ދެވަނަ ދައުރު ލިބޭ ފުރަތަމަ ރައީސަކަށް ވާނީ ރައީސް މުޢިއްޒު: ޢަބްދުއްރަޙީމް
ރިޔާސީ ދެވަނަ ދައުރަކަށް ވެރިކަމަށް އިންތިޚާބުވެވަޑައިގަންނަވާނެ ފުރަތަމަ ބޭފުޅަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ކޮންގްރެސް ޕާޓީގެ ހަރުގޭގައި ރޭ ބޭއްވި ޙަފްލާއެއްގައި، ވާހަކަފުޅު ދައްކަވަމުން އެ ޕާޓީގެ ޗެއާޕާސަން ޢަބްދުއްރަޙީމް ވިދާޅުވީ މި ސަރުކާރުން ވެރިކަން ކުރަނީ ރައްޔިތުން ބޭނުންވާ ގޮތަށް، އެ މީހުންގެ އިހުސާސްތައް ދަނެގަނެގެން ކަމަށެވެ. ޢަބްދުއްރަޙީމް ކޮންގްރެސް ޕާޓީގެ ޕޯޑިއަމްގައި ވާހަކަ ދައްކަވާފައި މިވަނީ ގިނަ ދުވަސްތަކަށް ފަހުގައި ކަން ފާހަގަ ކުރެވެއެވެ.
ޢަބްދުއްރަޙީމް ވިދާޅުވީ ރައީސް މުޢިއްޒު، ޤައުމުގެ އިސްތިޤުލާލު ދަމަހައްޓައި، މިނިވަންކަމުގެ ރޮނގު ރަތްކުލައިން ފަލަކޮށް ދަމާލާފައިވާ ކަމަށާއި 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ރައީސް ހޮވަންވީ އެހެންވެގެން ކަމަށާ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ވެސް ރައީސް މުޢިއްޒު ކާމިޔާބު ކުރައްވާނީ ބޮޑު ތަފާތަކުން ކަމަށެވެ.
ޢަބްދުއްރަޙީމް ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ ވެރިކަން ވެސް ތަޖުރިބާ ކޮށްފައިވާ ކަމަށާއި އެމްޑީޕީ ފިކުރުގެ ދެ ވެރިކަން ވެސް ފެނިވަޑައިގެންފައިވާ ކަމަށެވެ. ކުރީގެ އިންތިހާބުގައި ޔާމީނަށް ލިބިވަޑައިގެންނެވި ނާކާމިޔާބީއާ ގުޅިގެން އަބްދުއްރަހީމް ވިދާޅުވީ އެ ބޭފުޅުންނަކީ ވޯޓުން ބަލިވުމުން ކޯޓުން ނަތީޖާ ނެރޭނެ ބައެއް ނޫން ކަމަށެވެ.
"އަޅުގަނޑުމެން ކުރަންވީ ކަމަކީ އެ މަނިކުފާނާ އެކު ސާބިތުވެ ތިބެންވީ. އަޅުގަނޑުމެން ކުރަންވީ ކަމަކީ 2028 ޕީއެންސީއަށް، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކާމިޔާބުކޮށްދިނުމަށްޓަކައި ރުކުރުވާލަންވީ މުޅި ދިވެހިރާއްޖޭގެ ކަންކޮޅުތަކުގައި ތިބި އަޅުގަނޑުމެންގެ ފިކުރުގެ އެންމެން ކަމަރު ބަންނަންވީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ޢަބްދުއްރަޙީމް ވިދާޅުވީ ޤައުމު ބަނގުރޫޓުވާނެ ކަމަށް ބުނެ އެތައް ފާޑުކިޔުމެއް އަމާޒުވި ކަމަށާއި ނަމަވެސް ލޯނުގެ ގޮތުގައި މިދިޔަ މަހު އެއް ބިލިއަނެއްހާ ޑޮލަރު ދައްކައި ސަރުކާރުގެ މުވައްޒަފުންނަށް ވެސް ބަރާބަރަށް މުސާރަ ދީ އަދި ތަރައްގީގެ މަޝްރޫއުތައް ވެސް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށެވެ.
މީގެއިތުރުން ޢަބްދުއްރަޙީމް ވިދާޅުވީ އެއްގޮތަކުން ނުވިއްޔާ އެހެން ގޮތަކުން ރައީސްގެ އަބުރުފުޅު ކަތިލާން މަސައްކަތްކުރަމުންދާ ކަމަށާއި އަދި އެކަން ކުރި މީޑިއާގެ މައްސަލަ ބަލަން ފެށުމުން ނޫސްވެރިކަމުގެ މިނިވަންކަމުގެ ދިފާއުގައި ކަމަށް ބުނެ ނުކުތް ޕާޓީގެ ވެރިކަމުގައި ނޫސްވެރިންނާ ދޭތެރޭ ކަންކުރި ގޮތް ދެކިވަޑައިގެންނެވި ކަމަށް ވިދާޅުވެ، ޢަބްދުއްރަޙީމް ވަނީ ޕީއެންއެފަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ސިޔާސީ ވާދަވެރިކަމުގައި ވެސް ޒާތީ ކަންކަމާ ނުބެހޭނެ ކަމަށާއި ސިޔާސީ މީހުން ކިޔަން ޖެހޭނީ ބިނާކުރަނިވި ފާޑުކިޔުން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. ބިނާކުރަނިވި ފާޑުކިޔުމަށް މަރުހަބާ ކިޔާނެ ކަމަށާއި އެކަމަކު ޒާތީ ޖަދަލުކުރާ ނަމަ ޕީއެންސީން ވެސް ކުރާނީ އެ މަސައްކަތް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
ރައްޔިތުންގެ ފަޅީގައި ހުރެގެން ނޫނީ ރައްޔިތުންނަށް ހިދުމަތް ނުކުރެވޭނެ ކަމަށާއި ޕީއެންސީން ތިބީ ރައީސް މުއިއްޒާ އެކު ރައްޔިތުންގެ ފަޅީގައި ގަދަކޮށް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
އިތުރަށް





.gif.gif&w=828&q=100)
