logologologologo
STO
ޚަބަރު

އިންތިޚާބަކާ ނުލައި ޑަބުލިއުޑީސީގެ 41 ގޮނޑި ކޮންގްރެސް ޕާޓީއަށް ލިބިއްޖެ!

އިންތިޚާބަކާ ނުލައި ޑަބުލިއުޑީސީގެ 41 ގޮނޑި ކޮންގްރެސް ޕާޓީއަށް ލިބިއްޖެ!
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ފެބްރުއަރީ 15

އިންތިޚާބަކާ ނުލައި ޑަބުލިއުޑީސީގެ 41 ގޮނޑި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ ނުވަތަ ކޮންގްރެސް ޕާޓީއަށް ލިބިއްޖެއެވެ.

މި ގޮނޑިތައް ކޮންގްރެސް ޕާޓީއަށް ލިބިފައިވަނީ، 2026 އެޕްރީލް 04 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލުމަށް މުއްދަތު ހަމަވިއިރު، އިންތިޚާބު ކުރަންޖެހޭ ޢަދަދަށް ކުރިމަތިލާފައިވާ ދާއިރާތަކާއި، ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް، ގުރުއަތުލުން އޮންނަ ތަނުގައި ނަންތައް އިޢުލާނުކުރުމުގެ ކުރިން ނަން އަނބުރާ ގެންދިޔުމާއި ގުޅިގެންނެވެ.

އިލެކްޝަންސް ކޮމިޝަން، އީސީން ވަނީ ޤަވާޢިދު ނަންބަރު R-118/2025 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ ގަވާއިދު) ގެ 51 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، އެ ފަރާތްތަށް އިންތިޚާބު ވެއްޖެކަން ޢާންމުކޮށް އަންގައި އިޢުލާންކޮށްފައެވެ.

މިގޮތުން އިންތިޚާބުވެފައިވާ 49 މެމްބަރުންގެ ތެރޭގައި ކޮންގްރެސް ޕާޓީއަށް ނިސްބަތްވާ 41 މެމްބަރުން ހިމެނެއެވެ. އެހެންކަމުން އިންތިޚާބަކާ ނުލައި ޕީއެންސީއަށް މި ވަނީ ޑަބުލިއުޑީސީގެ 41 ގޮނޑި ލިބިފައެވެ.

އީސީން އާންމުކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، އިންތިޚާބަކާ ނުލައި ޑަބުލިއުޑީސީން އެމްޑީޕީއަށް ލިބިފައި ވަނީ 5 ގޮނޑިއެވެ. އަމިއްލަ ގޮތުން ވާދަކުރި 2 ފަރާތަކަށް ގޮނޑި ލިބިފައިވާއިރު ޢަދާލަތު ޕާޓީއަށް ވެސް 1 ގޮނޑި ލިބިފައިވެއެވެ.

ކޮންގްރެސް ޕާޓީއަށް ލިބިފައިވާ 41 ގޮނޑީގެތެރޭގައި 24 ޑަބުލިއުޑީސީގެ ރައީސްގެ ގޮނޑި ހިމެނޭކަން ފާހަގަ ކުރެވެއެވެ.

ލޯކަލް ކައުންސިލްތަކާއި ޑަބުލިއުޑީސީގެ އިންތިޚާބު އޮންނާނީ އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހުއެވެ.

MALDIVE GASAllied Insurance
އިތުރަށް