
ނަޝީދުގެ އާރެއް ބާރެއްނެތް، އަދިވެސް އެމްޑީޕީގައި އޮތީ ސޯލިހުގެ ބާރު
ނިމިދިޔަ ހުކުރުދުވަހު އެމްޑީޕީން ބޭއްވި ޕްރައިމަރީއަކީ އަނެއްކާވެސް ލައްކަ ވާހަކަ ބުނެދިން އިންތިހާބެކެވެ. 2028 ވަނަ އަހަރުގެ ރިޔާސީ ޓިކެޓުގެ ވާދަވެރިކަމަކީ އެންމެންނަށް އެނގޭ ސިއްރެކެވެ. އެ އިންތިހާބުން ދައްކުވާދިނީ އެންމެ ކަމެކެވެ. އަދިވެސް އެމްޑީޕީގައި ނުފޫޒާއި ބާރުގަދައީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ކަމެވެ.
އެމްޑީޕީގެ 2023 ވަނަ އަހަރުގެ ރިޔާސީ ޕްރައިމަރީ އާއި ހަމައިން ދެރައީސުންގެ މެދުގައި މައްސަލަޖެހި ރައީސް މުހައްމަދު ނަޝީދު އައު ޕާޓީއެއް އުފައްދަވާ އެމްޑީޕީ ރޫޅާލުމުގެ މަސައްކަތް ފެށިއެވެ. މަޖިލީހުގެ 13 މެންބަރުންނާއެކު ނަޝީދުފެށި މަސައްކަތުން ކޮންމެސް ވަރަކަށް އެމްޑީޕީއަށް ލޮޅުންތަކެއް އެރިއެވެ.
މިދިޔަ ހުކުރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ޕްރައިމަރީ ފޯރިގަދަ ވެގެން ދިޔައީ ނަޝީދުގެ ފެކްޝަންގެ މެންބަރުން އަލުން އެ ޕާޓީ އާ ގުޅިވަޑައިގަތުމަށް ފަހު އެ ޕްރައިމަރީގައި ސޯލިހުގެ ފެކްޝަނުގެ މެންބަރުންނާ ވާދަކުރެއްވުމުންނެވެ. މި އިންތިހާބު ވެގެންދިޔައީ އެމްޑީޕީގެ ގްރާސްރޫޓް ލެވަލްގައި އަދިވެސް ނަޝީދު ފެކްޝަންގެ މެންބަރުންނަށް ތާއީދު އޮތީ ކިހާ ވަރަކަށްތޯ ވަޒަން ކޮށްލައި އެ މެންބަރުން އަލުން ޕާޓީގެ ބާރުގަދަ މަގާމްތަކަށް އެނބުރި ވަޑައިގަތުމަށް ފރުސަތުއޮތްތޯ ބަލާލުމަށް ލިބުނު ފުރުސަތަކަށެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވުނީ މާލެސިޓީ ކައުންސިލްގެ ގޮނޑިތަކަށް އެބައިމީހުންގެ ތެރޭގައި އޮތް ވާދަވެރިކަމެވެ.
އެގޮތުން މާލޭގެ މޭޔަރުގެ މަގާމަށް ސޯލިހު ތާއީދުކުރެއްވީ އާދަމް އާޒިމް އަށެވެ. ނަޝީދު ތާއީދުކުރެއްވީ ކުރެއްވީ ނަޝީދު އާއެކު އެމްޑީޕީ ރޫޅާލަން ޑިމޮކްރެޓްސް އުފެއްދި އަލީ އާޒިމް އަށެވެ. މޭޔަރު ޓިކެޓުވީ ދެއާޒިމުގެ ވާދައަކަށެވެ.
ސޯލިހު މިދިޔަ ތިންމަސްދުވަސްތެރޭ ރާއްޖޭގެ އެކި ރަށްރަށަށް ކުރެއްވި ދަތުރުތަކުގައިވެސް އާދަމް އާޒިމް ވަރަށް އަރިސްކޮށް އުޅުއްވިއެވެ. ޖެހިގެން އިންނަ ގޮނޑީީގައި ނޫނީ ނުބައިންދައެވެ. ސޯލިހުގެ ފެކްޝަން ވަރަށް ސާފެވެ. ނަޝީދުވެސް ވަރަށް ފާޅުގައި އަލީ އާޒިމަށް ކެމްޕޭން ކުރެއްވިއެވެ. ސޯޝަލް މީޑިއާގައި ޕޯސްޓްތައްވެސް ކުރެއްވިއެވެ.
ފޯރިގަދަ އިންތިހާބަކަށްފަހު އިންތިހާބު ކާމިޔާބު ކުރީ ސޯލިހު ފެކްޝަނުންނެވެ. މޭޔަރު ޓިކެޓް ސޯލިހު ފެކްޝަނުގެ އާދަމް އާޒިމް ކާމިޔާބުކުރެއްވިއެވެ. ވަކިވަކި ދާއިރާތައްވެސް ކާމިޔާބުކުރީ ސޯލިހުގެ ފެކްޝަނުގެ މީހުންނެވެ. ނަޝީދުގެ ލޯޔަލިސްޓެއް ކަމަށްވާ މިހާރުގެ ކައުންސިލަރ ސައިފްވެސް އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓް ހައްޖަ އާއި ވާދަކޮށް ލަދުވެތިގޮތަކަށް ވީ ބައްޔެވެ.
ނަތީޖާއިން އެނގިހާމަވީ އެންމެ ކަމެކެވެ. އަދިވެސް ޕާޓީގައި ގަދައީ ސޯލިހު ކަމެވެ. އެމްޑީޕީގެ ގްރާސްރޫޓުގައި ނަޝީދުއަށް އިހުއޮތް އިހުތިރާމާއި ތާއީދު ނެތްކެމެވެ. ނަތީޖާ އާއި ގުޅިގެން އެމްޑީޕީގެ ސޯލިހުގެ ފެކްޝަން މީހުން ބުނަމުން ދިޔައީ ހަގީގީ ޕާޓީ މީހުން އާންމު މެންބަރުން ދަންނާނެ ކަމަށާއި ފުރުސަތުދޭނީ އަބަދުވެސް އިހުލާސްތެރިންނަށް ކަމަށެވެ.
ސުވާލަކީ ޕްރައިމަރީއިން ބަލިވި ނަޝީދުގެ ފެކްޝަނުގެ މީހުން މޮޅުވި ސޯލިހުގެ ފެކްޝަން މީހުންނާއެކު އަސްލު އިންތިހާބުގައި ހުންނާނެތޯއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
