logo
logo
ދިވެހި ވަޠަނީ ޚިދުމަތުގެ ފުރަތަމަ ޕްރޮގްރާމުން 344 ޒުވާނަކު ދަސްވެނިވެއްޖެ

ދިވެހި ވަޠަނީ ޚިދުމަތުގެ ފުރަތަމަ ޕްރޮގްރާމުން 344 ޒުވާނަކު ދަސްވެނިވެއްޖެ

2025 ޑިސެމްބަރު 28
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ދިވެހި ވަޠަނީ ޚިދުމަތުގެ ފުރަތަމަ ޕްރޮގްރާމުން 344 ޒުވާނަކު ދަސްވެނިވެއްޖެއެވެ.

ސަރުކާރުން ކުރިއަށް ގެންދާ ދިވެހި ވަޠަނީ ޚިދުމަތުގެ ދަށުން ބޭއްވި 1ވަނަ ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރޭނިންގެ ފުރަތަމަ ބުރުގެ ދަސްވެނިވުން ބޭއްވީ މިއަދުއެވެ.

މި އަހަރުގެ އޮކްޓޯބަރ މަހުގެ 1ވަނަ ދުވަހު އިފްތިތާޙްކުރި މި ޕްރޮގްރާމަކީ ރާއްޖޭގެ ޒުވާނުންގެ މުސްތަޤްބަލު ބިނާކުރުމަށްޓަކައި، ޤައުމީ ރޫޙާއި އިސްލާމީ އަޚްލާޤު ދިރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަށް ފެއްޓެވި ޕްރޮގްރާމެކެވެ.

ދިވެހި ވަޠަނީ ޕްރޮގްރާމުގެ ދަށުން ކުރިއަށްގެންދާ ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރޭނިންއަކީ ޕްރޮގްރާމުގައި ބައިވެރިވާ ކޮންމެ ޒުވާނަކުވެސް ފުރިހަމަ ކުރަންޖެހޭ ތަމްރީނެކެވެ. ފުރަތަމަ ބުރުގައި 350 ދަރިވަރުން ބައިވެރިވި ނަމަވެސް ތަމްރީނުތައް ނިންމައި ދަސްވެނިވީ 344 ދަރިވަރުންނެވެ.

3 މަސްދުވަހުގެ މި ތަމްރީނުތައް ކުރިއަށް ގެންގޮސްފައި ވަނީ ޅ. މާފިލާފުށީގައި ހުންނަ އެމްއެންޑީއެފްގެ ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރުގައެވެ.

މި ތަމްރީނުގައި، ދިވެހި ޤައުމިއްޔަތު، ޒިންމާދާރު ރައްޔިތުކަން، ދީނީ ތަޢުލީމް، ލީޑަރޝިޕް، އަދި ލޭންގުއޭޖް ޕްރޮފިޝެންސީ އުނގަންނައިދެއެވެ. އަދި ހަށިހެޔޮކަމާއި ދުޅަހެޔޮކަން އަށަގެންނެވުމަށް ކަސްރަތާއި ހަށިހެޔޮކަމުގެ ތަމްރީން ހިމެނޭއިރު، އަޚްލާޤާއި ސުލޫކު ހަރުދަނާކޮށް ކުރިއެރުވުމަށް އަމާޒުކޮށް ހެވިކަމުގެ ތަމްރީނު ކުރިއަށް ގެންދެއެވެ.

މީގެ އިތުރުން ފަސްޓް އެއިޑް، ފަޔަރ ފައިޓިންގ، ސެލްފް ޑިފެންސްގެ އިތުރުން ކޭމްޕް ޙަރަކާތްތަކާއި އަސްކަރީ ޙަރަކާތް ތަޢާރަފް ކޮށްދިނުންވެސް މިތަމްރީނުގައި ހިމަނާފައިވެއެވެ.

މި ޕްރޮގްރާމުގެ 2 ވަނަ ބުރު ފެށުމަށް މިހާރު ވަނީ މަސައްކަތް ފަށާފައެވެ. ދެވަނަ ބުރުގައިވެސް 350 ބައިވެރިންނަށް ފުރުސަތު ދިނުމަށް ނިންމާފައިވާއިރު ދެވަނަ ބުރުގެ ޓްރެއިނިންތައް އަންނަ ޖެނުއަރީ މަހު ފެށޭނެ ކަމަށް ދިފާޢީ ވުޒާރާއިން މައުލޫމާތު ދެއްވައެވެ.

މި ތަމްރީނުތައް ފުރިހަމަކުރާ ބައިވެރިންގެ ތެރެއިން، ޝައުޤާއި، ކޯސްތަކުގެ ޖާގަ ހުރި މިންވަރަށް ބިނާކޮށް، ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުތަކުން އެބައިވެރިންނަށް ފުރުޞަތު ފަހިކޮށް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް