logologologologo
STO
ޚަބަރު

ދޮގު ޑޮކިއުމަންޓްރީތަކުން އަޅުގަނޑަށް ދުނިޔެ އާއި އާހިރަތުގައި އޮތީ ފައިދާ: ރައީސް

ދޮގު ޑޮކިއުމަންޓްރީތަކުން އަޅުގަނޑަށް ދުނިޔެ އާއި އާހިރަތުގައި އޮތީ ފައިދާ: ރައީސް
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 މޭ 14

އެމަނިކުފާނާ ބެހޭ ގޮތުން ދޮގު ޑޮކިއުމަންޓްރީތައް ހަދައިގެން ލިބެނީ ފައިދާ ކަމަށާއި ކިތަންމެ ގިނައިން ދޮގު ޑޮކިއުމަންޓްރީތައް ހެދިޔަސް މައްސަލައެއް ނެތް ކަމަށް ވިދާޅުވެ، ރައީސް ޑރ. މުހައްމަދު މުއިއްޒު، ވާދަވެރިންނަށް މިރޭ ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒަށް ގަޒްފުކުރުމުގެ ތުހުމަތުގައި "އަދަދު" ގެ ސީއީއޯ ހުސެއިން ފިޔާޒް މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދު އިސްވެ، ހުންނަވައި ނެރުއްވި ޑޮކިއުމަންޓްރީގެ މައްސަލަ ބޮޑުވެފައިވާ އިރު، އެ ޑޮކިއުމެންޓްރީގައި ދައްކާފައިވާ އެއްވެސް ވާހަކައެއް އާއްމުނުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ މިދިޔަ އާދިއްތަ ދުވަހު ގޭގް އަމުރެއް ނެރެފައެވެ. މި ޑޮކިއުމެންޓްރީގައި ހުރި ވާހަކަތައް ރައީސް ޑރ. މުއިއްޒު މީގެކުރިން ވަނީ ދޮގު ވެސް ކުރައްވައިފައެވެ.

ޕީއެންސީ ހަރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ޑޮކިއުމަންޓްރީތައް ހެދުމުން އެކަމާ ވަރަށް ބޮޑަށް އުފާވާ ކަމަށާއި އެކަމަށް މާތް ﷲ އަށް ހަމްދު ކުރައްވާ ކަމަށެވެ. ރައީސް ވިދާޅުވީ އެމީހަކާ ބެހޭ ގޮތުން ހަގީގަތެއް ނެތް ދޮގު ވާހަކަތައް ފަތުރައި އެމީހެއްގެ އަގު ވައްޓާލައި، އަބުރު ކަތިލެވިގެން ދާއިރުގައި ކެތްތެރިކަން އިސް ކުރުމަށް އިސްލާމް ދީނުގައި މަތިވެރި އިސްކަމެއް ދީފައިވާ ކަމަށާއި އެކަމުން ކެތްތެރިވާ މީހާއަށް އޮތީ ސަވާބު ކަމަށެވެ.

"އެހެންވެ، އަޅުގަނޑު އުފާކުރަން ٱلْحَمْدُ لِلَّٰهِ. އަޅުގަނޑު އެދެނީ ގިނަ ގިނައިން ޑޮކިއުމެންޓްރީ ހަދައިގެން ނެރެން. އަޅުގަނޑާ ބެހޭ ގޮތުން ތެދު ބަހުން ޑޮކިއުމެންޓްރީއެއް އަޅުގަނޑުގެ އަބުރު ކަތިލާކަށް ނުނެރެވޭނެ ޔަގީނުން ވެސް. ހުސް ދޮގު ހަދަން ޖެހޭނީ. ހުސް ދޮގު ހަދައިގެން ގިނައިން ނެރެންވީ. އަޅުގަނޑަށް އޭގައި އޮތީ ހުސް ފައިދާ. މި ދުނިޔޭގައި ވެސް އަދި އާހިރަތުގައި ވެސް އަޅުގަނޑަށް ފައިދާ އޮތީ." ރައީސް ވަރަށް ޔަގީންކަމާ އެކީގައި ވިދާޅުވިއެވެ.

އެމަނިކުފާނާއި އަނބިކަނބަލުން އަދި ފަސްޓްލޭޑީ ސާޖިދާ މުހައްމަދު އާ ދުރު ކުރަން ބަޔަކު އުޅޭތީ އެކަމާ ބެހޭ ގޮތުން ވެސް ރައީސް ވާހަކަފުޅު ދެއްކެވިއެވެ. ރައީސް ވިދާޅުވީ ސާޖިދާ އިނގިރޭސި ވިލާތަށް ވަޑައިގެންނެވީ ދަރިކަލުން ކައިރިއަށް ކަމަށާއި އެ ދަތުރުފުޅަކީ ދޮޅު މަހެއްވަރު ކުރިން ރޭވި ދަތުރުފުޅެއް ކަމަށެވެ. އަދި އެކަން ވެސް ބަދަލުވެފައި ވަނީ އެމީހުން ބޭނުންވާ "ނެރޭޓިވް"އަކަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި ގައުމަށް މިހާރު ބޭނުން ވަނީ ސިޔާސީ ކަންކަން ކުރާނެ، ޒިންމާދާރު އިދިކޮޅު ބައެކެވެ. "ބަތް ކައްކާ ކުޅޭ" އަދި "ދެއުޅިއެއް ނުވާ" ފަރާތްތައް އިދިކޮޅުގައި ތިބެގެން ގައުމަށް ވާނެ ފައިދާއެއް ނެތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

MALDIVE GASAllied Insurance
އިތުރަށް