logo
logo
މަސައްކަތްކުރާނީ މާލެއާ އެއްފެންވަރަކަށް އަތޮޅުތެރޭގެ ތައުލީމީ ފެންވަރު ގެންދަން: ރައީސް

މަސައްކަތްކުރާނީ މާލެއާ އެއްފެންވަރަކަށް އަތޮޅުތެރޭގެ ތައުލީމީ ފެންވަރު ގެންދަން: ރައީސް

2026 ޖެނުއަރީ 27
މުހައްމަދު ރިފާއުމުހައްމަދު ރިފާއު

ސަރުކާރުން މަސައްކަތް ކުރާނީ މާލެ އާއި އަތޮޅުތެރޭގައި އެއް ފެންވަރަކަށް ތައުލީމީ ނިޒާމު ބައްޓަން ކުރުމަށް ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ހުޅުމާލެ ފޭސް 2ގައި މި ސަރުކާރުން ބިންގާ އަޅާ މަސައްކަތް ނިންމި ޝަހީދު އަލީ ސްކޫލު ރަސްމީކޮށް ހުޅުވުމަށް މިއަދު އެ ސްކޫލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މަސައްކަތް ކުރާނީ އެންމެ މަތީ ފެންވަރުގައި ތައުލީމީ ކަންތައްތައް ތަރުތީބު ކުރުމަށް ކަމަށެެވެ.

އެކި ސަބަބުތަކަށްޓަކާ އަތޮޅުތެރެއިން މާލެއަށް އަންނަންޖެހޭ ކަމަށާއި މި އަހަރު ވެސް 1،500އަށް ވުރެ ގިނަ ދަރިވަރުން ރަށްރަށުން މާލެ ބަދަލުވިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އޭގެ މާނައަކީ ރަށްރަށުގައި މާލެއާ އެއްފެންވަރަށް ތައުލީމީ ފެންވަރު ނެތުން ކަމަށެވެ.

"1،500އަށް ވުރެ ގިނަ ކުދިން، އޭގެ މާނައަކީ 5،000އަށް ވުރެ ގިނަ ފަރާތްތައް މިވަނީ ރަށްރަށުން މާލެ ބަދަލުވެފައި ސްކޫލުތަކަށް ކުދިން ވައްދަން. އެގެ މާނައަކީ ރަށްރަށުގައި ނެތިއްޔޭ އަދިވެސް މާލޭގައި މި ހުންނަ ފެންވަރަށް ތައުލީމީ ފެންވަރު ގާއިމް ކުރެވިފައި،" ރައީސް ވިދާޅުވި އެވެ.

ދިރާސީ އާ އަހަރާ އެކު މިއަދު ހުޅުވި ޝަހީދު އަލީ ސްކޫލުން 2،000 އަށް ވުރެ ގިނަ ދަރިވަރުންނަށް ޖާގަ ދީފައިވާ ކަމަށާއި އޭގެ ތެރޭގައި އެންމެ ގިނައީ އަތޮޅުތަކުން އައިސް ތިބި ދަރިވަރުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވެސް ވަނީ ވިދާޅުވެފައެވެ.

"އެ 2،100 ދަރިވަރުންގެ ތެރެއިން 77 ޕަސެންޓް ދަރިވަރުންކީ އަތޮޅުތެރޭގެ ރަށްތަކަށް ނިސްބަތްވާ ދަރިވަރުން. އެހެންވީމަ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މާލޭގައި މި ސްކޫލު ގާއިމް ވެފައި އޮތަސް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މި ތަނުގައި މި ސްކޫލު ހުޅުވި ކަމުގައި ވިޔަސްމެ، މި ސްކޫލަކީ މުޅި ދިވެހި ރާއްޖޭގެ ހުރިހާ ރަށްތައް ޝާމިލްކުރާ ތަނެއްގެ ގޮތުގައި އޮންނާނީ،" މިނިސްޓަރު ވިދާޅުވި އެވެ.

"77 ޕަސެންޓަކީ ވަރަށް ބޮޑު އަދަދެއް. މި ސްކޫލު ވެގެންދާނީ ހުރިހާ ރަށްތަކެއް، ހުރިހާ އަތޮޅުތަކެއް މި ސްކޫލުގެ ތެރެއިން ޝާމިލްވެގެންދާ، ޝޯކޭސް ކުރެވެިގެންދާ ސްކޫލަކަށް."

ހުޅުމާލެ 2 ގައި މި ސަރުކާރުން އިމާރާތްކުރި އެ ސްކޫލު ކިޔަވައިދެނީ ދެ ދަންފަޅިއަށެވެ. އެ ސްކޫލުގައި 230 ޓީޗަރުން ކިޔަވައިދޭނެ އެވެ.

މިވަގުތު މާލެ ސަރަހައްދުގައި އެންމެ ޒަމާނީ ފެންވަރަށް އިމާރާތް ކޮށްފައިވާ ސްކޫލަކީ މި ސަރުކާރުން މާލެ ސަރަހައްދުގައި އިމާރާތްކުރި ފުރަތަމަ ސްކޫލް ވެސް މެ އެވެ. 

 

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް