
ގޯއްޗާއި ފުލެޓަށް އެދުމުގެ ފުރުޞަތު ޖެނުއަރީ 15ގައި ހުޅުވާލަނީ
ޒައުޖަތު އަޙުމަދުގޯއްޗަށާއި ފުލެޓަށް އެދުމުގެ ފުރުޞަތު އަންނަ މަހުގެ 15 ވަނަ ދުވަހު ހުޅުވާލުމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.
"ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން، "ޢާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމްގެ އުޞޫލުތަކަށް ބަދަލު ގެނެސްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޭއްވެވި ރައްޔިތުންގެ ބައްދަލުވުންތަކުގައި ރައްޔިތުން ހުށަހެޅި ކަންބޮޑުވުންތަކާއި އެ އުސޫލުތައް ޝާއިޢުކުރުމުން ގެދޮރުވެރިކަމާބެހޭ ވުޒާރާއަށް ލިބުނު ޚިޔާލުތަކަށް ރިޢާޔަތްކުރުމަށް ފަހުގައެވެ.
އުސޫލު ތަކާއި އެއްގޮތަށް ގޯއްޗަށް އަދި ފުލެޓަށް އެދުމުގެ ފުރުޞަތު އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލުމަށް ނިންމަވާފައިވާކަމަށް ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ބުންޏެވެ.
ކުރިން ޢަމަލުކުރަމުން އައި އުޞޫލުތަކަށް ގެނެސްފައިވާ ބަދަލުތަކަށް ބަލާއިރު ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމެއްގެ ދަށުން 1 ކޮޓަރީގެ ހައުސިންގ ޔުނިޓެއް ލިބި، އެފަރާތެއްގެ 18 އަހަރުން ދަށުގެ ދަރިއެއް ނުވަތަ ދަރިން ތިބި ނަމަ، އެތަނެއް ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތިން ދޫކޮށްލަން އެއްބަސްވާނަމަ 3 ކޮޓަރީގެ ފުލެޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ވަނީ ހިމަނާފައެވެ.
މީގެއިތުރުން ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމެއްގެ ދަށުން 2 ކޮޓަރީގެ ހައުސިންގ ޔުނިޓެއް ލިބި، އެފަރާތެއްގެ 18 އަހަރުން ދަށުގެ ދެ ޖިންސުގެ ދަރިން ތިބި ނަމަ، އެތަނެއް ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތިން ދޫކޮށްލަން އެއްބަސްވާނަމަ 3 ކޮޓަރީގެ ފުލެޓަށް އެދި ހުށަހެޅުމުގެ ފުރުޞަތުވެސް ދިނުމަށް ނިންމާފައިވެއެވެ.
އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި ގްރޭޓަރ މާލެ ސަރަހައްދު ފިޔަވައި އެހެން ރަށަކުން 400 އަކަފޫޓަށްވުރެ ބޮޑު ބިމެއް ނުވަތަ ގޯއްޗެއް، ނުވަތަ ގެއެއް ނުވަތަ ރޯހައުސްއެއް ނުވަތަ ފުލެޓެއް އޮތް ނަމަވެސް، ބިމަށް ނުވަތަ ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު ލިބޭނެއެވެ.
މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިން ދޫކުރުމުގެ އުސޫލުގެ ދަށުން މައިގަނޑު 2 ކެޓަގަރީއަކާއި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކެއް ވާނީ ހިމަނާފައެވެ. އެގޮތުން މާލޭގެ ރަށްވެހިންގެ ކެޓަގަރީއިން 10000 ގޯތި އަދި މާލޭގެ ރަށްވެހިވެފައިނުވާ މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންގެ ކެޓަގަރީއިން 3000 ގޯތި އަދި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކުން 2000 ގޯތި ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މާލޭގެ ރަށްވެހިންގެ ކެޓަގަރީއިންނާއި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކުން ގޯތި ދިނުމަށް ހަމަޖެހިފައިވަނީ ގްރޭޓަރ މާލެ ސަރަޙައްދުންނާއި ރަސްމާލެއިންނެވެ. މާލޭގެ ރަށްވެހިވެފައިނުވާ މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންގެ ކެޓަގަރީއިން ގޯތި ދިނުމަށް ހަމަޖެހިފައިވަނީ ރަސްމާލެއިންނެވެ. ޚާއްޞަކޮށް މާލޭގެ ވަކިގެއަކަށް ނިސްބަތްނުވާ ގޮތަށް މާލޭގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްޞަ ކުރެވިގެން 1000 ގޯއްޗާއި 1000 ފުލެޓު ވާނީ އިޢުލާނުކުރެވިފައެވެ.
މީގެ އިތުރުން، މާލޭ ރަށްވެހިންނަށް 4000 ފުލެޓާއި، މާލޭގައި ދިރިއުޅެމުންދާ އެހެނިހެން ރަށްރަށުގެ ރަށްވެހިންނަށް 1500 ފުލެޓު އަދި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކުން 2400 ފުލެޓް ދޫކުރުމަށް ހަމަޖެހިފައިވެއެވެ.
ޢާއިލީ ބޯހިޔާވަހަކިމުގެ ޕްރޮގްރާމް އެކުލަވާލެވިފައިވަނީ އަމިއްލަ އެއްވެސް ބޯހިޔާހަވިކަމެއް ނެތް ޢާއިލާތަކަށް ބޯހިޔާވެހިކަން ފޯރުކޮށްދިނުމުގައި އިސްކަން ލިބޭ ގޮތަށެވެ. އަދި ނުކުޅެދުންތެރިކަން ހުރި ފަރާތްތައް ތިބި ޢާއިލާތަކަށާއި، މުސްކުޅި މައިންބަފައިން ބަލާ ޢާއިލާތަކަށާއި ތިމާގެ ބެލުމުގެ ދަށުގައި ދަރިން ތިބި ޢާއިލާތަކަށް އިސްކަން ލިބޭ ގޮތަށެވެ.
އައު އުސޫލުތައް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމާއެކު މިއަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ކޮށްފައިވާ އިޢުލާންތައް މިހާރު ވަނީ ބާޠިލުކޮށްފައެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ބައްޓަން ކުރެވިފައިވަނީ ކޮންމެ ދިވެހި ރައްޔިތަކަށްވެސް ބޯހިޔާވަހިކަމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމާއެކު ކޮންމެ މީހަކަށްވެސް އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމަށްކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ގިރާވަރުފަޅުން ގޯތި ލިބުނު ފަރާތްތަކުގެ ޕްލޮޓް ކަނޑައެޅުމުގެ ގުރުއަތުލުން ކުރިއަށްދަނީ!2026 ޖެނުއަރީ 31
14 ރަށެއްގައި 14 މަޝްރޫޢު ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި2026 ޖެނުއަރީ 06
ހުޅުމާލެ ފޭސް 3 ން ދޫކޮށްފައިވާ ގޯތިތަކުގެ ގުރުއަތުލުން ހޮނިހިރު ދުވަހު ފަށަނީ 2025 ޑިސެމްބަރު 18
ކޮންމެ ޢާއިލާއަކަށް ބޯހިޔާވަހިކަން ލިބޭނެ ސްކީމެއް ސަރުކާރުން އިފްތިތާޙްކޮށްފި2025 ނޮވެމްބަރު 17