
ރެއާލް ބަލިކޮށް ބާސެލޯނާ ސުޕަ ކަޕް ކާމިޔާބު ކޮށްފި
ސްޕެނިޝް ސުޕަރ ކަޕްގެ ޗެމްޕިއަންކަން ބާސެލޯނާ އިން 16 ވަނަ ފަހަރަށް ހޯދައިފި އެވެ.
ބާސެލޯނާ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ސައުދި އަރަބިއްޔާގެ ޖިއްދާގައި ވާދަވެރި ރެއާލް މެޑްރިޑް 3-2 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހުގަ އެވެ.
ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގައި ބާސެލޯނާ އިން ވަނީ މެޗުގެ 36 ވަނަ މިނިޓުގައި ލަނޑެއް ޖަހާ ކުރި ހޯދާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ރަފީނިއާ އެވެ.
ނަމަވެސް ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ކުޅުމުގެ ދެވަނަ މިނިޓުގައި ރެއާލް މެޑްރިޑްގެ ވިނިޝިއަސް ޖޫނިއަރ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ އޮކޯޓޫބަރ މަހުގެ 4 ވަނަ ދުވަހަށްފަހު އޭނާ ޖެހި ފުރަތަމަ ލަނޑެވެ.
ބާސެލޯނާ އިން މި މެޗުގައި ދެވަނަ ފަހަރަށް ލީޑު ނަގާފައިވަނީ ރެއާލް މެޑްރިޑް އިން ނަތީޖާ އެއްވަރުކުރިތީ ދެ މިނިޓު ފަހުން ރޮބަޓް ލެވަންޑޯސްކީ ކާމިޔާބުކކޮށްދިން ލަނޑުންނެވެ.
ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން ރެއާލް މެޑްރިޑްގެ ގޮންޒާލޯ ގާސިއާ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ދެވަނަ ފަހަރަށް އެއްވަރުކޮށްފަ އެވެ.
ބާސެލޯނާ މޮޅުވި ލަނޑު މެޗުގެ 73 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ރަފީނިއާ އެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most



