
ޑރ. ޒާހިރު ޙުސައިންގެ ޚިދުމަތަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރުއަދާކުރައްވައިފި
ޒައުޖަތު އަޙުމަދުދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ކަމުގެ މަގާމުން އިސްތިޢުފާ ދެއްވުމަށް، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޑޮކްޓަރ މުޙައްމަދު ޒާހިރު ޙުސައިން ހުށަހެޅުއްވުމާ ގުޅިގެން، އެމަނިކުފާނާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައްދަލުކުރައްވައި، އެ މަގާމުގައި ހުންނަވައިގެން ކޮށްދެއްވި ޚިދުމަތްތަކަށް ޝުކުރު އަދާކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރި ގޮތުގައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ޑޮކްޓަރ މުޙައްމަދު ޒާހިރު ޙުސައިނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނަކީ، ރާއްޖޭގެ ތަޢުލީމީ ދާއިރާގެ ކުރިއެރުމަށާއި ތަރައްޤީއަށް ވަރަށް އިޚުލާޞްތެރިކަމާއެކުގައި މިންނަތް މަސައްކަތްޕުޅުތަކެއް ކޮށްދެއްވި ބޭފުޅެއްކަން ފާހަގަކުރެއްވިއެވެ.
ސަރުކާރުން އޭރު ފެއްޓެވި އަސާސީ ތަޢުލީމުގެ މަޝްރޫޢު ހިންގަވައިދެއްވުމުގައްޔާއި، ރާއްޖޭގެ އަތޮޅުތަކުގައި ކޮމިއުނިޓީ ސްކޫލުތަކާއި، އަތޮޅު މަދަރުސާތައް ބިނާކުރައްވައި، ތަޢުލީމީ ރޮނގުން ރަށްރަށުގެ ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ކުރެއްވި ހީވާގި މަސައްކަތްޕުޅުތަކަކީވެސް، ތަޢުރީފު ޙައްޤު މަސައްކަތްޕުޅުތަކެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ޑޮކްޓަރ މުޙައްމަދު ޒާހިރު ޙުސައިން ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ޚިދުމަތް ކުރެއްވުމަކީ، އެމަނިކުފާނަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު ޝަރަފެއް ކަމަށާއި، މި ސަރުކާރުންވެސް އެ ފުރުސަތު ދެއްވީތީ ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު ދެންނެވިއެވެ. އަދި ރާއްޖޭގެ ތަޢުލީމީ ނިޒާމު ހަރުދަނާ ކުރައްވައި، ފެންވަރު މަތިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިސްނަންގަވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ތަޢުރީފް ކުރެއްވިއެވެ.
ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޑޮކްޓަރ މުޙައްމަދު ޒާހިރު ޙުސައިން ދައުލަތަށް ކޮށްދެއްވި ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، ޚާއްޞަ ސިޓީފުޅެއް މި ބައްދަލުކުރެއްވުމުގައި އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ އެރުވިއެވެ. މި ސިޓީފުޅުގައި، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ކަމުގެ މަގާމުގައްޔާއި އަދި އޭގެކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ކަމުގެ މަގާމުގައި ހުންނަވައިގެން، ރާއްޖޭގެ މަތީ ތަޢުލީމު ފުޅާ ކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތަކުގެ މައްޗަށް ބައްލަވައިލައްވައިފައި ވެއެވެ.
ޑރ. ޒާހިރު ޙުސައިން، މިނިސްޓަރ އޮފް އެޑިޔުކޭޝަންކަމުގެ މަގާމުގައި 10 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހުންނަވައިގެން، ރާއްޖޭގެ ތަޢުލީމީ ދާއިރާ ހަރުދަނާ ކުރެއްވުމުގައްޔާއި، ޒަމާނާ އެކަށޭނަ އަދި ދިވެހިވަންތަ ނިޒާމަކަށް ކިޔަވައިދެވޭނެ ގޮތަކަށް މުޤައްރަރުތައް އެކުލަވައިލެއްވުމުގައްޔާއި، އަސާސީ ތަޢުލީމުގެ މަޝްރޫޢު ހިންގެވުމުގައްޔާއި، ރާއްޖޭގައި ޢަރަބި އިސްލާމީ ތަޢުލީމު ފުޅާ ކުރެއްވުމުގައި އެމަނިކުފާނު އަދާކުރެއްވި ދައުރު މި ސިޓީފުޅުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވައިފައިވެއެވެ.
ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޑޮކްޓަރ މުޙައްމަދު ޒާހިރު ޙުސައިނަކީ، 49 އަހަރާއި 9 މަސް ދުވަހު ދައުލަތަށް ޚިދުމަތް ކުރައްވައިފައިވާ އަދި ރާއްޖޭގެ ތަޢުލީމީ ދާއިރާގައި 33 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ. އެމަނިކުފާނަށް ދައުލަތުން ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު އަރުވައިފައިވަނީ 10 ނޮވެންބަރު 2008 ގައެވެ.
މީގެއިތުރުން ރާއްޖޭގެ ތަޢުލީމަށް ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު ޑރ. ޒާހިރު ޙުސައިންއަށް އަރުވައިފައިވަނީ 2024 ވަނަ އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
790 މިލިއަން ޑޮލަރުގެ ބިޔަ މަޝްރޫޢު "އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް"ގެ ބިންގާ އަޅައިފި2026 ޖެނުއަރީ 29
ޕީއެންސީގެ ޒުވާނުންގެ ގޮފި އުފައްދާ އިއުލާންލާނު ކުރިތާ 1 ދުވަސް ތެރޭ މަސައްކަތް ފަށާފި، ފުރަތަމަ ބައްދަލުވުން ރޭ ބާއްވައިފި 2026 ޖެނުއަރީ 29
ރޯދަ ހަދިޔާއަށް ބޮޑު ތަރުހީބެއް، 12 ހާހަށްވުރެ ގިނަ މަސްދަޅު ކޭސް ދޫކޮށްފި!2026 ޖެނުއަރީ 27
ފަތިސް ނަމާދުން ދުވަސް ފެށުމަށް ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް ރައީސް އިލްތިމާސްކުރައްވައިފި2026 ޖެނުއަރީ 27