
ޚިޔާލުފާޅުކުރުމުގެ ނަމުގައި ކުރާ، އިސްލާމްދީނުގެ ޙުރުމަތް ކެނޑޭ ފަދަ ޢަމަލުތައް ބަލައެއް ނުގަނެވޭނެ: ޑރ. ޝަހީމް
ޒައުޖަތު އަޙުމަދުޚިޔާލުފާޅުކުރުމުގެ ނަމުގައި ކުރާ އިސްލާމްދީނުގެ ޙުރުމަތް ކެނޑޭ ފަދަ ޢަމަލުތައް ބަލައެއް ނުގަނެވޭނެ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާ ގުޅޭގޮތުން މީސްމީޑިއާގައި ދެއްވި މެސެޖެއްގައެވެ. އެމަނިކުފާނު މިފަދަ މެސެޖެއް ދެއްވާފައިވާއިރު ރާއްޖޭގެ އޮންލައިން ނޫހެއް ކަމުގައިވާ "އަދަދު" ނޫހުން އިއްޔެ ވަނީ ނަމާދުކުރާ މީހުނަށް ފުރައްސާރަވާ ގޮތަށް ސިޔާސީ ކާޓޫނެއް ކުރަހާ ޝާއިޢު ކޮށްފައެވެ.
ސިޔާސީ ގޮތުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރުމުގައި، އިސްލާމްދީނުގެ މަތިވެރި ޙުކުމްތަކާއި، ރުކުންތަކާއި، އަދި ދީނީ ޝިއާރުތަކަށް ފުރިހަމައަށް އިޙުތިރާމްކުރަންޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޑރ. ޝަހީމް ފާހަގަކުރެއްވި ގޮތުގައި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ އިސްލާމްދީނުގައި ވަރަށް މަތިވެރި މަޤުޞަދަކަށްޓަކައި ޙިމާޔަތްކޮށްފައިވާ މުހިންމު ޙައްޤެކެވެ. ނަމަވެސް، އެ މިނިވަންކަމުގެ ބޭނުން ހިފަންވާނީ ދީނީ އަދި އަޚުލާޤީ މިންގަނޑުތަކުގެ ތެރެއިން ކަމަށެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ދީފައިވާ ރޫޙަކީ ވެސް އިސްލާމްދީނުގެ އަސްލުތަކާ ފުށުނާރާ ގޮތެއްގެ މަތިން އެ ޙައްޤުގެ ބޭނުން ހިފުން ކަމަށެވެ. އެހެންކަމުން، ކޮންމެ މުސްލިމަކީވެސް ދީނުގެ ރުކުންތަކާއި ޝިޢާރުތަކަށް އިޙުތިރާމްކުރަންޖެހޭނެ މީހެއްކަން އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްލާމީ އުޞޫލުތަކާއި ދިވެހިވަންތަކަން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ މި ދަނޑިވަޅުގައި، ވަޒީރު ވަނީ ސިޔާސީ މައިދާނުގައި ޙަރަކާތްތެރިވާ ފަރާތްތަކުންނާއި އާންމު ރައްޔިތުންވެސް މި މުހިންމު އުޞޫލުތަކަށް ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ.
ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި އިސްލާމްދީނުގެ ޙުރުމަތް ކެނޑޭ ފަދަ އެއްވެސް ޢަމަލެއް ހިންގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށާއި ދީނީ އެއްބައިވަންތަކަން ނަގަހައްޓައި، މުޖުތަމަޢުގެ އަދަބުތަކަށް ބޯލެނބުމަށް ވަޒީރު ވަނީ ގޮވާލައްވާފައެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ޙައްޖު ކިއު ދިގުވުން އެއީ ހަމައެކަނި ރާއްޖެއަށް ދިމާވެފައިވާ މައްސަލައެއް ނޫން: ޑރ. ޝަހީމް2026 އޭޕްރީލު 22
ރާއްޖޭގެ ދީނީ އެއްބައިވަންތަކަމަށް ލޮޅުމެއް އަރާނެ ފަދަ ކަމަކަށް ޖާގަ ނުދިނުމަށް އިލްތިމާސްކުރަން: ޑރ. ޝަހީމް2026 މާރިޗު 26
ބަންޑާރަ މިސްކިތުގެ މައްސަލާގައި ޑރ. ޝަހީމް ޔުމްނާ މައުމޫނަށް ރައްދުދެއްވައިފި 2026 މާރިޗު 07
ދެ އިންތިޚާބު އެއްކޮށްލުމުގެ ވިސްނުމާއެކު ކުރިއަށް ދިއުމަށް ޑރ. ޝަހީމް ގޮވާލައްވައިފި2026 ފެބްރުއަރީ 24