މާކުރަތު ކުޑަކުދިންތަކެއް ރައީސް އަރިހުން އެދުނީ ކުޅޭނެ ދަނޑަކަށް، އެ ދަނޑު ނިންމާ ހުޅުވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރ. މާކުރަތަށް ވަޑައިގެންނެވުމުން، ރައީސް އަރިހުން އެރަށު ކުޑަކުދިންތަކެއް އެދުނީ ކުޅޭނެ ދަނޑެއް ހައްދަވާ ދެއްވުމަށެވެ. ސަރުކާރުން އެ ދަނޑުގެ މަސައްކަތް ނިންމާ އިއްޔެ ހުޅުވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މާކުރަތަށް ވަޑައިގެންނެވީ 2025 ވަނަ އަހަރުގެ ޖަނަވަރީ 23 ވަނަ ދުވަހުއެވެ. މާކުރަތު ކުދިން ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރި ވީޑިއޯ ވަނީ އެ ދުވަހު އާންމުވެފައެވެ.
އެ ވީޑިއޯއިން ފެންނަ ގޮތުގައި އެ ދަތުރުފުޅުގެ ތެރެއިން އެ ރަށުގެ ކުޑަކުދިންތަކެއް ރައީސްއާ ބައްދަލުކުރިއެވެ. އެއީ ޒުވާނުންނަށްވުރެ ހަގު ފިރިހެން ކުދިންތަކެކެވެ. އެ ކުދިން އެދުނީ ފުޓްސަލް އޭ ކޯޓުގެ ދަނޑެއް އެރަށުގައި އަޅައިދެއްވުމަށެވެ. ރައީސް ހަމަ އެވަގުތު އެތަނަށް ކުޅިވަރާބެހޭ ވަޒީރު ރާފިޢު ގެންނަވާ އެ ކުދިންގެ ކުރިމަތީގައި، އެ ދަނޑު އަޅުއްވާ ދެއްވުމަށް އެދިވަޑައިގެންނެވިއެވެ. ވަޒީރު ރާފިޢު އާދޭހޭ ވިދާޅުވިއެވެ.
އެއަށްފަހު ރައީސް ވަނީ އެކުދިންނާ އެކުގައި ފޮޓޯ ވެސް ނަންގަވައިފައެވެ.
މާކުރަތުގައި ސަރުކާރުން ޤާއިމް ކުރި ފުޓްސަލް ދަނޑު ހުޅުއްވައިދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ.
އެ ވުޒާރާއިން ބުނީ މި ފުޓްސަލް ދަނޑަކީ މިދިޔަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރ. މާކުރަތަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ވެވަޑައިގެންނެވި ވަޢުދުފުޅެއް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް އަދި މާކުރަތު ރައްޔިތުން އެދިވަޑައިގެންނެވިގޮތަށް ސަރުކާރުން ވަނީ ކުޑަދުވަސްކޮޅެއްގެ ތެރޭގައި މާކުރަތުގައި ފުޓްސަލް ދަނޑެއް ތަރައްޤީކޮށްދެއްވާފައިކަން ފާހަގަ ކުރެވެއެވެ.
އިތުރަށް





.gif.gif&w=828&q=100)