
ވަޠަނީ ޚިދުމަތުގެ 2 ވަނަ ބުރު ތަޢުލީމާބެހޭ ދުވަހު ފެށިގެންދިއުމަކީ ޚާއްޞަ އުފަލެއް: ރައީސް
ޒައުޖަތު އަޙުމަދުވަޠަނީ ޚިދުމަތުގެ 2 ވަނަ ބުރު ތަޢުލީމާބެހޭ ދުވަހު ފެށިގެންދިއުމަކީ ޚާއްޞަ އުފަލެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފެއްޓެވި ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނުގެ 2 ވަނަ ބުރު މިއަދު ފެށުމާއި ގުޅިގެން އެމަނިކުފާނު ހިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވީ މިޤައުމުގެ މުސްތަޤްބަލު ކަމުގައިވާ ދިވެހި ޒުވާނުންނަށް ފަހި ކުރިމަގެއް ކޮށައިދިނުމުގެ މަތިވެރި މަޤްޞަދުގައި ސަރުކާރުން ފެށި ދިވެހި ވަޠަނީ ޚިދުމަތުގެ 02 ވަނަ ބުރުގެ ބައިވެރިން މިއަދު ޅ. މާފިލާފުށްޓަށް ފުރާފައިވާ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ 350 ޒުވާނުންނާއެކު ތިން މަސްދުވަހަށް ކުރިއަށް ގެންދާ ނޭޝަނަލް ސަރވިސް އިނީޝަލް ޓްރޭނިންގ ގެ ދެވަނަ ބުރުގެ ފެށުން ބައިނަލްއަޤްވާމީ ތަޢުލީމާބެހޭ ދުވަހު (އިންޓަރނޭޝަނަލް ޑޭ އޮފް އެޑިއުކޭޝަން) ގައި ފެށިގެން ދިއުމަކީވެސް ޚާއްޞަ އުފަލެއް ލިބިވަޑައިގެންނެވި ކަމެއް ކަމަށެވެ.
"މިއީ، ދިވެހި ޤައުމިއްޔަތާއި، ޒިންމާދާރު ރައްޔިތުކަމާއި، ދީނީ ތަރުބިއްޔަތާއި، ލީޑަރޝިޕާއި، ފަސްޓްއެއިޑާއި، ފަޔަރފައިޓިންގ އާއި، ހަށިހެޔޮކަމާއި، ފެތުމާއި މޫދަށް އަހުލުވެރި ކުރުވުމާއި، ފީލްޑް އެކްޓިވިޓީތަކުގެ އިތުރުން ޝައުޤުވެރި އަދި ބޭނުންތެރި ތަފާތު އެހެނިހެން އެތައް ޙަރަކާތްތަކެއް އެކުލެވޭގޮތަށް ކުރިއަށް ގެންދާ ތަމްރީނެއް." ރައީސްގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ތަމްރީނުގެ މުއްދަތުގައި، މި ޒުވާނުންގެ ހިތްތަކުގައި ދީނުގެ ރުކުންތަކަށާއި އިސްލާމީ ޝިޢާރުތަކަށް ލޯބި އިތުރުކޮށް، މި ޒުވާނުންނަކީ ޤައުމިއްޔަތުގެ ރޫޙާއި ފަޚުރު ދިރުވާ އާލާކުރުމަށް ޝައުޤުވެރިވާ، އަޚުލާޤާއި ސުލޫކު ރަގަޅު، ދިރިއުޅުމުގެ މައިދާނުގައި ބޭނުންވާ ހުނަރުތައް ދަސްވެފައިވާ އުފެއްދުންތެރި އަދި ޒިންމާދާރު ބަޔަކަށް ހެދުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށެވެ.
މީގެއިތުރުން ރޫހާނީ، ނަފްސާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ އަދި ހަށިހެޔޮ ބަޔަކަށް މި ޒުވާނުން ވެގެންދާނެ ކަމަށް އެމަނިކުފާޏު ވިދާޅުވިއެވެ.
ރައީސް ވަނީ މި ތަމްރީނުގެ ހުރިހާ ބައިވެރިންނަށްވެސް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.
މިދިޔަ 2025 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 1ވަނަ ދުވަހު އިފްތިތާޙްކުރި މި ޕްރޮގްރާމަކީ ރާއްޖޭގެ ޒުވާނުންގެ މުސްތަޤްބަލު ބިނާކުރުމަށްޓަކައި، ޤައުމީ ރޫޙާއި އިސްލާމީ އަޚްލާޤު ދިރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަށް ފެއްޓެވި ޕްރޮގްރާމެކެވެ.
ދިވެހި ވަޠަނީ ޕްރޮގްރާމުގެ ފުރަތަމަ ބުރުގައި ބައިވެރިވެ ތަމްރީނުތައް ފުރިހަމަކޮށް 344 ދަރިވަރުން ދަސްވެނިވެފައިވާކަން ފާހަގަ ކުރެވެއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނުގެ 3 ވަނަ ބުރުގައި ބައިވެރިވުމުގެ ވަގުތު އިތުރުކޮށްފި2026 އޭޕްރީލު 05
ޢުމްރާގެ އަޅުކަން އަދާކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ހޯމަދުވަހު ފުރާވަޑައިގަންނަވާނެ!2026 އޭޕްރީލު 05
ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް އަޙުމަދު މުޙައްމަދު ޢައްޔަނު ކުރައްވައިފި2026 އޭޕްރީލު 05
އިންތިޚާބުތަކުގެ ނަތީޖާއާއެކު ރައީސް މުޢިއްޒު ދެއްކެވީ ޑިމޮކްރަސީގެ ރިވެތި ނަމޫނާއެއް: ޝިޔާމް2026 އޭޕްރީލު 05