logo
logo
"ސިލޯނާއެކު ދިވެހީން"ގެ ނަމުގައި ބޭއްވި ޓެލެތޯން ނިންމާލައިފި

"ސިލޯނާއެކު ދިވެހީން"ގެ ނަމުގައި ބޭއްވި ޓެލެތޯން ނިންމާލައިފި

2025 ޑިސެމްބަރު 01
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

"ސިލޯނާއެކު ދިވެހީން"ގެ ނަމުގައި ރާއްޖޭގެ މީޑިއާތައް ގުޅިގެން ބޭއްވި ޓެލެތޯން ނިންމާލައިފިއެވެ.

މި ޓެލެތޯންއަކީ ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާއަށް ދިމާވެފައިވާ ޙާލަތާ ގުޅިގެން އެ ޤައުމަށް އެހީވުމަށް ޕަބްލިކް ސަރވިސް މީޑިޔާ، ޕީއެސްއެމް އިސްނަގައިގެން ބޭއްވި ޓެލެތޯންއެކެވެ.

ރާއްޖޭގެ 37 މީޑިއާއެއް ގުޅިގެން ބޭއްވި މި ޓެލެތޯން ފެށީ އިއްޔެ ހެނދުނު 9:00 ޖެހިއިރުއެވެ. ޓެލެތޯން ނިންމާލީ މިއަދު މެންދުރުފަހު 14:00ގައެވެ.

މި ޓެލެތޯންއަށް ޖުމުލަ 11.4 މިލިޔަން ރުފިޔާ އާއި 43،000 ޑޮލަރު ލިބިފައިވާއިރު، ގިނަ އަދަދެއްގެ ޢާންމު ރައްޔިތުންނާއި ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކާއި ކުންފުނިތަކާއި ކުލަބު ޖަމިއްޔާތަކާއި އޮފީސްތަކުގެ އިތުރުން މީޑިއާތަކުން ވަނީ ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ޕީއެސްއެމްއިން ބުނެފައިވެއެވެ.

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން ވަނީ މި ޓެލެތޯނަށް ޚާއްސަ އެކައުންޓެއް ހަމަޖައްސައިދީފައެވެ. މީގެއިތުރުން މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގެ އެކި ސަރަޙައްދުތަކުގައި ފަންޑު ފޮށިތައް ބަހައްޓާފައިވާ ކަމަށާ އަދި މިކަން ކުރިއަށްގެންދިޔައީ މިނިވަން އޮޑިޓް ފާމެއްކަމުގައިވާ ކްރޯ މޯލްޑިވްސް ބެލުމުގެ ދަށުން ދެފުށް ފެންނަގޮތަށް ރައްޔިތުންގެ އިތުބާރު ދެމެހެއްޓޭނެގޮތަށް ކަމަށް ވެސް ޕީއެސްއެމްއިން ވަނީ ބުނެފައެވެ.

ޕީއެސްއެމްއިން ބުނިގޮތުގައި ސިލޯނާއެކު ދިވެހިން ޓެލެތޯނަށް އެންމެ ބޮޑު އަދަދެއް ލިބުނީ ފުލުހުންގެ ފަރާތުންނެވެ. އެއީ 2.4 މިލިޔަން ރުފިޔާއެވެ. ދެވަނައަށް އެންމެ ގިނައިން ފައިސާގެ އެހީއެއް ދިނީ ދިވެހި ސިފައިންގެ ފަރާތުންނެވެ. ސިފައިން ވަނީ 1 މިލިޔަން ރުފިޔާ ހަދިޔާކޮށްފައެވެ.

ރާއްޖެއާ އެންމެ ކައިރީގައި އޮތް ސްރީލަންކާއަކީ ޒަމާނުއްސުރެ ދިވެހިރާއްޖެއާ ނުހަނު ގާތް ރަޙުމަތްތެރި ޤައުމެކެވެ. އަދި އެޤައުމުގެ ރައްޔިތުންނަކީ ދިވެހިންނާ ވަރަށް ގާތްގުޅުންތަކެއް ބާއްވާ އެކުވެރި ބައެކެވެ. ރާއްޖޭން ބޭރުގައި އެންމެ ގިނަ ދިވެހިން ދިރިއުޅެމުން އަންނަ އެއް ޤައުމަކީ ވެސް ސްރީލަންކާއެވެ.

ތޫފާން ދިތުވާގެ ސަބަބުން ސްރީ ލަންކާއަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމާ ގުޅިގެން 1.1 މިލިއަން މީހުން ގެދޮރު ގެއްލި ޙާލުގައި ޖެހިފައިވާއިރު މަރުވި މީހުންގެ އަދަދު ވަނީ 355އަށް އަރައިފައެވެ. މީގެއިތުރުން ގެއްލިފައިވާ ކަމަށް ބެލެވޭ އިތުރު 366 މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި އެ ޤައުމުގެ ކާރިސާތަކާ ބެހޭ އިދާރާއިން ބުނެފައިވެއެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް