
ބިންވެރިޔާ ސްކީމުން ގޯތި ލިބުން ކަމަށްބުނެ ޞައްޙަ ނޫން ލިޔުން ހުށަހެޅި 13 މީހުންގެ މައްޗަށް ދަޢުވާކޮށްފި
ޒައުޖަތު އަޙުމަދުބިންވެރިޔާ ސްކީމުން ގޯތި ލިބުން ކަމަށްބުނެ ޞައްޙަ ނޫން ލިޔުން ހުށަހެޅި 13 މީހުންގެ މައްޗަށް ދަޢުވާކޮށްފިއެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ "ބިންވެރިޔާ" ސްކީމުން ގޯތި ލިބިފައިނުވާ މީހުން، ގޯތި ލިބިފައިވާކަމަށް ދައްކައި ޞައްޙަނޫން ލިޔެކިޔުން ހަދައިގެން ހައުސިންގ ޑިވަލޮޕްމަންޓް ކޯޕަރޭޝަނަށް ހުށަހަޅާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި 3 ބާވަތެއްގެ ދަޢުވާ ކުރުމަށް 1 މާރިޗު 2026 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
އެގޮތުން 1. ޤާނޫނު ނަންބަރު: 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 310 ވަނަ މާއްދާގެ (ހ) ގެ ދަށުން، ޞައްޙަނޫން ލިޔުމެއް އުފެއްދުމުގެ ކުށުގެ ދަޢުވާ ކޮށްފައި ވަނީ ގ. ޕޫލްބަހާރުއާގެ، އަޙްމަދު ޢަތީޤް ޢަބްދުالله، ނ. ވެލިދޫ، ޑޭޒީމާގެ އަޙްމަދު މާޒިންގެ މައްޗަށެވެ. މި 2 މީހުންގެ މައްޗަށް ދަޢުވާ ކޮށްފައިވަނީ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ އަދި ގުޅީ ފަޅުން ބިން ދޫކުރުމަށް ފޯމު ހުށަހެޅުމަށް އާންމުކޮށް ހުޅުވާލި ދުވަސްވަރު، އާންމުން ހުށަހެޅި ފޯމުތަކުގެ މަސައްކަތްކުރުމުގައި އުޅެމުން، ބިންވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ ބިމުގެ ހައްޤުވެރިކަން އެނގޭނޭ ސައްހަނޫން ރަޖިސްޓްރީ އަދި އެއްބަސްވުން އުފައްދާފައިވާތީ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
މީގެ އިތުރުން ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 310 ވަނަ މާއްދާގެ (ހ) ދަށުންނާއި، 30 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ޞައްޙަނޫން ލިޔުމެއް އުފެއްދުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ ވެސް ކޮށްފައިވެއެވެ.
މި ޤާނޫނުގެދަށުން ދަޢުވާކޮށްފައި ވަނީ މ. ފަޅުމަތީގެ، އަރުޝަދު ޢަލީއާއި ބިންވެރިޔާ ސްކީމްގެ މަސައްކަތުގައި އުޅެމުންދިޔަ، ނ. ވެލިދޫ، ޑޭޒީމާގެ، އަޙްމަދު މާޒިންއާ ބައިވެރިވެގެން، ބިންވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ ބިމުގެ ހައްޤުވެރިންކަމަށް ރަމްޒުކޮށްދޭ ސައްހަނޫން ރަޖިސްޓްރީއާއި އެއްބަސްވުތަކެއް އުފައްދައިފައިވާތީއެވެ.
ބާކީ ތިބި 9 މީހުންގެ މައްޗަށް ދަޢުވާ ކޮށްފައި ވަނީ ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 310 ވަނަ މާއްދާގެ (ހ) ގެ ދަށުން، އެނގިހުރެ ޞައްޙަނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދަޢުވާއެވެ.
މި މީހުންގެ މައްޗަށް ދަޢުވާ ކުރީ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ގޯތި ލިބިފައިވާކަން ދައްކައި، އެ ގޯތީގެ ވަށާފާރު ރޭނުމުގެ މަސައްކަތްކުރުމުގެ ހުއްދަ ހޯދުމުގެ ގޮތުން، އެ ގޯތީގެ ސައްޙަނޫން އެއްބަސްވުމާއި، ސައްޙަނޫން ރަޖިސްޓްރީ ހައުސިންގ ޑިވަލޮޕްމަންޓް ކޯޕަރޭޝަންއަށް ހުށަހަޅާފައިވާތީއެވެ. އެ މީހުންގެ ތެރޭގައި:
1. ސ. ހިތަދޫ، ހަޒާރުމާގެ، މަރްޔަމް ސާޢީ
2. މ. ޒޭވަރު، މުޙައްމަދު ފަޟީލް ރަޝީދު
3. ޏ. ފުވައްމުލައް، ދޫޑިގަން، ދިލް، އީމާ ވަހީދު
4. ދަފްތަރު. ނަންބަރު ރސ 9044، ޢާއިޝަތު މަޢުރޫފާ
5. ހުޅުމާލެ. ފްލެޓް ނަންބަރު 02-ޖީ- 46، މުޙައްމަދު އާދަމް
6. ހއ. ދިއްދޫ، ޖަމީލާ، ޢަބްދުލްމަޖީދު މާހިރު
7. މ. ވެސްޓްކޯސްޓް، ޙުސައިން ޒާހިރު ޒައިނު
8. މ. ފަޅުމަތީގެ، އަޝްހަދު ޢަލީ
9. މ. ފަޅުމަތީގެ، އަޙްމަދު ޢަލީ
ޕީޖީ އޮފީހުން ބުނީ ބިންވެރިޔާ ސްކީމާ ގުޅޭ މައްސަލާގައި ކޮރަޕްޝަންގެ ޢަމަލުތަކެއް ހިމެނޭތީ، އެ ބައިތައް ވަކި މައްސަލައެއް ގޮތުގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ގެންދަނީ ތަޙުޤީޤުކުރަމުން ކަމަށާއި އެ މައްސަލައިގެ ތަޙުޤީޤު ނިމުމުން ދަޢުވާކުރުމާމެދު ގޮތެއް ނިންމާނެ ކަމަށެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ސަނީ ޢުމަރުގެ މައްޗަށް 5 ދަޢުވާއެއް ކޮށްފި2026 މާރިޗު 16
ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި ޓީޗަރެއްގެ މައްޗަށް 5 ދަޢުވާއެއް ކޮށްފި2026 ޖެނުއަރީ 25
ކޮވިޑް 19 ގައި ޕީސީއާރު ޚިދުމަތް ދިން 2 ކުންފުންޏަކަށާއި މަސްއޫލުވެރިންގެ މައްޗަށް ދަޢުވާކޮށްފި2026 ޖެނުއަރީ 21
ސަނީ ޢުމަރު ޝަރީޢަތް ނިމެންދެން ބަންދުކޮށްފި2026 ޖެނުއަރީ 02