
ދޮޅު މަހުން 72 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި
މި އަހަރުގެ ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި 72.2 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ އެންމެ އިސްކަމެއްދީގެން ކުރަމުންދާ މުހިންމު އެއް މަސައްކަތަކީ ރާއްޖެއަށް އެތެރެކުރާ މަސްތުވާތަކެތި މަދުކުރުން ނުވަތަ ހުއްޓުވުމުގެ މަސައްކަތް ކަމަށެވެ.
އެގޮތުން ފާއިތުވެދިޔަ ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި ފުލުހުންނާއި ކަސްޓަމްސްއިން ގުޅިގެން ހިންގި ތަފާތު އޮޕަރޭޝަންތަކުގެ ނަތީޖާއެއް ގޮތުން 83،450 ގްރާމްގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށާއި މިއީ މަގުމަތީގެ އަގުން ނަމަ 72.2 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އެ މަސްތުވާތަކެތީގެ ތެރެއިން އަށް މައްސަލައެއްގައި ކަސްޓަމްސް އިން ވަނީ 72 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައި ކަމަށެވެ. އެ ތަކެތި އަތުލައިގަތީ އެއްގަމުގެ މަގުންނާއި ވައިގެ މަގުން އެތެރެ ކުރަނިކޮށް އަދި ކަނޑުމަގުން އައިސްފައި ރާއްޖެއަށް އެތެރެކުރަނިކޮށް ކަމަށް ވިދާޅުވިއެވެ.
ވަޒީރު އިހުސާން ވިދާޅުވީ މި ސަރުކާރުގެ އެންމެ އިސް އަމާޒަކީ ރާއްޖޭގައި އޮތް މަސްތުވާތަކެތީގެ ބޮޑު މައްސަލައަށް ދާއިމީ ހައްލެއް ގެނައުން ކަމަށެވެ. އެގޮތުން ސަޕްލައި ރިޑަކްޝްކުރުމަށް ކުރެވޭ މުހިންމު މަސައްކަތުގައި މިދިޔަ ދޮޅު މަހެއްހާ ދުވަހު ވަނީ ބޮޑެތި ނަތީޖާތަކެއް ހޯދިފައި ކަމަށް ވިދާޅުވިއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most


