logo
logo
މާލޭގެ މޭޔަރު ކަމަށް ޖަލީލު ނިކުންނެވީ އަޅުގަނޑު އެދިގެން: ރައީސް

މާލޭގެ މޭޔަރު ކަމަށް ޖަލީލު ނިކުންނެވީ އަޅުގަނޑު އެދިގެން: ރައީސް

2026 ޖެނުއަރީ 25
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ މޫސާ ޢަލީ ޖަލީލަކީ އެ މަނިކުފާނުގެ ޗޮއިސްއެއް ކަމަށާއި އެ މަގާމަށް ޖަލީލު ކުރިމަތިލެއްވީ އެކަމަށް އެމަނިކުފާނު އެދިވަޑައިގަތުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޕީއެންސީން އިއްޔެ ޕީއެންސީން ބޭއްވި ކެމްޕެއިންގެ ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ މޭޔަރު ކަމަށް ނުކުންނެވުމަށް މޫސާ ޢަލީ ޖަލީލުގެ އަރިހުގައި އެދިވަޑައިގަތީ އޭނާއަކީ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުމަށް އެއްބާރުލުން ދެއްވައިގެން ވަރަށް އަމާނާތްތެރިކަމާއި އިޚުލާސްތެރިކަމާއި ހީވާގި ކަމާއެކު މަސައްކަތް ކުރައްވާނެ ބޭފުޅަކަށް ވާތީ ކަމަށެވެ. 

ރައީސް ވިދާޅުވީ މޫސާ ޢަލީ ޖަލީލަކީ ފަސްބައިގަ އެއްވެސް ކަހަލަ ހަޑިކަމެއް ނެތް، ހީވާގި ޤައުމީ ޖޯޝު ހުރި ޤައުމީވަންތަ ޤައުމު ފަޚުރުވެރިވާ ފަދަ ބޭފުޅަކަށް ވާތީ މާލޭގެ މޭޔަރު ކަމަށް ކުރިމަތިލެއްވުމަށް އެދިވަޑައިގެންނެވި ކަމަށެވެ.

ރައީސް ވަނީ އެކަން ޤަބޫލު ކުރެއްވީތީ މޫސާ ޖަލީލަށް ޝުކުރު އަދާކުރައްވައިފައެވެ.

ޕީއެންސީ ހަރުގޭގައި ބޭއްވި މި ޙަފުލާގައި ގިނަ ބަޔަކު ބައިވެރިވެފައިވާއިރު، އެމަނިކުފާނު ވިދާޅުވީ ޤައުމުގައި މިހާރު އޮތީ ހަމަޖެހުން ގާއިމް ވެފައިވާ ކަމަށާއި ލޯކަލް ލެވެލެއްގައި ރަށެއްގައި "ސަކަރާތް ޖަހަން" ކައުންސިލަރުން އިންތިޚާބު ކޮށްގެން ނުވާނެ ކަމަށެވެ.

ސަރުކާރުން ހިންގާ ރާވާ ކަންކަމަށް ހުރަސްތައް މެދުވެރިކޮށް، ރައްޔިތުންގެ މެދުގައި ހަމަނުޖެހުން އުފައްދާ ބަޔަކު އިންތިޚާބު ކޮށްގެން ނުވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. 

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް