
ކޮންމެ ޢާއިލާއަކަށް ބޯހިޔާވަހިކަން ލިބޭނެ ސްކީމެއް ސަރުކާރުން އިފްތިތާޙްކޮށްފި
ޒައުޖަތު އަޙުމަދުކޮންމެ ޢާއިލާއަކަށް ބޯހިޔާވަހިކަން ލިބޭނެ ސްކީމެއް ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން އިފްތިތާޙް ކޮށްފިއެވެ.
"ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ފްލެޓާއި ގޯތި ދިނުމުގެ ސްކީމާއި އުސޫލު ވަނީ އާންމުކޮށްފައެވެ. ދަރުމަވަންތަ ހޮސްޕިޓަލުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ސިޔާސަތު އިފުތިތާހު ކޮށްދެއްވީ ގެދޮރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ.
މި ސްކީމްގައި ހިމެނޭ ހަތަރު ބަޔަކީ މާލީ ގޮތުން ފުދުންތެރި ފަރާތްތަކަށް ވިޔަފާރި އުސޫލުން ހައުސިން ޔުނިޓާއި ގޯތި ގަތުމުގެ މަގުފަހި ކުރުމާއި މެދުފަންތީގެ އާއިލާތަކަށް އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެފޯޑަބަލް ހައުސިން އަށް ހާއްސަކޮށް ޕްރޮޖެކްޓުތައް ހިންގުމާއި އަމިއްލަ ބޯހިޔާވަހިކަމެއް ގަތުމުގެ ތަނަވަސްކަން ނެތް ފަރާތްތަކަށް ރެންޓު ޓު އޯން މޮޑެލްގެ ދަށުން ބޯހިޔާވަހިކަން ލިބޭނެ މަގު ތަނަވަސްކޮށްދިނުމާއި އެންމެ ފަގީރު ހާލަތުގައިވާ ދިރިއުޅޭނެ ތަނެއް ނެތް އާއިލާތަކަށް ސަރުކާރުން ހަދާ އެސެސްމަންޓެއްގެ ތެރެއިން ބޯހިޔާވަހިކަން ލިބޭނެ ގޮތް ހަމަޖެއްސުމެވެ.
މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ފްލެޓު ދޫކުރުމުގެ ސްކީމް:
1- ކެޓަގަރީ 1: މާލެ ރަށްވެހިން
- އުފަންވީއްސުރެ މާލޭގެ ރަޖިސްޓްރީގައި ޖެހިފައިވާ ފަރާތްތައް
- މާލޭގެ ރަށްވެހިންގެ ދަފްތަރުގައި ޖެހިފައިވާ ފަރާތްތައް
- ފަހުން މާލޭގެ ގެއެއްގެ ރަޖިސްޓްރީގައި ޖެހިފައިވާ ފަރާތްތައް
2- ކެޓަގަރީ 2: މާލޭގައި ދިރިއުޅޭ އެހެނިހެން ރަށްރަށުގެ ރަށްވެހިން
- މާލޭގައި މެދުނުކެނޑި ދިރިއުޅެމުންދާތާ 15 އަހަރުވެފައިވުން (15 އަހަރު ގުނާނެ ގޮތް ތަފްސީލްކޮށް އުސޫލުގައި ހިމެނިފައިވާނެ)
ފްލެޓު ދޫކުރުމުގެ އަސާސީ ޝަރުތުތައް:
- ދިވެހި ރައްޔިތަކަށްވުން
- އުމުރުން 18 އަހަރު ފުރިފައިވުން
- 400 އަކަފޫޓަށް ވުރެ ބޮޑު ބަންޑާރަ ނުވަތަ އަމިއްލަ ބިން ނުވަތަ ގޯތި ގެދޮރު މިލްކުވެފައިނުވުން
- ރިއަލް ސްޓޭޓް މާކެޓުން ހައުސިން ޔުނިޓެއް ގަނެފައި ނުވުން ނުވަތަ އެފަދަ ތަނެއް ގަތުމަށް އެއްބަސްވެ ފައިސާ ދައްކަމުން ނުދިއުން
- ތިމާއަށް ނުވަތަ ފިރިމީހާ/އަނބިމީހާ ކުރިން ސަރުކާރުން ހިންގާފައިވާ ބޯހިޔާވަހިކަމެއް ލިބިފައިނުވުން.
ފްލެޓް ދޫކުރާ ދެ މޮޑެލްއަކީ އެފޯޑަބަލް ހޯމް އޯނަޝިޕް މޮޑެލް އަދި ރެންޓް-ޓު-އޯން މޮޑެލްއެވެ. އެފޯޑަބަލް ހޯމް އޯނަޝިޕް މޮޑެލްގައި ފްލެޓަށް އެދި ހުށަހަޅާ ފަރާތަކީ މާލީ އިދާރާއަކުން ދޫކުރާ ހައުސިން ފައިނޭންސް ފެސިލިޓީއަކަށް ޝަރުތު ހަމަވާ ފަރާތަކަށް ވާން ޖެހޭނެއެވެ. އަދި ފުރަތަމަ ފަހަރަށް ގެދޮރު ގަންނަ ނުވަތަ މިލްކު ކުރުމަށް އެދޭ ފަރާތަކަށް ވެސް ވާން ޖެހޭނެއެވެ. ރެންޓް-ޓު-އޯން މޮޑެލްގައި މަހެއްގެ މައްޗަށް ލިބޭ އާމްދަނީ 60،000ރ. އަށް ވުރެ ދަށް ވާން ޖެހޭނެއެވެ.
ޕޮއިންޓް ދިނުމަށް ކަނޑައަޅާފައިވަނީ ވީހާވެސް ބޮޑަކަށް ވެރިފައި ކުރެވޭނެ ގޮތަށެވެ. އެގޮތުން ޕޮއިންޓް ދެވޭނީ މާލޭގެ ރަށްވެހިކަން ނުވަތަ ދިރިއުޅުނު މުއްދަތަށާއި އެ އާއިލާއެއްގެ ގޯތި ގެދޮރުގެ މިލްކުވެރިކަމަށާއި ގޭބިސީގެ ޖުމްލަ އާމްދަނީއަށާއި އެ އާއިލާގެ ބެލުމުގެ ދަށުގައިވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި މައިންބަފައިންނަށާއި އާއިލާގެ ހާލަތަށް ބަލައިފައެވެ. އާއިލާގެ ހާލަތަށް ބެލުމުގައި ދަރިންގެ އަދަދު، ނުވަތަ ސިއްހީ ސަބަބަކާ ހުރެ ދަރިން ނުބެލޭ ނަމަ، އެކަން ވެސް ބަލާނެއެވެ.
މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ގޯތި ދިނުމުގެ ސްކީމް
މި ސްކީމްގެ ދަށުން ދެ ބަޔަކަށް ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
1- މާލެ ރަށްވެހިން - ގޯތި ދޫކުރާނީ މާލެ ސަރަހައްދާއި ރަސްމާލެއިން
- މާލޭގެ ރަޖިސްޓްރީގައި ފެށުނީއްސުރެ ޖެހިފައިވާ ފަރާތްތައް
- މާލޭގެ ދަފްތަރުގައި ޖެހިފައިވާ ފަރާތްތައް
- ފަހުން މާލޭގައި ރަޖިސްޓްރީވެފައިވާ ފަރާތްތައް
މި ސްކީމަށް އެދެވޭނީ މާލޭގެ ރަށްވެއްސަކަށްވެ ފަސް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ފަރާތްތަކަށެވެ.
2- މާލޭގައި ދިރިއުޅެމުންދާ އެހެނިހެން ރަށްވެހިން - ގޯތި ދޫކުރާނީ ރަސްމާލެއިން
- ފްލެޓު ސްކީމެކޭ އެއްގޮތަށް މި ސްކީމަށް ވެސް އެދެވޭނީ މާލޭގައި މެދުނުކެނޑި ދިރިއުޅެމުންދާތާ 15 އަހަރުވެފައިވުން (15 އަހަރު ގުނާނެ ގޮތް ތަފްސީލްކޮށް އުސޫލުގައި ހިމެނިފައިވާނެ)
ގޯތި ދޫކުރުމުގެ އަސާސީ ޝަރުތުތައް:
- ދިވެހި ރައްޔިތަކަށްވުން
- އުމުރުން 18 އަހަރު ފުރިފައިވުން
- 400 އަކަފޫޓަށް ވުރެ ބޮޑު ގޯއްޗެއް ނުވަތަ ގޯތިން ބައެއް ލިބިފައި ނެތުން
- 400 އަކަފޫޓަށް ވުރެ ބޮޑު ގޯއްޗެއް ނުވަތަ ގޯތިން ބައެއް ލިބިފައިވާ ނަމަ، އެ ބިމެއް ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތިން ދޫކޮށްލަން އެއްބަސްވުން
- މައިންބަފައިން ނުވަތަ ފަރާތުން ވާރުތައިގެ ގޮތުން ނުވަތަ ހިބައިން ބިމެއް ނުވަތަ ބިމުން ބައެއް ލިބެން އޮތް ނަމަ، ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތިން ދޫކޮށްލަން އެއްބަސްވުން
- އެއްމެދު ގޯއްޗެއް ރަޖިސްޓްރީކޮށްފައިވާ ނަމަ، ގޯތި ބަހައިގެން ލިބޭ ބައި ގޯތީގެ ބާކީ ތިބި ފަރާތްތަކަށް ދޫކޮށްލަން އެއްބަސްވުން
- ފާއިތުވި 5 އަހަރުގެ ތެރޭގައި އަމިއްލަ ނަމުގައިވާ ގޯއްޗެއް ނުވަތަ ހައުސިން ޔުނިޓެއް ނުވަތަ ރޯހައުސްއެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް އެހެން ފަރާތަކަށް ވިއްކައި ހިބައިން ދީފައިނުވުން ނުވަތަ އެހެން ފަރާތަކަށް ދޫކޮށްލާފައި ނުވުން
- އެއްމެދު އިމާރާތަކުން އަމިއްލަ ނަމުގައި ހައުސިން ޔުނިޓެއް ގަނެފައިވާ ފަރާތަކަށް ނުވުން
- ވެށިފަހިމާލެ ޕްރޮގްރާމްގެ ދަށުން މާލެއިން ދޫކޮށްލާފައިވާ ބިމުގެ ބަދަލުގައި ހުޅުމާލެއިން ލިބިފައިވާ ގޯތި އެހެން ފަރާތަކަށް ވިއްކައި ހިބައިންދީ ނުވަތަ ދޫކޮށްލާފައިނުވުން
ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ބުނީ މި ސްކީމްގެދަށުން ޕޮއިންޓް ދިނުމަށް ކަނޑައަޅާފައިވަނީ ވީހާވެސް ބޮޑަކަށް ވެރިފައި ކުރެވޭނެ ގޮތަށް ކަމަށާއި އެގޮތުން ޕޮއިންޓް ދެވޭނީ މާލޭގެ ރަށްވެހިކަން ނުވަތަ ދިރިއުޅުނު މުއްދަތަށާއި އެ އާއިލާއެއްގެ ގޯތި ގެދޮރުގެ މިލްކުވެރިކަމަށާއި އުމުރުފުރާއަށާއި އާއިލާގެ ހާލަތަށް ބަލައިފައެވެ. އާއިލާގެ ހާލަތަށް ބެލުމުގައި ދަރިންގެ އަދަދު، ނުވަތަ ސިއްހީ ސަބަބަކާ ހުރެ ދަރިން ނުބެލޭ ނަމަ، އެކަން ވެސް ބަލާނެއެވެ.
މި ސިޔާސަތުތައް ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާނެ ކަމަށް ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ރޭ ވަނީ ބުނެފައެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ސަރުކާރުގެ ކާމިޔާބީތައް- ގޭންގު ކުށްތަކާއި ނުރައްކާތެރި ކުށްތައް ކުރުން މަދުކުރެވިއްޖެ2025 ނޮވެމްބަރު 17
ހިޔާވެހި ފައިނޭންސް ލިބޭ ކަމުގެ ލިޔުން ހަވާލުކުރަން ފަށައިފި2025 އޮކްޓޯބަރު 09
މ.މުލީ މަގުތައް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި2025 ސެޕްޓެމްބަރު 22
ސޯލިހު ސަރުކާރުގައި ގެއްލުމުގައި ހިންގި އެސްޑީއެފްސީން 2024 ގައި 45 މިލިއަން ފައިދާވި: އޮޑިޓް2025 ސެޕްޓެމްބަރު 06