logologologologo
STO
ކުޅިވަރު

ރަފީނިއާގެ ދެ ލަނޑާއެކު ބާސެލޯނާއިން ލަލީގާގެ ތާރީޚީ ރެކޯޑެއް މުގުރާލައިފި

ރަފީނިއާގެ ދެ ލަނޑާއެކު ބާސެލޯނާއިން ލަލީގާގެ ތާރީޚީ ރެކޯޑެއް މުގުރާލައިފި
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 މޭ 18

ސްޕެނިޝް ލަލީގާގެ ޗެމްޕިއަން ބާސެލޯނާއިން، 38 މެޗު ކުޅޭ ލަލީގާ ސީޒަނެއްގައި އަމިއްލަ ދަނޑުގައި ކުޅުނު ހުރިހާ މެޗަކުން (19 މެޗުން) މޮޅުވި ފުރަތަމަ ޓީމުގެ ޝަރަފު ހޯދައި، ތާރީޚީ ރެކޯޑެއް ގާއިމުކޮށްފިއެވެ. ރަފީނިއާގެ ދެ ލަނޑާއެކު ރެއާލް ބެޓިސް އަތުން ބާސެލޯނާ މިއަދު މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ.

މެޗުގެ 28 ވަނަ މިނިޓުގައި ބާސެލޯނާއަށް ލީޑު ނަގައިދިނީ ބްރެޒިލްގެ ފޯވާޑް ރަފީނިއާއެވެ. އޭނާ ފޮނުވާލި ހިތްގައިމު ހިލޭޖެހުން ވަނީ ބެޓިސްގެ ކީޕަރު އަލްވާރޯ ވީއޭއަށް އެއްވެސް ފުރުސަތެއް ނުދީ ގޯލުގެ ތެރެއަށް ވައްދާލާފައެވެ. އޭގެފަހުން، މެޗުގެ 62 ވަނަ މިނިޓުގައި ބެޓިސްގެ ކެޕްޓަން އަދި އާސެނަލްގެ ކުރީގެ ޑިފެންޑަރު ހެކްޓަރ ބެލެރިންއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ރަފީނިއާ ވަނީ ބާސެލޯނާގެ ދެވަނަ ލަނޑު ޖަހައިދީފައެވެ.

އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގަ ހޯދާފައިވާ ރެއާލް ބެޓިސްއިން މެޗުގެ ތެރެއަށް އެނބުރި އައީ ލިބުނު ޕެނަލްޓީއަކުންނެވެ. ބާސެލޯނާގެ ގާވީ، ބެޓިސްގެ އިސްކޯއަށް ކުރި ފައުލަކަށް ދިން މި ޕެނަލްޓީ ކާމިޔާބުކޮށްދިނީ ރެއާލް މެޑްރިޑްގެ ކުރީގެ މިޑްފީލްޑަރު އިސްކޯއެވެ.

ނަމަވެސް، އޭގެ ކުޑައިރުކޮޅެއް ފަހުން ބާސެލޯނާގެ ޑިފެންޑަރު ޔޮއާވް ކަންސެލޯ ވަނީ 20 ޔާޑު ބޭރުން ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައި، ހިތްގައިމު ލަނޑަކާއެކު ބާސެލޯނާއަށް އަލުން ދެ ލަނޑުގެ ލީޑެއް ހޯދައިދީފައެވެ.

މިދިޔަ އާދިއްތަ ދުވަހު ރެއާލް މެޑްރިޑް ބަލިކޮށް ލަލީގާ ކާމިޔާބުކުރި ހަންސީ ފްލިކްގެ ބާސެލޯނާއަކީ، ލަލީގާގެ ތާރީޚުގައި އަމިއްލަ ދަނޑުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވި 11 ވަނަ ޓީމެވެ. ނަމަވެސް، 38 މެޗުގެ ފޯމެޓެއްގައި މި ރެކޯޑު ހެދި ފުރަތަމަ ޓީމަކީ ބާސެލޯނާއެވެ.

މީގެކުރިން މިފަދަ ރެކޯޑެއް އެންމެ ފަހުން ހެދީ 1985-86 ގެ ސީޒަނުގައި 17 މެޗުން މޮޅުވި ރެއާލް މެޑްރިޑެވެ. ބާސެލޯނާއިން އެންމެ ފަހުން ހޯމް ރެކޯޑެއް ފުރިހަމަކުރީ 1959-60 ގެ ސީޒަނުގައެވެ. އެ ފަހަރު އަމިއްލަ ދަނޑުގައި ކުޅުނު 15 މެޗުން ވެސް އެ ޓީމު މޮޅުވިއެވެ.

މި ސީޒަނުގައި ހުރިހާ މުބާރާތްތަކެއް ހިމެނޭހެން ބާސެލޯނާ އަމިއްލަ ދަނޑުގައި ބަލިވީ އެންމެ ދެ މެޗުންނެވެ. އެއީ ޗެމްޕިއަންސް ލީގުގައި އޮކްޓޯބަރު މަހު ޕީއެސްޖީ އަތުންނާއި، އޭޕްރީލް މަހު ކުއާޓާ ފައިނަލުގައި އެތުލެޓިކޯ މެޑްރިޑް އަތުންނެވެ.

 

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް