އުސް އިމާރާތްތަކާއި މަގުމަތީގެ ސަލާމަތްތެރިކަން ކަށަވަރު ކުރުމަށް ރައީސް އިލްތިމާސް ކުރައްވައިފި

ސަރުކާރާއި ކުންފުނިތަކާއި މަދަނީ ޖަމުޢިއްޔާތަކާއި އަދި އެންމެހައި ފަރުދުން ގުޅިގެން، ޚާއްޞަ އިސްކަމެއް ދީގެން، މަގުމައްޗާއި އިމާރާތްތަކުގެ ސަލާމަތް ޔަޤީންކޮށް، ހޭލުންތެރިކަން އިތުރުކުރުމުގެ ޕުރޮގުރާމުތައް، ވަރަށް ރަނގަޅަށް އިންތިޒާމުކުރެވިގެން ކުރިއަށް ގެންގޮސްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސް ކުރައްވައިފިއެވެ.
މަގުމަތީގެ އެކްސިޑެންޓެއްގައި ލިބުނު އަނިޔާތަކާއި ގުޅިގެން ކުޑަ ކުއްޖަކު ނިޔާވުމާއި އަދި އުސް އިމާރާތަކުން ވެއްޓި ތުއްތު ކުއްޖަކު ނިޔާވުމާއި ގުޅިގެން އެކަމުގެ ހިތާމަފާޅު ކުރައްވާ ރައީސުލްޖުމްހޫރިއްޔާ ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، މީގެ ދެ ދުވަސް ކުރިން ހިނގި މަގުމަތީ އެކްސިޑެންޓެއްގައި ޒަޚަމްވި ކުޑަ ކުއްޖަކު ނިޔާވުމާއި، މިއަދު އިމާރާތަކުން ވެއްޓުނު ތުއްތު ކުއްޖަކު ނިޔާވި ޚަބަރުން، މުޅި ޤައުމަށްވެސް ނުތަނަވަސް އަދި ހިތާވެރި އިޙްސާސްތަކެއް ކޮށްފިކަމަށެވެ.
އެމަނިކުފާނު ވަނީ އެ ދެ މަރްޙޫމުން، ސުވަރުގޭގެ މަތިވެރި ނިޢުމަތްތަކާއި ފާގަތިކަމުގައި ލެހެއްޓެވުން އެދި ދުޢާކުރައްވާފައެވެ.
ރައީސްގެ މެސެޖުގައި ވިދާޅުވީ މަގުމައްޗާއި އުސް އިމާރާތްތަކުގައި ހިނގާ ކުއްލި ނުރައްކާތެރި އެކްސިޑެންޓްތަކާމެދު ޢާންމު ހޭލުންތެރިކަން އިތުރުކުރުމަކީ މުޅި މުޖްތަމަޢު ގުޅިގެން ކުރަން ޖެހިފައިވާ ޤައުމީ އަދި އިންސާނީ މަސައްކަތެއް ކަމަށެވެ.
އަދި ވަކިން ޚާއްޞަކޮށް އުސް އިމާރާތްތަކުގެ ކުޑަދޮރު، ބެލްކަނި، ރެއިލިންގ ފަދަ ތަންތަނުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުން މުހިންމުކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން ނަފްސާނީ އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ތުއްތު ކުދިން ބެލެހެއްޓުމުގައި، އެފަދަ މީހުންނާއި ކުދިން އުޅޭ ގޭގޭގައި އިމާރާތްތައް ބަލަހައްޓާ ފަރާތްތަކާއި ޢާއިލާތައް ގުޅިގެން ޒިންމާދާރު ފިޔަވަޅުތަކެއް އަޅަން ޖެހޭކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހުޅުމާލެ ފޭސް 2 ގައި ހިނގި އެކްސިޑެންޓެއްގައި 9 އަހަރުގެ އަންހެން ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ލިބި އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް މިއަދު ފަތިހު ވަނީ ނިޔާވެފައެވެ. އަދި މިއަދު ސްޓެލްކޯ ފުލެޓްތައް ހުންނަ ސަރަހައްދުގެ ޓަވަރަކުން ވެއްޓި އުމުރުން 2 އަހަރުގެ ތުއްތު އަންހެން ކުއްޖަކު ވަނީ ނިޔާވެފައެވެ.
އިތުރަށް





.gif.gif&w=828&q=100)