logo
logo
ތާރީޚީ ކާމިޔާބީއެއް، މި މަހު އެކަނި ވެސް 83 މަސާޖް ޕާލާ ބަންދުކޮށްފި

ތާރީޚީ ކާމިޔާބީއެއް، މި މަހު އެކަނި ވެސް 83 މަސާޖް ޕާލާ ބަންދުކޮށްފި

2025 ޑިސެމްބަރު 21
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

މި މަހު އެކަނި ވެސް 83 މަސާޖް ޕާލާ ބަންދުކޮށް ތާރީޚީ ކާމިޔާބީއެއް ސަރުކާރުން ހޯދައިފިއެވެ.

މިކަން ހާމަ ކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މަސާޖު ޕާލާގެ ނަމުގައި މާލޭގައި ހަށިވިއްކުމުގެ ވިޔަފާރިކުރާ ތަންތަން ހުއްޓުވުމަށް ސަރުކާރުގެ ފޯކަސް ވަރުގަދަކޮށް މި މަހުގެ 9 ގައި ފެށި އޮޕަރޭޝަނުގެ ތެރެއިން މިހާތަނަށް 83 ތަނެއް ބަންދު ކޮށްފައިވާ ކަމަށެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ހުޅުމާލެ 1 ގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރައްވަން ރެހެންދި ސްކޫލްގައި މިހާރު ކުރިއަށް ގެންދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ މިއީ ރާއްޖޭގެ ތާރީޚުގައި ވެސް އެންމެ ގިނައިން އެފަދަ ތަންތަން ބަންދުކުރި ފަހަރު ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މީގެ ކުރިން މަސާޖު ޕާލާތައް ބަލައި އިންޒާރުދީ، ފިޔަވަޅުތަކެއް އަޅާފައި އޮވެދާނެ ކަމަށާ އެކަމަކު އެ ތަންތަން ބަންދުކޮށްފައި ނުވާ ކަމަށެވެ.

މަސާޖު ޕާލާތަކަށް އަމާޒުކޮށް ހިންގާ އޮޕަރޭޝަނުގެ ތެރެއިން ބައެއް ބިދޭސީން ހައްޔަރުކޮށްފައިވާ ކަމަށާއި އެމީހުން ޑީޕޯޓްކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ މަސައްކަތްތައް ކުރަނީ ރާއްޖެއަކީ ހުރިހާ މާނައެއްގައި ވެސް "ސާފު" ތަނަކަށް ހެދުމުގެ ބޭނުމުގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ އޮޕަރޭޝަން ފައްޓަވައި، ކުޑަދުވަސްކޮޅެއްގެ ތެރޭގައި އެހާ ރަނގަޅު ނަތީޖާއެއް ނެރެވުނީ ރައްޔިތުން ދިން ޚިޔާލަށް ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އެޅުމުން ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ބަލައިގަނެ، އެ އޮންނަ އުސޫލުގެ ތެރެއިން މައްސަލަތައް ހައްލު ކުރައްވާނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ މުޖުތަމަޢުގައި ހުރި މި ކަހަލަ މައްސަލަތަކާ ގުޅޭ ގޮތުން ރައްޔިތުން ހުށަހަޅާ ޚިޔާލުތައް އެ މަނިކުފާނު ނަންގަވަނީ "ވަރަށް ޕޮޒިޓިވް ނޯޓެއް"ގައި ކަމަށާ ކޮންމެ މީހަކު ހުށަހަޅާ ޚިޔާލު ވެސް އަޑުއައްސަވާނެ ކަމަށާއި އެކަމަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅެއް އަޅުއްވާނެ ކަމަށެވެ.

މީގެއިތުރުން ސަރުކާރުން އަންނަނީ ބިދޭސީން ޤަވާއިދާ ޚިލާފަށް ފުޅާދާއިރާއެއްގައި ވިޔަފާރި ކުރަމުންދާ މައްސަލަ ޙައްލު ކުރުމަށް، "ނެޝަނަލް ޓާސްކްފޯރސް އޮން ކޮމްބެޓިންގ އިލީގަލް އެކްސްޕެޓްރިއޭޓް އޮޕަރޭޝަންސް އެންޑް ބިޒްނަސަސް"ގެ ނަމުގައި ޚާއްޞަ ޓާސްކްފޯހެއް އެކުލަވާލާ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ހިންގަމުންދާ ކަމަށް ބެލެވޭ ވިޔަފާރިތައް ބަލާފާސްކުރަމުންނެވެ.

 

 

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް