logo
logo
މަސްވެރި ސިނާޢަތް ކުރިއެރުވުމުގެ ދުރު ވިސްނުމެއް ކުރީގެ ސަރުކާރުތަކުން ގެންގުޅެފައެއް ނެތް: ޝިޔާމް

މަސްވެރި ސިނާޢަތް ކުރިއެރުވުމުގެ ދުރު ވިސްނުމެއް ކުރީގެ ސަރުކާރުތަކުން ގެންގުޅެފައެއް ނެތް: ޝިޔާމް

2025 ޑިސެމްބަރު 14
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

މަސްވެރި ސިނާޢަތް ކުރިއެރުވުމުގެ ދުރު ވިސްނުމެއް މީގެ ކުރީ އެއްވެސް ސަރުކާރަކުން ގެންގުޅެފައި ނުވާކަމަށާ ހޯދާފައި ހުރީ ވަގުތީ ޙައްލު ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވަޒީރު ޝިޔާމް މިފަދައިން ވިދާޅުވީ ދުވާފަރުގައި ރޭ ބޭއްވި މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ މި ސަރުކާރުން ވެރިކަމާއި ހަވާލުވިއިރު މަސްވެރިކަމުގެ ސިނާޢަތް އޮތީ ވަރަށް ނާޒުކު ޙާލަތެއްގައި ކަމަށާއި މިއިން ޒަމާނަކު މަސްވެރިކަމުގެ ސިނާޢަތަށް ސަރުކާރަކުން އިންވެސްޓް ނުކުރާ ވަރުގެ ބޮޑު އިންވެސްޓްމަންޓްތަކެއް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކޮށްފައިވާ ކަމަށެވެ.

ވަޒީރު ވިދާޅުވީ މަސްވެރި ސިނާޢަތް ތަރައްޤީކުރުމަށް ސަރުކާރަށް ބޮޑެތި ގޮންޖެހުންތަކެއް ހުރިކަމަށާއި މީގެ ކުރީސަރުކާރުން ސިޔާސީ ބޭނުމަށްޓަކައި މަސް ގަންނަ އަގު 17 ރުފިޔާއިން 25 ރުފިޔާ އަށް ބޮޑުކުރިކަމަށާއި އެ އަގުގައި ބެހެއްޓިނަމަ ސަރުކާރުން މިފްކޯއަށް އަހަރަކު 1 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދޭން ޖެހުނީސް ކަމަށެވެ. އެކަމުގެ ސަބަބަުން އަމިއްލަ ކުންފުނިތައް ބަނގުރޫޓުވާ ހިސާބަށް ދިޔަ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މި ސަރުކާރުން މަސްވެރިންގެ ހުރިހާ ކަންބޮޑުވުމަކަށް ޖުމްލަ ހައްލު ހޯއްދަވައިދެއްވާނެކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން އެކިއެކި ވުޒާރާތަކާއި މިނިސްޓްރީގެ ޓީމުން ކުރި މަސައްކަތުން 4.5 ބިލިއަން ރުފިޔާގެ މަޝްރޫޢުތައް ފަށާފައިވާ ކަމަށާ އެ މަޝްރޫއުތައް ކުރިއަތް އޮތް 2 އަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިއީ މިއިން ޒަމާނަކު މަސްވެރިކަމުގެ ސިނާޢަތަށް އެހެން އެއްވެސް ސަރުކާރަކުން އިންވެސްޓް ނުކުރާ ވަރުގެ ބޮޑު އިންވެސްޓްމަންޓްތަކެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރަށް ވަޒީރު ވިދާޅުވީ މިފަސް އަހަރު ނިމޭއިރު ދިވެހިރާއްޖޭގައި އެއްފަހަރާ 25000 ޓަނު މަސް ރައްކާކުރެވޭނެ ޤާބިލްކަން އިތުރުކުރެވިގެންދާނެ ކަމަށާ މިގޮތުން ގިނަ ޕްރޮޖެކްޓްތައް ހިންގުމަށް ރާވާފައިވާ ކަމަށެވެ.

ވަޒީރު ވިދާޅުވީ މި ފަސް އަހަރު ނިމިގެންދާއިރު މަސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް ހައްލުތަކެއް ލިބިގެންދާނެ ކަމަށެވެ.

މި އަހަރުގެ މަސްވެރިންގެ ދުވަހުގެ ޙަރަކާތްތައް ބާއްވާފައި ވަނީ، މި މަހުގެ 10 ން 13 އަށް ރ. އަތޮޅު ދުވާފަރުގައެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް