logo
logo
    ބައި  އިލެކްޝަނެއްގައި އޮފިޝަލުންތަކެއް ވޯޓު ގުނަނީ . ފޮޓޯ: އިލެކްޝަންސް ކޮމިޝަން

ވޯޓުފޮށި ބަހައްޓާނީ 21 ރިސޯޓުގައި، ރާއްޖެއިން ބޭރުގައި ވޯޓުފޮށި ނުބަހައްޓާނެ

2026 ފެބްރުއަރީ 24
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

މިއަހަރުގެ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026ގައި ވޯޓުފޮށި ބަހައްޓާނީ 21 ރިސޯޓުގައި ކަމަށާއި، މިފަހަރު ރާއްޖެއިން ބޭރުގައި ވޯޓުފޮށި ނުބަހައްޓާނެ ކަމަށް އިލެކްޝަންސް ކޮމިޝަން، އީސީން ހާމަކޮށްފިއެވެ.

އީސީން ބުނީ ވޯޓުލުމަށް ރީ-ރަޖިސްޓްރީވުމަށް ހުޅުވާލި ފުރުޞަތު ހަމަވިއިރު 26,454 މީހުން ވަނީ ރީ- ރަޖިސްޓަރީ ކޮށްފައި ކަމަށެވެ.

އެ އިދާރާއިން ބުނީ މި އިންތިޚާބުގައި ރިސޯޓުތަކާއީ ސިނާޢީ މަސައްކަތްކުރާ ރަށްތަކުގައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވަނީ، އެ ރަށަކަށް ވޯޓުލުމަށް މަދުވެގެން 30 މީހުން ރަޖިސްޓަރީވެފައިވާ ނަމަ ކަމަށާއި މި އިންތިޚާބުގައި މި އަދަދަށް ރަޖިސްޓަރީކޮށްފައިވަނީ 21 ރިސޯޓަކުން ކަމަށެވެ. އަދި ސިނާޢީ މަސައްކަތްކުރާ އެއްވެސް ތަނެއްގައި މި އަދަދަށް ރަޖިސްޓަރީކޮށްފައިނުވާ ކަމަށް އީސީން ބުނެފައިވެއެވެ.

ރާއްޖެއިން ބޭރު ޤައުމުތަކުގައި ވޯޓުފޮށި ބަހައްޓާނީ އެގައުމަކަށް ވޯޓުލުމަށް މަދުވެގެން 2,000 މީހުން ރަޖިސްޓަރީކޮށް، މަދުވެގެން ކޮންމެވެސް 1 ދާއިރާއަކުން 40 މީހުން ރަޖިސްޓަރީވެފައިވާނަމައެވެ. ރާއްޖޭއިން ބޭރުގައި ވޯޓު ފޮށި ބެހެއްޓުމަށް އިޢުލާންކޮށްފައިވާ ގައުމުތަކުގެ ތެރެއިން މި މުއްދަތުގައި، ރީ-ރަޖިސްޓަރީވެފައިވަނީ، ކަނޑައެޅިފައިވާ އަދަދަށްވުރެ މަދުންނެވެ. އެގޮތުން، މެލޭޝިއާއިން 499 މީހުން ރީ-ރަޖިސްޓަރީ ކުރިއިރު ސްރީލަންކާއިން 189 މީހުން ރީ-ރަޖިސްޓަރިކޮށްފައިވެއެވެ.

އީސީން ބުނީ ރިސޯޓުތަކާއި ސިނާއީ މަސައްކަތްކުރާ ތަންތަން އަދި ރާއްޖެއިން ބޭރުގައި ވޯޓުލުމަށްޓަކައި ކަނޑައެޅިފައިވާ ޢަދަދަށް ވުރެއް މަދުން ރަޖިސްޓަރީކޮށްފައިވާ މީހުން، ވޯޓު ފޮށި ބެހެއްޓޭނެކަން ކަށަވަރުވެފައިވާ އެހެން ތަނަކަށް ރަޖިސްޓަރީ ކުރުމުގެ ފުރުސަތު، 2026 ފެބުރުވަރީ 24 ވާ އަންގާރަ ދުވަހުގެ ރޭގަނޑު 08:00 އިން ފެށިގެން 2026 ފެބުރުވަރީ 26 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:30 ގެ ނިޔަލަށް ވަނީ ހުޅުވާލާފައިވާ ކަމަށެވެ. މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ވެފައިވާ ތަން ބަދަލުކުރެވޭނީ، މި ވޯޓުފޮށި ނުބަހައްޓޭނެކަމަށް އިޢުލާނުގައިވާ ފޮށިތަކަށް ވޯޓު ލުމަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. އަދި މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ބަދަލު ނުކޮށްފިނަމަ މި ފަރާތްތަކަށް ވޯޓު ލެވޭނީ ރަށްވެހިވެފައިވާ ރަށުގައެވެ.

މީގެއިތުރުން، މި އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ ފޮށީގެ ގޮތުން ވޯޓުގެ ސިއްރުކަން ގެއްލޭ ފަރާތްތަކަށްވެސް، ވޯޓު ފޮށި ބެހެއްޓޭނެކަން ކަށަވަރުވެފައިވާ އެހެން ތަނަކަށް ރަޖިސްޓަރީ ކުރުމުގެ ފުރުޞަތު 2026 ފެބުރުވަރީ 24 ވާ އަންގާރަ ދުވަހުގެ ރޭގަނޑު 08:00 އިން 26 ފެށިގެން 2026 ފެބުރުވަރީ 26 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:30 ގެ ނިޔަލަށް ރީ-ރަޖިސްޓަރީވުމަށް ވަނީ ހުޅުވާލާފައެވެ.

ވޯޓުގެ ސިއްރުކަން ގެއްލޭ ފަރާތްތަކުގެ މައުލޫމާތު ދިވެހިސަރުކާރުގެ ގެޒެޓު އަދި އިލެކްޝަން ކޮމިޝަނުގެ ވެބްސައިޓު  (www.elections.gov.mv) އިން ފެންނަން ހުންނާނެއެވެ.

ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ ފޮށީގެ ގޮތުން ވޯޓުގެ ސިއްރުކަން ގެއްލޭ ފަރާތްތައް މި މުއްދަތުގެ ތެރޭގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ބަދަލު ނުކޮށްފިނަމަ މި ފަރާތްތަކަށް ވޯޓު ލެވޭނީ މިހާރު ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ ތަނުގައި ކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް