
ޕީއެންސީގެ ޒުވާނުންގެ ގޮފި އުފައްދާ އިއުލާން ކުރިތާ 1 ދުވަސް ތެރޭ މަސައްކަތް ފަށާފި، ފުރަތަމަ ބައްދަލުވުން ރޭ ބާއްވައިފި
ވެރިކަންކުރާ ޕާޓީ ޕިއެންސީގެ ޒުވާނުންގެ ގޮފި އުފައްދާ އިއުލާނުކުރިތާ 1 ދުވަސްތެރޭ އެ ގޮފީގެ މަސައްކަތް ފަށާފިއެވެ.
ޕީއެންސީގެ ޒުވާނުންގެ ގޮފީގެ ހިންގާ ކޮމިޓީއަށް 14 މެމްބަރުން އިންތިޚާބުކޮށްފައިވާއިރު، ރައީސަކީ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީއެންސީ ގުރައިދޫ ދާއިރާގެ ރައީސް ހަނާން މުޙައްމަދު ރަޝީދުއެވެ. މި ކޮމިޓީގައި 4 އަންހެން މެމްބަރުން ހިމެނެއެވެ.
އެގޮފީގެ މަސައްކަތް ފަށާ ފުރަތަމަ ބައްދަލުވުން ވަނީ ރޭ ބާއްވާފައެވެ. އެ ބައްދަލުވުން ބާއްވާފައިވަނީ އެޕާޓީގެ މާލެ ސަރަހައްދުތަކުގެ ދާއިރާތަކުގެ ޒުވާނުންގެ ރައީސުންނާއެކުއެވެ. އެ ބައްދަލުވުމުގައި ސިޔާސީ މައިދާނުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް ޒުވާނުން ބާރުވެރިކުރުވަން ކުރަންޖެހޭ މަސައްކަތްތަކާ ގުޅޭ މުހިންމު މަޝްވަރާތަކެއް ކުރެވުނެވެ.
ރާއްޖޭގެ ހުރިހާ ސަރަހައްދުތަކުގެ ޒުވާނުންގެ ރައީސުންނާ ޕީއެންސީގެ ޔޫތްވިންގުން ބައްދަލު ކުރާނެއެވެ.
ޕީއެންސީ ޔޫތު ވިންގުގެ ހިންގާ ކޮމިޓީ:
އެމްޕީ ހަނާން މުހައްމަދު ރަޝީދުގެ އިތުރުން މި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ;
- މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލު،
- މުހައްމަދު ޔައީޝް އިސްމާއީލް،
- މުހައްމަދު އަލްސަން އަހުމަދު،
- އިބްރާހީމް އަބާން އަބްދުއްލަތީފް،
- އިފްނާން އަބްދުﷲ،
- އަލީ ހަސީން،
- މަލްޝާ ޝަރީފް،
- ލުޖައިނުﷲ ޒުހައިރު،
- ހަސަން ޝަހީދު،
- ފާތުމަތު ޝައުފާ ސަލީމް،
- އާމިނަތު ރަނާ ހުސައިން ޝިހާމް،
- ހިންދު ތައުފީގް
- އާމިނަތު ޝަޖަން.
ޒުވާނުންނަކީ ޕާޓީގެ އެންމެ ބޮޑު ރައުސްމާލުކަން ފާހަގަކުރައްވައި، އަލަށް އިންތިހާބުވި ކޮމިޓީގެ މެންބަރުންނަށް ޕީއެންސީގެ ލީޑަޝިޕުން ވަނީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ޒުވާނުން ބާރުވެރިކުރުވުމަށާއި، ސިޔާސީ މައިދާނުގައި ޒުވާނުންގެ ދައުރު ފުޅާކުރުމަށް ބޮޑު އިސްކަމެއް ދެއްވާއިރު، މި ކޮމިޓީގެ ސަބަބުން ޕާޓީގެ ހަރަކާތްތަކަށް އިތުރު ދިރުމެއް ލިބިގެންދާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.
ޕީއެންސީން މިހާރު މަސައްކަތް ކުރަމުންދަނީ ޕާޓީގެ އެތެރޭގެ ހިންގުން ހަރުދަނާކޮށް، ކުރިއަށް އޮތް ތަނުގައި ޒުވާނުންނަށް ހާއްސަ ގިނަ ހަރަކާތްތަކެއް ހިންގުމަށެވެ. މިގޮތުން ޕާޓީގެ ސިޔާސީ މަސައްކަތްތަކުގައާއި ސަރުކާރުގެ ސިޔާސަތުތައް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ޒުވާނުންގެ މި އާ ކޮމިޓީން އިސް ދައުރެއް އަދާކުރާނެ ކަމަށް އެ ޕާޓީން ބުންޏެވެ.
ސަރުކާރުގެ މައި ޕާޓީގެ ގޮތުގައި ޕީއެންސީ އޮތްއިރު، ޕާޓީގެ އެކި ގޮފިތައް ހަރުދަނާކުރުމަކީ ރައީސް މުއިއްޒު ދެއްވާ އިރުޝާދެއްގެ މަތިން ކުރިއަށްދާ މަސައްކަތްތަކެކެވެ. މި އާ ކޮމިޓީއާއެކު ޒުވާނުންގެ ބައިވެރިވުން އިތުރުވެ، ސަރުކާރުގެ މަޝްރޫއުތަކާއި ސިޔާސަތުތަކަށް ޒުވާނުންގެ ތާއީދު އިތުރުކުރުމަށް ބޮޑު ބާރަކަށް ވެގެންދާނެކަަމަށް ޕީއެންސީން އުންމީދުކުރެ އެވެ.
ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީއަކީ ރާއްޖޭގައި އެންމެ މެމްބަރުން ގިނަ ސިޔާސީ ޕާޓީއެވެ. އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު އެ ޕާޓީގައި 74،048 މެމްބަރުން ހިމެނެއެވެ. ދެން އެންމެ މެމްބަރުން ގިނަ އެމްޑީޕީގައި ތިބީ 43،784 މެމްބަރުންނެވެ. އެމްޑީޕީއަކީ 2005 ވަނަ އަހަރު އުފެއްދި ސިޔާސީ ޕާޓީއެކެވެ. ޕީއެންސީ އަކީ އޭގެ 13 އަހަރު ފަހުން، 2019 ވަނަ އަހަރުގެ ޖެނުއަރީ 31 ގައި އުފައްދާފައިވާ ޕާޓީއެއްކަން ފާހަގަ ކުރެވެއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ޑރ. ޒާހިރު ޙުސައިންގެ ޚިދުމަތަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރުއަދާކުރައްވައިފި2026 ފެބްރުއަރީ 01
790 މިލިއަން ޑޮލަރުގެ ބިޔަ މަޝްރޫޢު "އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް"ގެ ބިންގާ އަޅައިފި2026 ޖެނުއަރީ 29
ރޯދަ ހަދިޔާއަށް ބޮޑު ތަރުހީބެއް، 12 ހާހަށްވުރެ ގިނަ މަސްދަޅު ކޭސް ދޫކޮށްފި!2026 ޖެނުއަރީ 27
ފަތިސް ނަމާދުން ދުވަސް ފެށުމަށް ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް ރައީސް އިލްތިމާސްކުރައްވައިފި2026 ޖެނުއަރީ 27