ފެންނަ ނުފެންނަ ވޯޓުން ބަލިވީ އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރެވުމުން: ރައީސް

ރައްޔިތުންގެ ޚިޔާލު ހޯދަން ނެގި ފެންނަ ނުފެންނަ ވޯޓުން ބަލިވީ ކެމްޕޭން ޓީމަށް އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރެވުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މި ވޯޓަކީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށްނެގި ފެންނަ ނުފެންނަ ވޯޓެކެވެ. މި ވޯޓުގައި ސަރުކާރު ހިންގާ ޕީއެންސީން ތާޢީދު ކުރީ ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށެވެ.
ރައީސް މިވާހަކަފުޅު ދެއްކެވީ މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ޕީއެންސީއަށް އއ. ރަސްދޫ އާއި އުކުޅަސް އަދި ތޮއްޑޫއިން ލިބުނު ކާމިޔާބީ ފާހަގަކުރަން ރަސްދޫގައި މިރޭ ބޭއްވި ޖަލްސާގައެވެ.
ރައީސް ވިދާޅުވީ އެ އިންތިޚާބުގައި ޕާޓީއަށް ނާކާމިޔާބުވީ އެކި ސަބަބުތަކާ ހެދި ކަމަށެވެ. އޭގެ ތެރޭގައި ޕީއެންސީގެ ކެމްޕޭން ޓީމުތަކަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރެވުން ހިމެނޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން އޭގައި ހުރީ ހުސް ފައިދާކަމަށާއި އެއްވެސް ގެއްލުމެއް ނެތް ކަން ސާފުކޮށް ފެންނަން އޮތް ނަމަވެސް އެކަށީގެންވާ ގޮތެއްގައި ރައްޔިތުންނަށް އެ ކަން ކިޔައިދޭކަށް މަސައްކަތެއް ނުކުރެވުނު ކަމަށެވެ.
ރައީސް ވިދާޅުވީ ރައްޔިތުން ކައިރިއަށް ދާއިރު މަސައްކަތްކުރަން ޖެހޭނީ ވަރަށް އެކުވެރިކަމާއި އެއް ޓީމެއްގެ ގޮތުގައި ކަމަށެވެ. އަދި ހާއްސަކޮށް ވޯޓު ހޯދަން ދާއިރު ވަރުގަދަ މަސައްކަތްތަކެއް ކުރަން ޖެހޭނެ ކަމަށާ ނަމަވެސް ޕީއެންސީއަށް އެކަމަށް މާ ބޮޑު ސަމާލުކަމެއް ނުދެވުނީ ކަމަށެވެ. އެހެންވެ، ރައްޔިތުންނާ ހަމައަށް ދިޔައީ އިދިކޮޅު ޕާޓީތަކުން ފެތުރި އެކި ކަހަލަ ދޮގު ވާހަކަތައް އެކަނިކަން ރައީސް ފާހަގަ ކުރެއްވިއެވެ. އަދި އެއީ ފިލާވަޅު ނަގަން ޖެހޭ ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ލޯކަލް ކައުންސިލް އިންތިޚާބާއިއެކު ނެގި ފެންނަ ނުފެންނަ ނުވަތަ ރިފަރެންޑަމް ވޯޓުގައި 68 އިންސައްތައަށްވުރެ ގިނަ މީހުން ވަނީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ދެކޮޅަށް ވޯޓު ދީފަ އެވެ. އެއީ 148،859 ވޯޓެވެ. ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ފެންނަ ކަމަށް ވޯޓު ދީފައިވަނީ 67،680 މީހުންނެވެ.
އިތުރަށް





.gif.gif&w=828&q=100)
