
އެމްޑީޕީ ސަރުކާރުން ރަހުނުކުރި ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗް މިނިވަންކޮށްފި!
ޒައުޖަތު އަޙުމަދުއެމްޑީޕީ ސަރުކާރުން ރަހުނުކުރި ދަރުމަވަންތަ ހޮސްޕިޓަލާއި، އައިޖީއެމް ހޮސްޕިޓަލް އަދި މާލީ ވުޒާރާ ހިންގަމުން އަންނަ އިމާރާތް މިނިވަންވެއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މި އިމާރާތްތައް ރަހުނުކޮށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން 2021 ވަނަ އަހަރު ދޫކުރި ސުކޫކަށް ދައްކަންޖެހޭ ޖުމްލަ 524.68 މިލިއަން އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް އަށް ބިލިއަން ދިވެހި ރުފިޔާ) ސަރުކާރުން ވަނީ ދައްކައިފައެވެ.
ހޮނިހިރު އޮންނަ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުގެ ކެމްޕޭން ޙަރަކާތްތައް ނިންމުމަށް މިއަދު ރަސްފަންނުގައި ކޮންގްރެސް ޕާޓީން ކުރިއަށް ދިޔަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މީގެ ދެ އަހަރާއި ބައިގެ ކުރިން މި ސަރުކާރުން ޤައުމާއި ހަވާލުވިއިރު ޤައުމު އޮތީ އިޤްތިޞާދީ ބޮޑު އަނދަވަޅެއްގެ ތެރޭގައި، ވަރަށް ނުރައްކާތެރި ޙާލަތެއްގައި ކަމަށާއި ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ފާހަގަކޮށްފައި އޮތީ، ރާއްޖެ އޮތީ ދަރަނީގެ ވަރަށް ބޮޑު އަނދަވަޅެއްގެ ތެރޭގައި މުޅިން ބަނގުރޫޓުވާ ހިސާބުގައި ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ އިޤްތިޞާދީ ނުރައްކާތެރި ޙާލަތުން ނަގާ ކޮޅަށް ޖެހުމަށްޓަކައި، މި ސަރުކާރުން ކުރަން ފެށި މަސައްކަތް ދަނީ ޤައުމީ ފިކުރުގައި ކުރިއަށް ކަމަށާއި މިއަދާއި ހަމައަށް އެންމެ ފައިސާ ފޮއްޗެއް ވެސް ޗާޕްކޮށްފައި ނުވާނޭ ކަމަށެވެ.
ރައީސް ވިދާޅުވީ، މިދިޔަ ސަރުކާރުންނާއި އޭގެ ކުރީ ސަރުކާރުން ނަގާފައި ހުރި 250 މިލިއަން ޑޮލަރު އަދާ ކުރުމަށްޓަކައި އާއި އޭގެ އިތުރަށްވެސް މާލީ ގޮތުން އެއްވެސް ފައިދާ އެއް ނުވާ ހަރަދުތަކެއް ކުރުމަށްޓަކައި 500 މިލިއަން ޑޮލަރުގެ ސްކޫކު ނެގީ އަދާ ކުރަނެ ގޮތުގެ އެއްވެސް ޕްލޭނެއް ނެތި ކަަމަށެވެ. އެކަމާ އެއްވެސް ވަރަކަށް ފިކުރެއް ހިޔާލެއް ނުކުރާ ކަމަށާއި، ނުކުރިތަނުގައި ރާއްޖޭގެ ހަރުމުދާތައް ހުރީ ރަހުނުކޮށްފައި ކަމަށް ރައީސް ވިދާޅުވިއެެވެ.
ރައީސް ވިދާޅުވީ ރެކޯޑް އަދަދެއްގެ ޤައުމީ ރިޒާވް ޙާޞިލް ކުރުމަށްފަހު އިއްޔެ 524 މިލިއަން ޑޮލަރުގެ ދަރަނި ދައްކާ ޚަލާސްކުރީ ދިވެހި މާލިއްޔާގެ އަމިއްލަ ބާރުވެރިކަމުގައި ކަމަށެވެ.
މި ސަރުކާރުން ވާހަކަދައްކާނީ ނަތީޖާއިން ކަަމަށާއި، ރައްޔިތުންގެ ގާތަށް ދަނީވެސް ނަތީޖާއިން ކަމަށާއި މި ސަރުކާރުން ހުސް ވާހަަކަ ނުދައްކާ ކޮންމެ ކަމެއްވެސް ކުރަނީ ނަތީޖާއިން ކަމަށާއި ޤައުމު ދަރަނީގެ ތުންފަތް މަތީގައި އޮއްވާ އެންމެން ގުޅިގެން ކުރެވުނު އިޚްލާސްތެރި ޤައުމީ މަސައްކަތުގެ ނަތީޖާ ލިބުނީ ކަމަށް ރައީސް ވިދާޅުވިއެވެ.
ރަޢިސް ޑރ. މުޢިއްޒުގެ ސަރުކާރަށް ވާރުތަވި މި ބޮޑު ދަރަނި އަދާކޮށް ނިންމުމަށްފަހު މާލީ ވުޒާރާއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ މި ފައިސާ ދެއްކުމުގައި ސޮވެރިން ޑިވޮލޮޕްމަންޓް ފަންޑް (އެސްޑީއެފް) އާއި ދައުލަތުގެ ރިޒާވްގައި ހުރި ފައިސާ ބޭނުންކޮށްފައިވާ ކަމަށެވެ. އަދި ސްކޫކަށް ދައްކަންޖެހޭ 500 މިލިއަން އެމެރިކާ ޑޮލަރާއި އޭގެ ފައިދާގެ ރޭޓަށްވާ 24.68 މިލިއަން އެމެރިކާ ޑޮލަރާއިއެކު ޖުމްލަ 524.68 މިލިއަން އެމެރިކާ ޑޮލަރު ސަރުކާރުން ދައްކާ ޚަލާސްކޮށްފައިވާ ކަމަށް އެ ވުޒާރާއިން ބުންޏެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ރައީސް އިލްތިމާސްކުރެއްވީ އެންމެންވެސް ވޯޓުލުމުގެ ހައްގު އަދާކުރަން2026 އޭޕްރީލު 04
މާލޭގެ އުސްފަސްގަނޑުގައި ސްކޭޓް ޕާކް އެރީނާއެއް ތަރައްޤީކޮށް ހުޅުވައިފި2026 އޭޕްރީލު 02
ގިނަ ބަޔަކު ބޭނުންވެގެން ތިބި، މާލޭ ޓެކްސީ ލައިންގެ ޚިދުމަތް އިފުތިތާހުކޮށްފި2026 އޭޕްރީލު 02
ސުޕަމެޖޯރިޓީގެ ނިޒާމު ނެތިކޮށްލެވޭނީ ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވައިގެން: ރައީސް2026 އޭޕްރީލު 02