ފުރަތަމަ ފަހަރަށް ދަރުމަވަންތަ ހޮސްޕިޓަލުގައި އައިވީއެފް މެދުވެރިކޮށް ކުއްޖަކު އުފަންކޮށްފި!

ފުރަތަމަ ފަހަރަށް ދަރުމަވަންތަ ހޮސްޕިޓަލުގައި އައިވީއެފް މެދުވެރިކޮށް ކުއްޖަކު އުފަންކޮށްފިއެވެ.
މި ކާމިޔާޞީއާއި ގުޅިގެނ ދަރުމަވަންތަ ހޮސްޕިޓަލުގެ ސީއީއޯ ޢަބްދުއްރައްޒާޤް ޙަލީމް މިރޭ ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލުގެ ނޭޝަނަލް ފަރޓިލިޓީ ސެންޓަރުގައި އައިވީއެފް މެދުވެރިކޮށް ފުރަތަމަ ފަހަރަށް ކާމިޔާބު ކަމާއެކު ދަރިއަކު އުފަންވުމުގެ ޚަބަރު އަޑުއެއްސެވީ ނުހަނު އުފަލާއެކުގައި ކަމަށެވެ.
ޙަލީމް ވިދާޅުވީ މާތް ﷲގެ މިންވަރުފުޅާއެކު ލިބުނު މި ތާރީޚީ ކާމިޔާބީއަކީ ރާއްޖޭގައި ދަރިމައިވުމުގެ ޞިއްޙަތާގުޅޭ ފަރުވާ ހޯދަމުންދާ ޢާއިލާތަކަށް ލިބުނު އުއްމީދެއް ކަމަށެވެ.
ޙަލީމް ވަނީ މި މަސައްކަތުގައި ޝާމިލްވި މި ހޮސްޕިޓަލުގެ ނޭޝަނަލް ފަރޓިލިޓީ ސެންޓަރުގެ ޓީމަށާއި އެޓީމަށް ތަފާތު ގޮތްގޮތުން އެހީތެރިވި އެހެނިހެން ޑިޕާޓްމަންޓުތަކަށް ޝުކުރާއި މަރުޙަބާ ކިއުއްވައިފައެވެ. އަދި އެބޭފުޅުންގެ މިންނެތް މަސައްކަތަށް ފަޚުރުވެރިވާ ކަމަށް ޙަލީމް ވިދާޅުވިއެވެ.
މީގެއިތުރުން ޙަލީމް ވިދާޅުވީ އައިވީއެފްގެ ޚިދުމަތް ހޯދުމަށް ރާއްޖެއިން ބޭރުގައި ގިނަ ދުވަސްތަކެއް ހޭދަކުރަންޖެހުމަކީ، މާލީ ގޮތުންނާއި ނަފްސާނީ ގޮތުން ދިވެހި ޢާއިލާތަކެއް އުފުލަމުންދިޔަ ބޮޑު ތަކުލީފެއް ކަމަށާއި މިކަމަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް، 15 ނޮވެންބަރ 2024 ގައި ރަސްމީކޮށް އެމަނިކުފާނު ހުޅުވައިދެއްވި ނޭޝަނަލް ފަރޓިލިޓީ ސެންޓަރަކީ، ދިވެހި އާއިލާތަކަށް ލިބުނު ވަރަށް ބޮޑު އުފަލަކާއި ހިތްހަމަޖެހުމެއްކަން ޔަޤީން ކަމަށެވެ.
"މި މުހިންމު ޚިދުމަތް ފަށްޓަވައި، ރާއްޖޭގައި މިޚިދުމަތް މުޅިން ހިލޭ ލިބޭނެގޮތް ހަމަޖައްސަވައިދެއްވައި، ރައްޔިތުންގެ ތަކުލީފުތަކަށް ނިމުމެއް ގެނެސްދެއްވި ކަމަށްޓަކައި އެމަނިކުފާނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން." ރައޯސް ޑރ. މުޢިއްޒުއަށް ޝުކުރުއަދާ ކުރައްވައި ޙަލީމް ވިދާޅުވިއެވެ.
ދަރިމައިވުމުގެ ޞިއްޙަތާގުޅޭ ފަރުވާތަކަކީ، ދިވެހި އާއިލާތައް ބިނާކޮށް، ދުޅަހެޔޮ މުޖުތަމަޢެއް ޤާއިމުކުރުމަށްޓަކައި ކޮންމެހެން ބޭނުންތެރި އަސާސީ ޚިދުމަތެއް ކަމުގައި ދެކިލައްވާ ކަމުގައި ޙަލީމް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް، ނޭޝަނަލް ފަރޓިލިޓީ ސެންޓަރު ހުޅުވިގެން ދިޔައީ 15 ނޮވެންބަރ 2024 ގައި ކަން ފާހަގަ ކުރެވެއެވެ. މި ސެންޓަރު ރަސްމީކޮށް ހުޅުވައިދެއްވީ ވެސް ރައީސް ޑރ. މުޢިއްޒުއެވެ.
އިތުރަށް





.gif.gif&w=828&q=100)