40 ޕަސެންޓްގެ އުފުލުމެކެވެ.
އެންމެފަހުން ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރުން މައްޗަށް އެރީ ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ ކުރީކޮޅު އުފެދުނު ހާސްކަމުގެ ތެރޭގައި 2022 ވަނަ އަހަރު އެވެ.
ހަކަތައާއި ބެހޭ ތަޖުރިބާކާރެއް ކަމަށްވާ އެޑް ހާސް ބުނެފައިވަނީ އީރާނާއި ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ދޭ އަސްކަރީ ހަމަލާތަކުގެ ސަބަބުން ތެލުގެ ސަޕްލައި ހުއްޓުމަކަށް އައިސްފިނަމަ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލިގެންދާނެ ކަމަށެވެ.
މިއާއެކު، މި އަދަދު 114 ޑޮލަރަށް ވުރެ މައްޗަށް އަދި އުފުލޭނެ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ލަފާކުރެއެވެ.
އީރާނާއި އޮމާނާ ދެމެދުގައި އޮންނަ ހޮރްމޫޒް ކަނޑުއޮޅިއަކީ ދުނިޔޭގައި އެންމެ މުހިންމު އަދި ތެޔޮ ހިފައިގެން ބޯޓުތައް ދަތުރު ކުރާ މަގުތަކުގެ ތެރެއިން އެއް މަގެވެ. ދުނިޔޭގެ ޖުމްލަ ތެލުގެ ސަޕްލައިގެ ގާތްގަނޑަކަށް 20 އިންސައްތަ ދަތުރުކުރަނީ މި ކަނޑުއޮޅިންނެވެ. އެ ސަރަހައްދަށް އެއްވެސް ބުރޫއެރުމެއް އައިސްފި ނަމަ ސާފުނުކުރާ ތެލުގެ އަގު ބޮޑުތަނުން މައްޗަށް ދިއުމުގެ ފުރުސަތު ބޮޑުވެ، ސަރަހައްދީ ހަމަނުޖެހުން އިތުރަށް ފުޅާވެދާނެ ކަމުގެ ބިރުވެރިކަން އުފެދޭނެއެވެ.
އިތުރަށް





.gif.gif&w=828&q=100)
