
މަސްވެރިންނަށް އުފާވެރި ގިނަ ޚަބަރުތަކެއް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި
ޒައުޖަތު އަޙުމަދުދިވެހި މަސްވެރިކަން އާލާކޮށް، ކޮޅަށްޖަހައި، އިތުރަށް ތަރައްޤީކުރުމަށްޓަކައި، 6 ދާއިރާއަކުން ކަނޑައަޅުއްވާފައިވާ 6 ސިޔާސަތެއްގެ މައްޗަށް ބިނާކުރައްވައިގެން ގިނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރުގައި ރޭ ބޭއްވި ދިވެހިރާއްޖޭގެ 45 ވަނަ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.
މަސްވެރިކަން ކޮޅަށްޖެހުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި ހިމެނިގެން، މިއަދުން ފެށިގެން (14 ޑިސެމްބަރު) މިފްކޯއިން މަސް ގަންނާނީ، ދޮޅު ކިލޯ މަހުގެ ބަދަލުގައި، އެއް ކިލޯ އާއި އެއަށްވުރެ ބަރުކޮށް ކިރާ މަހަށް އެންމެ މަތީ އަގު ދޭގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ހަމަ މިއަދުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކޯލްޑް ސްޓޯރޭޖް އިތުރުކުރުމަށް ކުރައްވާ މަސައްކަތްތަކުގެ ދަށުން އިތުރު 200 ފަރާތަކަށް އާރް.އެސް.ޑަބްލިއު ލޯން ދޫކުރުމަށް ހުޅުވާލާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުކުރާ ޕްރޮސެސިންގ ކާރުޚާނާތަކުގެ ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަންވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ. އަދި ފިއުލް ސްކިޑްތަކުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްގެންދަވައި، ކަނޑައެޅިފައިވާ ހުރިހާ ސަރަހައްދެއްގައި، އަންނަ މާރިޗު މަހުގެ ނިޔަލަށް ފިއުލް ސްކިޑްތައް ޤާއިމުކޮށް ނިންމޭނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މަސް ގަންނަ އަގުކަން ފާހަގަކުރައްވައި، އެކަމަށް ޙައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްކުރައްވަނީ، ފަރުވާތެރިކަމާއެކު ދުރުރާސްތާއަށް ވިސްނަވާވަޑައިގެން، ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރެވޭނޭ ގޮތަށްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމުވެސް ދެމެހެއްޓެނިވި ގޮތެއްގައި ހަމަޖެއްސެވުމަށްޓަކައި އިތުރު މަސައްކަތްތައް ކުރައްވަމުންގެންދަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ހުޅުމާލޭގައި ޤާއިމުކުރާ ފެސިލިޓީގެ މަސައްކަތްތައް ގޮސްފައިވާ ހިސާބަށް ބައްލަވާއިރު، ދާދި އަވަހަށް މިފްކޯއިން ބޮޑުކަންނެލި ގަންނަން ފެށޭނޭކަމަށް އެމަނިކުފާނު އަންދާޒާކުރެއްވިއެވެ.
އެމަނިކުފާނު އެންމެ ބޮޑަށް ދެކެވަޑައިގަންނަވަން ބޭނުންފުޅުވަނީ، މަސްވެރިކަމުގެ ސިނާޢަތަކީ ހަމައެކަނި ދިވެހީން މަސައްކަތްކުރާ ސިނާޢަތަކަށް ވާނޭ ދުވަސްކަމަށް ވިދާޅުވެ، ދިވެހި ޒުވާނުން މި ދާއިރާއަށް ނެރޭ ފަރާތްތަކާއި، އޮޑިފަހަރުގައި ހަމައެކަނި ދިވެހި ފަޅުވެރިން ގެންގުޅޭ ފަރާތްތަކަށް ހިތްވަރުދެއްވުމުގެ ގޮތުން، ޤައުމީ ފެންވަރެއްގައި އެ ފަރާތްތަކުގެ އަގުވަޒަންކުރައްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މަސްވެރިކަމުގެ ސިނާޢަތް ނަގާ ކޮޅަށްޖެހުމަށް ވޭތުވެ ދިޔަ ދެ އަހަރު ކުރެވިފައިވާ މަސައްކަތްތަކަކީ މިއަދު ތަފާސްހިސާބުތަކުން ފެންނާންހުރި ޙަޤީޤަތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ސިނާޢަތް ކުރިއެރުވުމަކީ ފަރުދީ އަދި ޖަމަޢީ ތަރައްޤީއަށް ކުރެވޭ ޤައުމީ މަސައްކަތެއްގެ ގޮތުގައި ސިފަކުރައްވައި، ޤައުމީ ވިސްނުމާ ދެކޮޅު ސިޔާސީ އޮއިވަރުގައި ނުޖެހި، އެންމެން އެކުގައި މަސައްކަތްކުރުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ގިނަ ދާއިރާތަކަކުން ޗައިނާއާއިއެކު ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރައްވައިފި2025 ޑިސެމްބަރު 15
އަންނަ ބުދަ ދުވަހުގެ ރޭ ރައީސުލްޖުމްހޫރިއްޔާ ވިޔަފާރިވެރިންނާ ބައްދަލުކުރައްވަނީ 2025 ޑިސެމްބަރު 14
ރައީސުލްޖުމްހޫރިއްޔާ މި ހަފުތާތެރޭ ގަލޮޅު ރައްޔިތުންނާ ބައްދަލުކުރައްވަނީ2025 ޑިސެމްބަރު 14
މަސްވެރި ސިނާޢަތް ކުރިއެރުވުމުގެ ދުރު ވިސްނުމެއް ކުރީގެ ސަރުކާރުތަކުން ގެންގުޅެފައެއް ނެތް: ޝިޔާމް 2025 ޑިސެމްބަރު 14