logologologologo
STO
ޚަބަރު

މި ސަރުުކާރުގެ ޓީމަކީ ބްރިޖު ވެސް އެޅި ޓީމު؛ ޔާމީނަށް ވެސް ކްރެޑިޓް ހައްގު: ސައީދު

މި ސަރުުކާރުގެ ޓީމަކީ ބްރިޖު ވެސް އެޅި ޓީމު؛ ޔާމީނަށް ވެސް ކްރެޑިޓް ހައްގު: ސައީދު
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 މޭ 07

ރާއްޖޭގެ އިގްތިސޯދު ރަނގަޅު ކުރުމަށް ރައްޔިތުން އިންތިހާބުކޮށްފައި މިއޮތީ މި ސަރުކާރު ކަމަށާއި ބްރިޖު އަޅައި ހުޅުމާލެ ދެވަނަ ފިޔަވަހި ހިއްކީ ވެސް މި ސަރުކާރުގައި މިހާރު ތިއްބެވި ބޭފުޅުން ކަމަށާއި އެ މަސައްކަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް ވެސް ކްރެޑިޓް ހައްގު ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވަނީ ޕީޕީއެމްގެ ސަރުކާރުގައި ކުރިއަށް ގެންދިޔަ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގައި އިސްކޮށް ތިއްބެވީ އެމަނިކުފާނާއި އާއި އޭރުގެ ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު އަދި މިހާރުގެ ރައީސް މުހައްމަދު މުއިއްޒު ކަމަށް ވިދާޅުވެފަ އެވެ.

"އެކަން ވެސް ލީޑު ކުރީ މިއަދުގެ ރައީސް އާއި އަޅުގަނޑާ އަދި މިހާރުގެ [އަދި] އޭރުގެ ބައެއް ވަޒީރުން، އަޅުގަނޑުމެން ވެސް ތިބީ ކެބިނެޓުގައި. އަޅުގަނޑުމެންގެ ތެރެއިން މަދުވެގެން މިއުޅެނީ އެންމެ މީހެއް، ދެ މީހެއް ނޫންތޯ؟ ހަމަ އެއް ޓީމެއް ނޫންތޯ މިއޮތީ؟ ހަމަ އެއް ޕާޓީއެއް ނޫންތޯ މިއޮތީ؟ އަޅުގަނޑުމެންނަކީ ބްރިޖު އެޅި މީހުން. އެއާޕޯޓުތައް އެޅި މީހުން. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު މުޅިން އާ ޒަމާނަކަށް ގެނައި މީހުން." ސައީދު ވިދާޅުވި އެވެ.

މަޝްރޫއުތަކުުގެ ވާހަކަ ފާހަގަ ކުރެއްވި އިރު، އޭރުގެ ރައީސް ޔާމީންގެ ނަން ނުގެންނަވާތީ އެ މަސައްކަތްތަކުގައި އެ މަނިކުފާނުގެ ދައުރެއް ނެތްތޯ އަދި ކްރެޑިޓެއް ނެތްތޯ ނޫސްވެރިޔާ ވަނީ ފަހުން ސުވާލު ކޮށްފަ އެވެ.

އެއާ އެކު، ސައީދު ވަނީ އެ މަސައްކަތްތަކުގައި ޔާމީންއަށް ވަރަށް ބޮޑު ކްރެޑިޓެއް ހައްގު ކަމަށް ވިދާޅުވެފަ އެވެ.

ސައީދު ވިދާޅުވީ ރައީސް މުއިއްޒުގެ ހިތްޕުޅުގައި ޔާމީނަށް ވަރަށް ބޮޑު ލޯތްބެއް އަބަދު ވެސް އޮންނާނެ ކަމަށާއި އެކަން ބަދަލެއް ވެސް ނުވާނެ ކަމަށެވެ.

"ރައީސް މުއިއްޒަކީ ރައީސް ޔާމީނަށް އެންމެ ލޯބިވާ، އެންމެ އަޅާލަން ބޭނުންވާ، ރައީސް ޔާމީން އަރިހު ހުންނަން އެންމެ ބޭނުންފުޅުވާނެ އެކަކު،" އޭނާ ވިދާޅުވި އެވެ.

ރައީސް މުއިއްޒުގެ ހިތްޕުޅުގައި ރައީސް ޔާމީނާ ދޭތެރޭ އެއްވެސް ހިތްބުރަކަމެއް އޮވެދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

 

MALDIVE GASAllied Insurance
އިތުރަށް