logo
logo
ރޯދަ ހަދިޔާއަށް ބޮޑު ތަރުހީބެއް، 12 ހާހަށްވުރެ ގިނަ މަސްދަޅު ކޭސް ދޫކޮށްފި!

ރޯދަ ހަދިޔާއަށް ބޮޑު ތަރުހީބެއް، 12 ހާހަށްވުރެ ގިނަ މަސްދަޅު ކޭސް ދޫކޮށްފި!

2026 ޖެނުއަރީ 27
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ރޯދަ ހަދިޔާއަށް ބޮޑު ތަރުހީބެއް ލިބި، މިހާތަނަށް 12 ހާހަށްވުރެ ގިނަ މަސްދަޅު ކޭސް ދޫކޮށްފިއެވެ.

މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުވެސް ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ކޮންމެ ގޭބިސީއަކަށް ދޭން ނިންމާފައިވާ މަސްދަޅު ކޭހުގެ ތެރެއިން މިހާތަނަށް 12،274 މަސްދަޅު ކޭސް ދޫކޮށްފައިވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

އެ ވުޒާރާއިން ބުނީ މާލެ ސަރަޙައްދުގައި 65،230 ޑޮމެސްޓިކް ކަރަންޓް މީޓަރު ރަޖިސްޓްރީކޮށްފައިވާ ކަމަށާއި ރޯދަ ހަދިޔާގެ ގޮތުގައި ބަހާ މަސްދަޅު ކޭސް ދޫކުރަނީ އެ އަދަދަށެވެ. އެއީ، ކޮންމެ ކަރަންޓު މީޓަރަކަށް އެއް މަސްދަޅު ކޭހުގެ ރޭޓުންނެވެ.

މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބަހަން ފަށާފައިވަނީ، މިދިޔަ ހޮނިހިރު ދުވަހުގެ ރެއިން ފެށިގެންނެވެ.

އަތޮޅުތަކުގައި މަސްދަޅު ކޭސް ބެހުމަށް މިހާރު ދަނީ، ތައްޔާރުވަމުންނެވެ. އަދި ރަށްތަކުގައި ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް ކުރިއަށް ގެންދާނީ، އެ ރަށެއްގެ ކައުންސިލުގެ ބެލުމުގެ ދަށުންނެވެ.

ރޯދަ ހަދިޔާގެ ގޮތުގައި މިފަހަރު ޖުމްލަ 118،673 ގޭބިސީއަށް މަސްދަޅު ކޭސް ދޫކުރަން ވަނީ ނިންމާފައެވެ.

މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބެހުމަށް 15 ސަރަހައްދެއް ވަނީ ކަނޑައަޅާފައެވެ. އެ ތަންތަނުން މަސްދަޅު ކޭސް ދޫކުރާނީ، ޕޯޓަލް މެދުވެރިކޮށް ޓޯކަން ނެގުމުންނެވެ.

އެގޮތުން މާލޭގައި މަސްދަޅު ކޭސް ބަހަން ހަމަޖެހިފައި ވަނީ މިފްކޯ މަރުކަޒު، ސޯޝަލް ސެންޓަރު، އެމްޓީސީސީ ސޯމިލު، ހެންވޭރު ބޯޅަދަނޑު، ގަލޮޅު ދަނޑުގައެވެ.

ހުޅުމާލެ ފޭސް 1 ގައި މަސްދަޅު ބަހާނީ ޢުމަރު ޒާހިރު ބިލްޑިން، ޕޮލްކޯ ޓަވަރ، މުޙައްމަދު ޤާސިމް ޕްރީ ސްކޫލްގައެވެ.

މީގެއިތުރުން ހުޅުމާލެ ފޭސް 2 ގައި މަސްދަޅު ދޫކުރާނީ ކާމިލު ދީދީ ސްކޫލް، ހިޔާ ޓަވަރު 10، އެމްޕީއެލް ޓަވަރު ޕީގައި ކަމަށާއި ވިލިމާޅޭގައި މަސްދަޅު ދޫކުަރަން ހަމަޖެހިފައި ވަނީ ވެމްކޯ ސައިޓުގައި ކަމަށް ސިޓީތަކާބެހޭ ވުޒާރާއިން ބުންޏެވެ.

ރާއްޖޭގެ ހުރިހާ ގޭބިސީއަކަށް ރޯދަ ހަދިޔާ ބަހަންފެށީ ރައީސް ޑރ. މުޢިއްޒުގެ ޒަޢާމަތުގައެވެ. މަސްދާޅު ކޭހުގެ އިތުރުން މިދިޔަ 2 އަހަރެކޭ އެއްފަދައިން މިއަހަރު ވެސް ކަރަންޓާއި ފެން ބިލުން ޑިސްކައުންޓް ދިނުމަށް ނިންމަވާފައިވާކަން ފާހަގަ ކުރެވެއެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް