logo
logo
ގިނަ ބަޔަކު ޕީއެންސީއާ ގުޅި  މެމްބަރުންގެ އަދަދު 75 ހާހުން މައްޗަށް!

ގިނަ ބަޔަކު ޕީއެންސީއާ ގުޅި މެމްބަރުންގެ އަދަދު 75 ހާހުން މައްޗަށް!

2025 ޑިސެމްބަރު 17
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ގިނަ ބަޔަކު ޕީއެންސީއާ ގުޅި އެ ޕާޓީގެ މެމްބަރުންގެ އަދަދު 75 ހާހުން މައްޗަށް އަރާނެ ކަމަށް ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީ ނުވަތަ ޕީއެންސީން ބުނެފިއެވެ.

އެ ޕާޓީން ބުނީ ކޮންގްރެސް ޕާޓީއާ ގުޅޭ މެމްބަރުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވަމުންދާއިރު މިހާރު ގުޅިފައިވާ މެމްބަރުންނާއެކު 75,000 ވުރެ އިތުރުވާނެ ކަަމަށް ބެލެވޭ ކަމަށެވެ.

ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާޙް ވިދާޅުވީ ކައުންސިލް އިންތިޚާބުގެ ޕްރައިމަރީއާ ދިމާކޮށް ވަރަށް ގިނަ މެމްބަރުން އެ ޕާޓީއާ ގުޅިފައިވާ ކަމަށެވެ. މިވަގުތުވެސް ޕާޓީގެ މެމްބަރުންގެ އަދަދު 70,000 އަށް އަރާފައިވާ ކަމަށެވެ.

ފަލާޙް ވިދާޅުވީ އެތައް ހާސް ފޯމެއް މިހާރުވެސް ޕާޓީގެ އޮފީހުގައި ހުރި ކަމަށާއި އެ ފޯމްތައް ބެލުމަށް ފަހު ވަރަށް އަވަހަށް އިލެކްޝަންސް ކޮމިޝަނަށް ފޮނުއްވާނެ ކަމަށެވެ. ފަލާޙް ވިދާޅުވި ގޮތުގައި އަލަށް ގުޅުނު މެމްބަރުންނާއެކު ކޮންގްރެސްގެ މެމްބަރުންގެ އަދަދު 75,000 އަށް އަރާނެ ކަމަށް ބެލެވެއެވެ.

ފަލާޙް ވިދާޅުވީ މިކަމުން ހާމަވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތު ރައްޔިތުން ޤަބޫލުކުރެއްވުން ކަމަށެވެ.

ކޮންގްރެސް ޕާޓީގެ ޒަޢާމަތާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަވާލުވެވަޑައިގެންނެވި އިރު، އެ ޕާޓީގައި ތިބީ 3،000 މެމްބަރުންނެވެ. ނަމަވެސް ފާއިތުވި 2 އަހަރުތެރޭ އެ ޕާޓީގެ މެމްބަރުންގެ އަދަދު މި ވަނީ 75،000އާ ހަމައަށް އިތުރު ކޮށްފައެވެ.

ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތްކަމުގައިވާ އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގައި 9 ސިޔާސީ ޕާޓީއެއް ރަޖިސްޓަރީކޮށްފައިވެއެވެ. އޭގެތެރެއިން އެންމެ މެމްބަރުން ގިނައީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީގައެވެ. ޕީއެންސީގައި 68،665 މެމްބަރުން ތިބެއެވެ. ދެން އެންމެ މެމްބަރުން ގިނައީ އެމްޑީޕީގައެވެ. އެ ޕާޓީގައި 43،765 މެމްބަރުން ތިބިއިރު، ތިން ވަނައަށް އެންމެ މެމްބަރުން ގިނަ ޕާޓީ ޖުމްހޫރީ ޕާޓީގައި ތިބީ 13،456 މެމްބަރުންނެވެ. އެންމެ މެމްބަރުން މަދީ ޕީޕަލްސް ނޭޝަނަލް ފްރޮންޓް، ޕީއެންއެފްގައެވެ. އެ ޕާޓީގައި ތިބީ 3046 މެމްބަރުންނެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް