ސާޖަންޓު އާދަމް ޙަލީމް މަރާލި މީހާގެ މައްޗަށް، ޤަޞްދުގައި މީހަކު މެރުމުގެ ދަޢުވާ ސާބިތުވާކަމަށް ޙުކުމްކޮށްފި

ސާޖަންޓު އާދަމް ޙަލީމް މަރާލި މީހާގެ މައްޗަށް، ޤަޞްދުގައި މީހަކު މެރުމުގެ ދަޢުވާ ސާބިތުވާކަމަށް ޙުކުމްކޮށްފިއެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީސް، ޕީޖީ އޮފީހުން ބުނީ، 23 ޖުލައި 2012 ވަނަ ދުވަހު، ރަސްމީ ޑިއުޓީ އަދާކުރަމުން ގެންދަނިކޮށް، ޕޮލިސް ސާޖަންޓު އާދަމް ޙަލީމަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލާގައި، ކ. ކާށިދޫ، ސުވާސާގެ، މުޙައްމަދު ސަމާޙުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ ސާބިތުވާކަމަށް މިއަދު، 29 މާރިޗު 2026 ދުވަހު ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވާ ކަމަށެވެ.
ޕީޖީ އޮފީހުން ބުނީ މި މައްސަލާގައި މުޙައްމަދު ސަމާޙުގެ މައްޗަށް ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ އެންމެ ފުރަތަމަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާނީ 29 ޖުލައި 2012 ގައެވެ.
އެ ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅައި 14 ޖަނަވަރީ 2013 ދުވަހު، މުޙައްމަދު ސަމާޙު މެރުމަށް އެކޯޓުން ޙުކުމްކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. އަދި އެ ޙުކުމަކީ ނިހާއީ ޙުކުމެއްކަން ކަށަަވަރުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން، މުޙައްމަދު ސަމާޙު މެރުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށްކަމަށް 30 ސެޕްޓެންބަރު 2020 ދުވަހު އެ އެކޯޓުން ނިންމާފައިވާ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.
އެ އޮފީހުން ބުނީ، އެ ނިންމުން މުޙައްމަދު ސަމާޙުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން، ކްރިމިނަލް ކޯޓާއި ހައިކޯޓުގެ ޙުކުމް ބާތިލުކޮށް، މައްސަލަ އަލުން ބެލުމަށް ދަށު ކޯޓަށް ތަޙްވީލުކުރުމަށް 23 ސެޕްޓެންބަރު 2024 ދުވަހު ނިންމާފައިވާ ކަމަށެވެ.
"ކްރިމިނަލް ކޯޓުން މައްސަލަ އަލުން ބެލުމަށްފަހު، މި މައްސަލާގައި މުޙައްމަދު ސަމާޙުގެ މައްޗަށް ކޮށްފައިވާ ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ ސާބިތުވާކަމަށް މިއަދު، 29 މާރިޗު 2026 ގައި ޙުކުމްކޮށްފައިވެއެވެ." ޕީޖީ އޮފީހުގެ ބަޔާނުގައި ބުނެފައިވެއެވެ.
މުޙައްމަދު ސަމާޙުގެ މައްޗަށް އަދަބު ކަނޑައެޅުމަށްޓަކައި، ސާޖަންޓު އާދަމް ޙަލީމްގެ ވާރިސުންގެ ހެކިބަސް ނެގުމުގެ އަޑުއެހުމެއް 2 އެޕްރީލް 2026 ދުވަހު ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވާ ކަމަށް ވެސް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.
އިތުރަށް





.gif.gif&w=828&q=100)
