logo
logo
ދިވެހިންގެ އެހީތެރިކަމަށް ލަންކާގެ ރައީސް ޝުކުރު އަދާކުރައްވައިފި

ދިވެހިންގެ އެހީތެރިކަމަށް ލަންކާގެ ރައީސް ޝުކުރު އަދާކުރައްވައިފި

2025 ޑިސެމްބަރު 03
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ތޫފާން ދިތުވާގެ ސަބަބުން ސްރީ ލަންކާއަށް ލިބުނު ގެއްލުންތަކާ ގުޅިގެން އެ ޤައުމުގެ ރައްޔިތުންނަށް އެހީތެރިވުމަށް ދިވެހިންގެ ފަރާތުން ދިން އެހީތެރިކަމަށް ލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކެ މިއަދު ޝުކުރު އަދާކުރައްވައިފި އެވެ.

ދިވެހިރާއްޖެއިން ލިބުނު އެހީތެރިކަމަށް ޝުކުރުއަދާކުރައްވާ ލަންކާގެ ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވެވި ހިތްހެޔޮ މެސެޖާއި ރާއްޖެއިން ލަންކާއަށް ދިން އެހީއަށް ޝުކުރު އަދާކުރައްވައިފައެވެ.

ލަންކާގެ ރައީސް ވިދާޅުވީ ރާއްޖެއިން ދެއްކި އެއްބައިވަންތަކަމުގެ ސަބަބުން ލަންކާގެ ރައްޔިތުންނަށް ވަރަށް ބޮޑު އުފަލެއް ލިބިފައިވާ ކަމަށާއި މިއީ ދެ ޤައުމުގެ ގާތް ގުޅުމުގެ ވަރުގަދަކަން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ.

 

 

ލަންކާއަށް ދިމާވި މި ކާރިސާގައި، ޙާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމަށް، ދިވެހި ސަރުކާރުން ވަނީ 25،000 މަސްދަޅު ކޭހާއި 25،000 ޑޮލަރު ސްރީލަންކާއަށް ހަދިޔާކޮށްފައެވެ.

މީގެއިތުރުން ރާއްޖޭގެ މީޑިއާތައް ގުޅިގެން ހިންގި "ސިލޯނާއެކު ދިވެހީން" ޓެލެތޯންއިން ލިބުނު 8 ލައްކައަށްވުރެ ގިނަ ޑޮލަރު ވަނީ ސްރީލަންކާގައި ޙާލުގައި ޖެހުނު ފަރާތްތަކަށް ހަދިޔާކުރުމަށް ދިވެހި ޚާރިޖިއްޔާއާއި ހަވާލުކޮށްފައެވެ.

ތޫފާން ދިތުވާގެ ސަބަބުން ބޯކޮށް ވާރޭ ވެހި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން ކުރިމަތިވި ހާދިސާތަކުގައި ސްރީލަންކާއިން 400 ވަރަކަށް މީހުން މަރުވެ 300 އަށްވުރެ ގިނަ މީހުން ވަނީ ގެއްލިފައެވެ. މީގެއިތުރުން 204،000 މީހުންގެ ގެދޮރު ގެއްލިފައިވާއިރު، 1.3 މިލިއަން މީހުނަށް ވަނީ މި ތޫފާނުގެ އަސަރުކޮށްފައެވެ.

 

 

 

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް