logo
logo
ބޮޑުތަކުރުފާނު މަގުގެ 2 ވަނަ ސެގްމެންޓު ނިންމާ ރޯދައަށް މަގު ހުޅުވާލަން ތައްޔާރުވަނީ!

ބޮޑުތަކުރުފާނު މަގުގެ 2 ވަނަ ސެގްމެންޓު ނިންމާ ރޯދައަށް މަގު ހުޅުވާލަން ތައްޔާރުވަނީ!

2026 ފެބްރުއަރީ 11
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

މި ސަރުކާރުން ތަރައްޤީ ކުރަމުން އަންނަ ބޮޑުތަކުރުފާނު މަގުގެ 2 ވަނަ ސެގްމެންޓު ނިންމާ ރޯދައަށް މަގު ހުޅުވާލަން ތައްޔާރުވަމުން އަންނަ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

ބޮޑުތަކުރުފާނު މަގުގެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން އެ މަސައްކަތުގެ އަދާހަމަ މިއަދު ހިއްސާ ކުރަމުން ބުނީ ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމުގެ މަސައްކަތުގެ 2 ވަނަ ފިޔަވަހީގެ މަސައްކަތް މިހާރު ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ.

އެ ކުންފުނިން ބުނީ 2 ވަނަ ފިޔަވަހީގައި ތަރައްޤީ ކުރާ ސަރަހައްދުގައި މިހާރު ތާރުއަޅައި ނިންމާފައިވާ ކަމަށެވެ.

އެމްޓީސީސީން ބުނީ އެ މަސައްކަތް ރޯދައިގެ ކުރިން ނިންމާ މަގު ހުޅުވުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި މިވަގުތު ކުރިއަށް ދަނީ އެއްގަމު ތޮށި ހެދުމުގެ މަސައްކަތް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމާ ހުޅުވާލާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 8 ގައެވެ.

މާލެގޭ މަލަމަތީގެ ހިތްގައިމުކަން ބަދަލުކޮށްލާނެ މަޝްރޫޢުގެ މުޅި މަސައްކަތް ކުރިއަށްގެންދާނީ ހެންވޭރު ފެރީ ޓާމިނަލާ ހަމައަށެވެ. އެގޮތުން ނޯތު ހާބަރުން ފެށިގެން އެހިސާބަށް 1088 މީޓަރު ސަރަޙައްދު ތަރައްޤީކުރާނެއެވެ. 

ޖުމްލަ ފަސް ސެގްމެންޓް ހިމެނޭ މި މަސައްކަތް އެމްޓީސީސީއާ ޙަވާލުކުރީ 144 މިލިއަން ރުފިޔާއަށެވެ. 

ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 9 އޭޕްރިލް 2025 ގައެވެ. މި މަސައްކަތް ނިމުމުން ބޮޑުތަކުރުފާނު މަގު ވެގެންދާނީ ޒަމާނީ ފެންވަރަށް ތަރައްޤީ ކުރެވިފައިވާ، ފެން ހިންދާ ނިޒާމު ފަދަ އެންމެހާ ނިޒާމުތައް ގާއިމުކުރެވި، މަގު ފުޅާކުރެވި، ޓްރެފިކަށް ލުއިފަސޭހަކަން ގެނުވައި، ދުއްވާ ތަކެއްޗަށާއި ހިނގާބިނގާވާ އެންމެހާ ރައްޔިތުންނަށް ހިތްފަސޭހަ މަގަކަށެވެ.

މި މަގުގެ އިތުރުން ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ ތައްޔާރީތައް ވެސް ސަރުކާރުން ވަމުން އަންނަކަން ފާހަގަ ކުރެވެއެވެ.  

 

 

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް