logo
logo
ރޯދައަށް ހުޅުވާ ދަނޑުވެރިންގެ ވަގުތީ މާރުކޭޓު ބޭނުންކުރުމުގެ އުސޫލު އާންމުކޮށްފި

ރޯދައަށް ހުޅުވާ ދަނޑުވެރިންގެ ވަގުތީ މާރުކޭޓު ބޭނުންކުރުމުގެ އުސޫލު އާންމުކޮށްފި

2026 ޖެނުއަރީ 21
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ރޯދަމަހަށް ހުޅުވާ، ދަނޑުވެރިންގެ ވަގުތީ މާރުކޭޓު ބޭނުންކުރުމުގެ އުސޫލު އާންމުކޮށްފިއެވެ.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާއިން ބުނީ މި މާރުކޭޓަކީ ރަމަޟާން މަހަށް ޚާއްޞަކޮށްގެން ދަނޑުވެރިން އުފައްދާ ތަކެތި މާލެގެނެސް ވިއްކުމަށް ލުއިފަސޭހަ ގޮތެއް ހޯދައިދިނުމުގެ މަޤްޞަދުގައި ސަރުކާރުން ޤާއިމްކުރައްވާފައިވާ މާރުކޭޓެއް ކަމަށެވެ.

ވަގުތީ މާރުކޭޓު ބޭނުންކުރުމުގައި ގެންގުޅެންޖެހޭ އުސޫލުގައި 11 ކަމެއް ފާހަގަ ކޮށްފައިވެއެވެ. އެގޮތުން:

1. މާރުކޭޓަށް ތަކެތި ވައްދަން ފެށޭނީ 15 ފެބްރުއަރީ 2026 ވާ އާދިއްތަ ދުވަހުގެ ހަވީރު 16:00 އިން ފެށިގެންނެވެ.

2. މާރުކޭޓްގައި ވިއްކާތަކެތީގެ ޞައްޙަ ރިކޯޑު މިނިސްޓްރީއަށް ފޯރުކޮށްދޭންވާނެއެވެ.

3. ރާއްޖޭގެ ރަށްރަށުގައި އުފައްދާފައިވާ ރޯ މޭވާއާއި ތަރުކާރީ ފިޔަވާ (ރިހާކުރާއި އަސާރަ ފަދަ ތައްޔާރީ ކާބޯތަކެއްޗާއި އިމްޕޯޓްކޮށްފައިވާ ކާބޯތަކެތި ފަދަ) އިތުރު ތަކެތި ވިއްކުމަކީ މަނާކަމެކެވެ.

4. ގޮޅިތަކުގައި ތަކެތި ވިއްކަން ބިދޭސީން ބޭތިއްބުމަކީ މަނާކަމެކެވެ.

5. މާރުކޭޓުން ބޭރުގައި އަދި އެބަޔަކަށް ކަނޑައަޅާފައިވާ ގޮޅިތަކުން ބޭރުގައި ތަކެތި ވިއްކުމަކީ މަނާކަމެކެވެ.

6. ކުރުނބާ، ކާށި، ކަށިކެޔޮ، ކަރާ، ބަރަބޯ ފަދަ ހަރު ތޮށިގަނޑުލާފައިވާ ބާވަތްތައް ފިޔަވާ އެހެން އެއްވެސް ބާވަތެއް ތަޅުންގަނޑު މަތީގައި ބެހެއްޓުމަކީ މަނާކަމެކެވެ.

7. މޭވާއާއި ތަރުކާރީ ވިއްކަންވާނީ ތަޅުމުން ފެށިގެން އެންމެ ކުޑަވެގެން 2 ފޫޓު އުސްކޮން ހުންނަ ސާފުތާހިރު މޭޒެއްފަދަ އެއްޗެއްގެ މަތީގައި ބަހައްޓައިގެންނެވެ.

8. މާރުކޭޓުގައި ތަކެތި ވިއްކުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:00 ފެށިގެން ރޭގަނޑު 11:00 އަށް (ނަމާދު ވަގުތުތައް ނުހިމަނާ)

9. މާރުކޭޓު ބޭނުންކުރާ ފަރާތްތަކުން މާރުކޭޓުގެ އެތެރެއާއި މާރުކޭޓު ހިމެނޭ ސަރަޙައްދަށް ކުނިއަޅާ ހަދައިގެންނުވާނެއެވެ. އަދި މާރުކޭޓުތެރެ ސާފުތާހިރުކޮށް ބޭއްވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވަންވާނެއެވެ.

10. މާރުކޭޓުގައި ތަކެތި ވިއްކާ ފަރާތްތަކުން، ކޮންމެ ދުވަހަކުވެސް ވިޔަފާރި ނިމުމުން އެފަރާތަކުން ބޭނުންކުރަމުން ގެންދެވި ގޮޅީގައި އުފެދިފައިވާ ކުނި އެކަމަށް ޚާއްޞަކޮށްފައިވާ ސަރަޙައްދަށް ޖަމާކުރަންވާނެއެވެ.

11. 26 މާރިޗު 2026 ވަނަ ދުވަހުގެ 18:00ގެ ކުރިން ތަނުގައި ހުރި މުދާނެރެ ތަންހުސްކުރަންވާނެއެވެ.

ރަމަޟާން މަހަކީ، އަތޮޅުތަކުން ދަނޑުވެރިކަމުގެ ބާވަތްތައް ގިނަ އަދަދަކަށް މާލެ ގެންނަ މަހެއްކަން ފާހަގަކޮށް ދަނޑުވެރިކަމާއި ބެހޭ ވުޒާރާ އިން ބުނީ ދަނޑުވެރިން އުފައްދާ ތަކެތި މާލެ ގެނެސް ވިއްކުމަށް ލުއިފަސޭހަ ގޮތެއް ހޯދައިދިނުމުގެ މަޤްސަދުގައި ދަނޑުވެރިކަމާއި ބެހޭ ވުޒާރާ އާއި ކަމާގުޅޭ ފަރާތްތަކާއި ގުޅިގެން މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.

 

 

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް