ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ، ބައިނަލްއަޤުވާމީ މުބާރާތެއްގެ އެއްވަނަ ހޯދުމަކީ ތާރީޚީ ފަޚުރެއް: ރައީސް

ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ، ބައިނަލްއަޤުވާމީ މިފަދަ މުބާރާތެއްގެ އެއްވަނަ ހޯދުމަކީ ތާރީޚީ ފަޚުރެއްކަމަށާއި، މިއީ ޤައުމީ ރޫޙާއި ޢަޒުމުގައި ހިތްވަރުކޮށް ކާމިޔާބު ހޯދުމުގައި ދެވަނައެއް ނެތް، ރީތި ނަމޫނާއެއްކަމުގައި ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޤައުމީ ފުޓްސަލް ޓީމަށް ސާބަސްދެއްވައި ޝުކުރުއަދާ ކުރައްވައިފިއެވެ.
ސާފުގެ ފުރަތަމަ ފުޓްސަލް ޗެމްޕިއަންޝިޕް ރާއްޖެއިން ކާމިޔާބުކޮށްފައި ވަނީ މިއަދު ކުޅުނު މެޗްގައި 3-1 ން ބޫޓާން ބަލިކޮށްފައެވެ. މިއީ ބައިނަލްއަޤްވާމީ ފުޓްސަލް މުބާރާތެއްގައި ރަން މެޑެލި ދިވެހިރާއްޖެއިން ހޯދި ފުރަތަމަ ފަހަރެވެ.
ޤައުމީ ފުޓްސަލް ޓީމުން މުބާރާތުގެ ޗެމްޕިއަންކަން ހޯދުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ، އެ މަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައި ހިއްސާކުރެއްވި ޕޯސްޓުގައި ވަނީ، ކުޅިވަރުގެ މައިދާނުގައި ދިވެހި ހިތްވަރުގަދަ ދަރީން ހޯދަމުންދާ ރަން ވަނަތައް އިތުރުވުމަކީ، ޤައުމުގެ މުސްތަޤުބަލަށް އުޖާލާކަން ލިބޭކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
ވަކީން ޚާއްޞަކޮށް، ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ، ބައިނަލްއަޤުވާމީ މިފަދަ މުބާރާތެއްގެ އެއްވަނަ ހޯދުމަކީ ތާރީޚީ ފަޚުރެއްކަމަށާއި، މިއީ ޤައުމީ ރޫޙާއި ޢަޒުމުގައި ހިތްވަރުކޮށް ކާމިޔާބު ހޯދުމުގައި ދެވަނައެއް ނެތް، ރީތި ނަމޫނާއެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މުބާރާތުގައި ޤައުމީ ޓީމުން ހޯދި ކާމިޔާބީއާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުހައްމަދު ލަޠީފު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓުގައި ވަނީ، މި ތާރީޚީ ކާމިޔާބީއަށްޓަކައި، ޤައުމީ ފުޓްސަލް ޓީމަށް ތަހުނިޔާ ވިދާޅުވެ، މި ކާމިޔާބީއަކީ، ޒުވާން އެތުލީޓުންނަށް ލިބޭ ހިތްވަރަކަށް ވާނޭކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެފައެވެ.
މި ކާމިޔާބީއާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވެސް ވަނީ އެކްސްގައި ތަހުނިޔާގެ މެސެޖެއް ހިއްސާކުރައްވާފައެވެ. ޤައުމީ ފުޓްސަލް ޓީމް ދެއްކި މޮޅު ކުޅުމާއި ހޯދި އެއްވަނަ މަޤާމަކީ ދިވެހި އެންމެހާ ރައްޔިތުންނަށް ލިބުނު ފަޚުރަކާއި ޝަރަފެއްގެ ގޮތުގައި ސިފަކުރައްވައި އެކަމަނާވެސް ވަނީ، ޓީމުގެ ހުރިހާ ކުޅުންތެރިންނަށް މަރުޙަބާ ވިދާޅުވެ، ޝުކުރު އަދާކުރައްވާފައެވެ.
މި މުބާރާތުގައި ރާއްޖޭގެ ފުޓްސަލް ޓީމު ވަނީ ދުނިޔޭގެ އެންމެ އާބާދީ ބޮޑު އިންޑިއާ ވެސް 5-0 ގެ ބޮޑު ތަފާތަކުން ބަލިކޮށްފައިކަން ފާހަގަ ކުރެވެއެވެ.
2025 ވަނަ އަހަރު ބޭއްވި 20 އަހަރުންދަށުގެ، ސާފް ފުޓްބޯލް ޗެމްޕިއަންޝިޕް ވެސް ދިވެހި ޤައުމީ ޓީމު ހޯދިކަން ފާހަގަކުރެވެއެވެ.
އިތުރަށް





.gif.gif&w=828&q=100)