ފެންނަނީ އިދިކޮޅު ލީޑަރުން އުފެއްދި ކޯލިޝަންގައި ވެރިއެއް ނެތި ޗޮކުންދާތީ: ސަޢީދު

އިދިކޮޅު ލީޑަރުން އުފެއްދި ކޯލިޝަންގައި ވެރިއެއް ނެތި ޗޮކުންދާތީ ފެންނަ ކަމަށް ވިޔަފާރިއާ އިޤްތިޞާދީ ތަރައްޤީއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
އިދިކޮޅުން ދައްކާ ވާހަކަތަކަށް ރައްދުދެއްވާ، މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ސަޢީދު ވިދާޅުވީ ރާއްޖެއަށް މިވަގުތުވެސް އޮތް ސިޔާސީ އެންމެ ބޮޑު ގޮންޖެހުމަކީ ރަނގަޅު އިދިކޮޅު ޕާޓީއެއް ނެތުން ކަމަށެވެ.
މިކަމުގެ ސަބަބެއް ކަމަށް ސަޢީދު ވިދާޅުވީ އިދިކޮޅު ލީޑަރުންގެ ތެރޭގައި މިހާރު އުފެދިފައިވާ ޑިމޮކްރެޓްސް އެމްޑީޕީ އަދި ޕީއެންއެފް ކޯލިޝަންގައި ވެރިއެއްނުފެންނަ ކަމަށާއި ފެންނަނީ ޗޮކުންދާތީ ކަމަށާ އޭގެތެރޭގައި އޮތީ ނަފްރަތާއި ކެހިވެރިކަން ކަމަށެވެ.
ޕީއެންސީގެ މެމްބަރުން، ލީޑަރޝިޕް، ޕީޖީ އަދި ޕާޓީގައި ހަރަކާތްތެރިވާ ހުރިހާބޭފުޅުންގެ ވެސް އޮތީ އެއް ވިސްނުމެއް ކަމަށެވެ.
ޕީއެންސީގެ ނައިބު ރައީސްކަމުގައި ވެސް ހުންނެވި ސަޢީދު ވިދާޅުވީ ޕާޓީގެ ވިސްނުމަކީ ޕާޓީގެ ރައީސް އަދި ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި އެމަނިކުފާނު ދިވެހިރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުތައް ފުއްދެވުމާއި، އެމަނިކުފާނުގެ ފަހަތްޕުޅުގައި ދިވެހިރާއްޖެއަށް ހަމަޖެހުން، ތަރައްޤީ އަދި ކުރިއެރުން ގެނައުމަށް ކުރައްވާ މިތްނެތް މަސައްކަތްޕުޅުގައި ބައިވެރިވުމާއި، އެ އަމާޒުތައް ޙާޞިލްކުރުމުގައި އެވަގުތެއްގައި ހަވާލުކުރެެއްވި ކޮންމެ މަސައްކަތެއް ކާމިޔާބުކަމާއެކު ކޮށް ނަތީޖާނެރުން ކަމަށެވެ.
ސަޢީދު ވިދާޅުވީ މިކަންކަން ހަޖަމުކުރުމުގައި ދަތިވާ އިދިކޮޅު ބައެއް ފަރާތްތަކަށް ދަންނަވާލަން އޮތީ ޕީއެންސީގެ 2028ގެ ރިޔާސީ ކެންޑިޑޭޓަކީ ހަމަ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަމަށާ ޕާޓީގެ އެތެރޭގެ އިންތިޚާބަކުން އެކަމަކަށް ބަދަލެއް ނާންނާނެ ކަމަށެވެ.
ރައީސް މުޢިއްޒުގެ ލީޑަރޝިޕުގައި ޕާޓީ ބޮޑުވެ އިތުރަށް ވަރުގަދަވެ، މުހިންމު ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށާއި ރާއްޖޭގެ އެންމެ މެންބަރުން ގިނަ ޕާޓީއަށް ޕީއެންސީ ވެއްޖެ ކަމަށް ސަޢީދު ވިދާޅުވިއެވެ.
ވަޒީރު ސަޢީދު އިތުރަށް ވިދާޅުވީ ކުރު މުއްދަތަކުން އެންމެ ގިނަ އިންތިޚާބު ކާމިޔާބު ކުރި، މަޖިލީހުގެ އެންމެ ބޮޑު ސުޕަމެޖޯރިޓީ ހޯދި ޕާޓީއަށް ޕީއެންސީ ވެފައިވާ ކަމަށެވެ.
މީގެއިތުރުން ސަޢީދު ވިދާޅުވީ އެންމެ ގިނަ ދަރަނި ދައްކައިދީ، އެންމެ ގިނަ ބިން ހިއްކައިދީ، އެއްފަހަރާ އެންމެ ގިނަ މަޝްރޫޢު މުޅި ރާއްޖޭގައި ހިންގައިދޭ ޕާޓީއަށްވެސް އެންމެ 2 އަހަރާއި 6 މަހުން ޕީއެންސީ ވެއްޖެ ކަމަށާ ރައީސް ޑރ މުޢިއްޒުގެ ޤާބިލް ލީޑަރޝިޕް މިވަރުން ޔަގީން ކަށަވަރު ވެއްޖެ ކަމަށެވެ.
ކުރީގެ ތިން ރައީސުން ކަމަށްވާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، އިބުރާހިމް މުޙައްމަދު ޞާލިޙް އަދި މުޙައްމަދު ނަޝީދު އެކުގައި ސިޔާސީ މަސައްކަތް ކުރެއްވުމަށް ނިންމެވިކަން އިޢުލާނު ކުރައްވައި އެ މަސައްކަތް ފައްޓަވާފައި ވަނީ 15 މޭ 2026 ގައެވެ.
އިތުރަށް





.gif.gif&w=828&q=100)