
ރާއްޖޭގައި ބަނގުރަލާއި މަސްތުވާތަކެތީގެ ވިޔަފާރީގައިވެސް ބިދޭސީން!
ޒައުޖަތު އަޙުމަދުރާއްޖޭގައި ބަނގުރަލާއި މަސްތުވާތަކެތީގެ ވިޔަފާރީގައި ބިދޭސީން ގިނަކަން ފުލުހުން އާންމުކޮށްފައިވާ މަޢުލޫމާތުތަކުން ދައްކައިފިއެވެ.
އެގޮތުން ފުލުހުން އާންމުކޮށްފައިވާ މަޢުލޫމާޓުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ފާއިތުވި 22 ދުވަހުގެ ތެރޭގައި 17 ބިދޭސީން ވަނީ މިފަދަ މައްސަލަތަކުގައި ހައްޔަރުކޮށްފައެވެ.
ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މި މަހުގެ 20 ވަނަ ދުވަހު މާލޭގައި ހިންގި އޮޕަރޭޝަންގައޮ، ޤަވާޢިދާ ޚިލާފަށް ބަނގުރާ ވިއްކާ ވިޔަފާރިކުރާކަމުގެ ތުޙުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސިޕޮން އަލީ (21) އާއި ޖުވެލް ރަނާ (32އ) އާއި އެމްޑީ ނަޒްރުލް އިސްލާމް (20) އާއި އެމްޑީ އިބްރާހީމް(22އ) އެވެ. މި އެންމެންނަކީ ވެސް ބަންގްލަދޭޝް މީހުންނެވެ. މި މީހުން ހައްޔަރުކޮށް، މާލޭ މާފަންނު ގެއެއް ބަލައިފާސްކުރިއިރު 54 ފުޅި ބަނގުރާ ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން، އެ މީހުން ގެންގުޅުނު ސައިކަލު ވަނީ ޓޯކޮށްފައެވެ.
މި މައްސަލާގައި ހައްޔަރުކުރި ހަތަރު މީހުން ވެސް މިހާރުވަނީ ޑީޕޯޓުކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.
މީގެއިތުރުން މާލޭގައި ބަނގުރާ އުފައްދައި، ގެންގުޅެ ބޭނުންކޮށް އަދި ބަނގުރަލުގެ ވިޔަފާރިކުރަމުންދާ ކަމުގެ ތުހުމަތުގައި 4 ބިދޭސީއަކު ވަނީ ހައްޔަރުކޮށްފައެވެ. މި ޖަނަވަރީ މަހުގެ 5 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކޮށް މާލޭ ގެއެއްގެ އެޕާޓްމަންޓެއް ބަލައިފާސްކުރިއރު ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި ފުޅިތަކަކާއި ބަނގުރާ އުފެއްދުމަށް ބޭނުންކުރާކަމަށް ބެލެވޭ ސާމާނު ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޑިއު ކުމަރް މެޔޮންގްބަ، ނޭޕާލް (30އ) އާއި ސުމަން އަދިކަރި ، ނޭޕާލް (26އ) އާއި މޮޒައްމެލް، ބަންގްލަދޭޝް (43އ) އާއި ރާމްޖި ޕަރިޔަރް. ނޭޕާލް (38އ) އާއި ބިކްރަމް ނެޕަލި، ނޭޕާލް (27އ) އެވެ. މި އެންމެން ވެސް ވަނީ ޑީޕޯޓްކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.
ހަމައެހެންމެ މި ޖަނަވަރީ މަހުގެ 6 ވަނަ ދުވަހުގެ ހެނދުނު ހުޅުމާލެ ފޭސް 1 ގައި ފުލުހުން ޕެޓްރޯލުކުރަމުން ދިޔައިރު ތުޙުމަތު ކުރެވިގެން ހުއްޓުވައި ބަލާފާސްކޮށް، އެމްޑީ ޖެވެލް ހޮސެން (31އ) ކިޔާ ބަންގުލަދޭޝް މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ހުޅުމާލޭ ބަނދަރު ސަރަހައްދުން އޭނާ ދުއްވި ވޭން، ހުއްޓުވައި ބަލައިފާސްކުރިއިރު 134 ފުޅި ބަނގުރާ ފެނިފައިވެއެވެ.
މީގެއިތުރުން މި މަހުގެ 3 ވަނަ ދުވަހު މަސްތުވާތަކެތި ގެންގުޅެ، އެ ތަކެތި ބޭނުންކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކުޅުދުއްފުށި ސިޓީން ދެމީހުން ހައްޔަރުކުރިއިރު އޭގެތެރެއިން އެކަކީ ހޮސައިން ރިއާޒް، ބަންގްލަދޭޝް (28އ) އެވެ.
ހުޅުމާލެ ފޭސް 1 ގައި ޖަނަވަރީ 1 ވަނަ ދުވަހު ފުުލުހުން ޕެޓްރޯލްކުރަމުން ދިޔައިރު ތުޙުމަތު ކުރެވިގެން ހުއްޓުވައި ބިދޭސީއަކު ބަލާފާސްކޮށްފައިވެއެވެ. އޭނާ ހުއްޓުވައި ސުވާލުކޮށް، އޭނާ އެ ވަގުތު ގެންގުޅުނު ފޮށި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓުތަކެއް ފެނިފައިވެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 94.34 ގުރާމެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހޮސައިން ސަޒާދް، ބަންގްލަދޭޝް (25އ) އެވެ.
މީގެއިތުރުން ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ޤަވާޢިދާ ޚިލާފަށް ބަނގުރަލުގެ ވަގު ވިޔަފާރި ކުރަމުންދިޔަ 4 ބިދޭސީންނާއި ދިވެއްސަކު ހައްޔަރުކޮށްފައިވެއެވެ.
ޑިސެމްބަރު 31 ވަަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން އެ ސަފާރީ ބަލައިފާސްކުރިއިރު 102 ފުޅި ބަނގުރާ އަދި 218 ދަޅު ބަނގުރާ ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެމްޑީ ޝޭކަރު ހޮސައިން، އިންޑިއާ (34އ) އާއި ރަސެލް މިއާ، ބަންގްލަދޭޝް (35އ) އާއި ޕުބުދު އަސެލަ ބަންދަރަ ދޮލޮސްބަ ގެދަރަ، ސްރީލަންކާ (27އ) އާއި ތަރަކަ ސަމަން ކުމާރަ ދޭވަ، ސްރީލަންކާ (35އ) އެވެ.
ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް ދިރިއުޅެމުން އަންނަ ބިދޭސީންގެ ޒަމާންވީ މައްސަލަ ޙައްލު ކުރުމަށް އެންމެ ގިނަ މަސައްކަތްތަކެއް ކޮށްފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުންނެވެ. މި ސަރުކާރުން ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ޚާއްޞަ ޓާސްކްފޯހެއް އުފައްދައިގެން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކުރެވެއެވެ.
މިގޮތުން ޤަވާޢިދާ ޚިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ރިޕޯޓު ކުރަން ޚާއްޞަ ލިންކެއް، ވިޔަފާރިއާއި އިޤްތިޞާދީ ތަރައްޤީއާބެހޭ ވުޒާރާއިން ތަޢާރަފްކޮށް އެފަދަ ވިޔަފާރިތައް ރިޕޯޓު ކުރުމަށް އާންމުންގެ ކިބައިން ވަނީ އެދިފައެވެ.
ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ބިދޭސީންގެ ބައޯމެޓްރިކްސް އަދާހަމަކޮށް ޤަވާޢިދުގެތެރެއަށް ފެއްތުމަށް މަސައްކަތްތަކެއް ކުރަމުން އަންނައިރު އެ މަޢުލޫމާތު ފޯރުކޮށް ނުދޭ ބިދޭސީންނަށް ފިޔަވަޅު އަޅަމުން އަންނަކަން ފާހަގަ ކުރެވެއެވެ. މިގޮތުން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ބަޔޯމެޓްރިކްސް ދޭން ސަރުކާރުން ދިން މުހުލަތު ހަމަވި ފަހުން ނުދީ ތިބި 500 މީހަކު މިހާތަނަށް ޑީޕޯޓްކޮށްލާފައިވާ ކަމަށް މި މަހުގެ 18 ވަނަ ދުވަހު، ދާޚިލީ ވަޒީރު ޢަލީ އިހުސާން ވަނީ ވިދާޅުވެފައެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ބިދޭސީން ހިންގަމުން އައި 5 ވިޔަފާރިއަކަށް ނޯޓިސް ދީ ބަންދުކޮށްފި 2026 ޖެނުއަރީ 13
ގއ. ޑްރަގް އޮޕަރޭޝަންގައި މިހާތަނަށް 13 ފަރާތެއްގެ 53 ބޭންކު އެކައުންޓު ފްރީޒް ކޮށްފި 2026 ޖެނުއަރީ 13
އަލިމަގު އޮޕަރޭޝަންގައި ހައްޔަރުކުރި ސިޔާސީ މުވައްޒަފަކު މަޤާމުން ވަކިކޮށްފި2026 ޖެނުއަރީ 12
ފުލުހުން މިއަދު ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންގެ ވަނަވަރު އާންމުކޮށްފި2026 ޖެނުއަރީ 11