logo
logo
ހުޅުމާލެ ފޭސް 3 ން ދޫކޮށްފައިވާ ގޯތިތަކުގެ ގުރުއަތުލުން ހޮނިހިރު ދުވަހު ފަށަނީ

ހުޅުމާލެ ފޭސް 3 ން ދޫކޮށްފައިވާ ގޯތިތަކުގެ ގުރުއަތުލުން ހޮނިހިރު ދުވަހު ފަށަނީ

2025 ޑިސެމްބަރު 18
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ހުޅުމާލެ ފޭސް 3 ން ދޫކޮށްފައިވާ ގޯތިތަކުގެ ގުރުއަތުލުން ހޮނިހިރު ދުވަހު ފަށަން ނިންމާފައިވާ ކަމަށް ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން މިރޭ ކުރި އިޢުލާނެއްގައި ބުނީ އުސޫލު ނަންބަރު 2022/G-19 (ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު) ގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކުގެ ގުރުއަތުލުން 20 ޑިސެންބަރު 2025 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 ގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ ވުޒާރާއިން ބުނީ ގުރުއަތުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކަލާފާނު ސްކޫލް ހޯލުގައި ކަމަށެވެ.

އެ ވުޒާރާއިން ބުނީ ގުރުއަތުލުން ކުރިއަށް ގެންދިއުމަށް ރޭވިފައިވަނީ ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ހޯލަށް ވަޑައިގަންނަވާ ފަރާތްތަކުގެ ހާޟިރުގައި މި މިނިސްޓްރީގެ މުވައްޒަފުން ކަމަށެވެ.

ގުރުއަތުލުން ކުރިއަށްދާއިރު، ގޯތި ލިބޭ ފަރާތްތަކުގެ ތެރެއިން ކޮންމެވެސް އެއް ފަރާތަކަށް ހޯލަށް ވަދެވޭނެ ކަމަށާއި އަދި ވަޑައިގަންނަވާއިރު އެބޭފުޅެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނެވުމަށް އެ ވުޒާރާއިން އެދިފައިވެއެވެ.

މި ގުރުއަތުލުން ޕަބްލިކް ސާވިސް މީޑިއާ (ޕީ.އެސް.އެމް) އިން ވަގުތުން ދުރަށް ދައްކާނެއެވެ.

ހުޅުމާލެ ތިންވަނަ ފިޔަވަހިން ގުރުއަތުލުމަށް ކަނޑައަޅާފައިވާ ބިންތަކުގެ ޗާޓު ހިޔާވެހި ޕޯޓަލްއިން ފެންނަން ހުންނާނެ ކަމަށް ވެސް އެ ވުޒާރާއިން ބުންޏެވެ.

ހުޅުމާލެ 3 ވަނަ ފިޔަވަހި ދޮޅު މަސްތެރޭ ހިއްކާ ނިންމޭނެ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ، އެމްއޭސީއެލްއިން ދާދިފަހުން ވަނީ ބުނެފައެވެ. ހުޅުމާލެ ފޭސް 3 ގެ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން ޖުމްލަ 63 ހެކްޓަރު ހިއްކުމަށް ހަމަޖެހިފައިވެއެވެ. އެމްއޭސީއެލްއިން މި މަޝްރޫޢޫގެ މަސައްކަތް ފެށީ މިދިޔަ ނޮވެމްބަރު މަހުގެ 10 ގައި ކަން ފާހަގަކުރެވެއެވެ.

ނިމިދިޔަ އެމްޑީޕީ ސަރުކާރުން ވަނީ ހުޅުމާލެ ފޭސް 3 ގެ ފަޅުން ގޯތި ދޫކޮށްފައިވާ ކަމުގެ ލިޔުން ވެސް އެކި ފަރާތްތަކާއި ހަވާލުކޮށްފައެވެ. އެހެންކަމުން ބިން ހިއްކުމުގެ މަސައްކަތް ނިމުމާއެކު އެސަރަޙައްދުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގޯތި ދޫކުރުމުގެ މަސައްކަތް ކުރުމަށް ސަރުކާރުންވަނީ ނިންމާފައެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް