logo
logo
ނިމުނު ހަފުތާ ތެރޭގައި މާލެއިން ގިނަ މަސާޖު ޕާލާތަކެއް ބަންދުކޮށްފި!

ނިމުނު ހަފުތާ ތެރޭގައި މާލެއިން ގިނަ މަސާޖު ޕާލާތަކެއް ބަންދުކޮށްފި!

2025 ޑިސެމްބަރު 13
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ނިމުނު ހަފުތާ ތެރޭގައި މާލެއިން ގިނަ މަސާޖު ޕާލާތަކެއް ބަންދުކޮށްފިއެވެ.

އިމިގްރޭޝަނުން އާންމުކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީން ދެނެގަތުމަށް ކަމާ ގުޅުންހުރި ސަރުކާރުގެ މުއައްސަސާތައް ގުޅިގެން އުފައްދާފައިވާ ޓާސްކުފޯހުން މި ޑިސެމްބަރު މަހުގެ 9، 10 އަދި 11 ގައި ވަނީ މަސާޖު ޕާލާތަކަށް އަމާޒުކޮށް އޮޕަރޭޝަންތައް ހިންގައިފައެވެ.

އިމިގްރޭޝަނުން އިއްޔެ ބުނީ ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރިކޮށް، މަސައްކަތް ކުރަމުންދާ ބިދޭސީންނަށް އަމާޒުކޮށް ޓާސްކްފޯސްއިން ކުރިއަށްގެންދާ އޮޕަރޭޝަންގައި މިމަހުގެ 11 ވަނަ ދުވަހުގެރޭ ވަނީ މާލޭގައި ހިންގަމުންދިއަ އިތުރު ހަތަރު މަސާޖު ޕާލާއެއް ބަލައި ފާސްކޮށްފައި ކަމަށެވެ.

އެ އިދާރާއިން ބުނީ އެ ވިޔަފާރިއަށް ދޫކޮށްފައިވާ ހުއްދައިގެ ބޭރުން، ޤަވާޢިދާ ޚިލާފަށް އުޅެމުންދިއަ 5 ބިދޭސީއަކު އެތަނުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

މީގެއިތުރުން މި މަހުގެ 10 ވަނަ ދުވަހު ހިންގި މިފަދަ އޮޕަރޭޝަނެއްގައި މާލޭގައި ހިންގަމުންދިޔަ ހަތަރު މަސާޖު ޕާލަރެއް ބަލައިފާސްކޮށްފައިވެއެވެ. މިތަނުގައި ވެސް ޤަވާޢިދާ ޚިލާފަށް އުޅެމުންދިއަ 3 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ.

މި ހަތަރު ތަނުގައި ހިންގަމުންދިއަ ވިޔަފާރި ވަގުތުން ހުއްޓުވުމުގެ ފިޔަވަޅުތައް ވިޔަފާރިއާއި އިޤްތިޞާދީ ތަރައްޤީއާބެހޭ ވުޒާރާއިން އަޅާފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ހަމައެހެންމެ މިމަހުގެ 9 ވަނަ ދުވަހުގެ ރޭ ވެސް ވަނީ މާލޭގައި ހިންގަމުންދިއަ ހަތަރު މަސާޖު ޕާލަރެއް ބަލައި ފާސްކޮށްފައެވެ. އަދި ޤަވާޢިދާ ޚިލާފަށް އެތަންތަނުގައި އުޅެމުންދިއަ 4 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

މި 4 ތަނުގައި ހިންގަމުންދިޔަ ވިޔަފާރި ނޯޓިސްއާއެކު ހުއްޓުވުމުގެ ފިޔަވަޅުތައް ވިޔަފާރިއާއި އިޤްތިޞާދީ ތަރައްޤީއާބެހޭ ވުޒާރާއިން އަޅާފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ މި މަހުގެ 10 ގައި ބުނެފައެވެ.

އިމިގްރޭޝަނުން ބުނީ ރާއްޖޭގައި ހުރުމުގެ ހުއްދަ ދޫކޮށްފައިވާ ބިދޭސީއަކު، ރާއްޖޭގެ ޤާނޫނާއި ޤަވާޢީދާ ޚިލާފު ކަމެއް ކުރުމަކީ ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ކުށެއް ކަމަށާއި އަދި އެފަދަ ފަރާތްތައް ރާއްޖޭގައި ތިބެންވާނީ އެފަރާތްތަކަށް ދޫކޮށްފައިވާ ހުއްދައިގައިވާ ދާއިރާގެ ތެރޭގައި ކަމަށް އިމިގްރޭޝަނުން ދަނީ ބިދޭސީންނަށް ހަނދާންކޮށްދެމުންނެވެ.

ބިދޭސީން ރާއްޖޭގައި ތިބެން ވާނީ އެ ބިދޭސީއަކަށް ދީފައިވާ ހުއްދައިގައިވާ ޝަރުތުތަކާ އެއްގޮތްވާގޮތުގެ މަތިން ކަމަށާއި ދޫކޮށްފައިވާ ހުއްދައިގައިވާ ދާއިރާގެ ބޭރުން އަދި ހުއްދައިގައިވާ ޝަރުތުތަކާ ޚިލާފުވާ ބިދޭސީންނާމެދު ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ފިޔަވަޅު އެޅޭނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

މަސާޖްޕާލާ ތަކަށް އަމާޒުކޮށް ބަލާފާސްކުރަން އޮޕަރޭޝަންތައް ފަށާފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ މާލޭ ރައްޔިތުންނާއެކު މިފަހުން ބޭއްވި ބައްދަލުވުމުގައި މާލޭގައި ހިންގާ މަސާޖްޕާލާތައް ހުއްޓުވައިދިނުމަށް އެދިފައިވަނިކޮށް ކަން ފާހަގަ ކުރެވެއެވެ. މި ބައްދަލުވުންތަކުގައި އާންމުންގެ ފަރާތުން ހުށަހަޅާ މިފަދަ މައްސަލަތައް ވަރަށް ގާތުން ބައްލަވާ ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

 

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް